އަމިއްލަ ފަސްގަނޑުގައި ކެނެޑާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް: އަނިޔާގެ ސަބަބުން ޑޭވީސް ނުކުޅޭނެ، ބޮސްނިއާގެ ޒެކޯ ފިޓް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މިރޭ ކެނެޑާ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ބައްދަލުކުރާ އިރު، ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމް (ބީއެމްއޯ ފީލްޑް) ގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފެށޭނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12:00 ޖަހާއިރުއެވެ. މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތާރީޚުގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި މެޗުގެ ރެފްރީއަކީ އާޖެންޓީނާގެ ފަކުންޑޯ ޓެޔޯއެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ކެނެޑާގެ އަމިއްލަ ފަސްގަނޑުގައި އެ ޓީމުން ކުޅޭ ފުރަތަމަ މެޗެވެ. އެހެންކަމުން ހޯމް އެޑްވާންޓޭޖުގެ ބޭނުން ހިފައި، މުބާރާތުގެ ފުރަތަމަ މޮޅު ހޯދުމަށް ކޯޗު ޖެސީ މާޝްގެ އިރުޝާދުގެ ދަށުން ނުކުންނަ ކެނެޑާ ޓީމުން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
ފީފާ ރޭންކިންގގެ 30 ވަނައިގައި އޮތް ކެނެޑާ ޓީމަށް މި މެޗާ ކުރިމަތިލާއިރު އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ޓީމުގެ ކެޕްޓަން އަދި އެންމެ މުހިންމު ކުޅުންތެރިޔާ އަލްފޮންސޯ ޑޭވީސްއަށް ފަލަމަސްގަނޑުގެ އަނިޔާއެއްގެ ސަބަބުން މި މެޗުގައި ނުކުޅެވުމެވެ. ނަމަވެސް، ކެނެޑާގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ މުހިންމު ފޯވާޑް ޖޮނަތަން ޑޭވިޑްގެ މައްޗަށް އެ ޓީމުން ބޮޑު އުންމީދެއް ކުރެއެވެ.
ފީފާ ރޭންކިންގގެ 64 ވަނައިގައި އޮތް ބޮސްނިއާ އެންޑް ހެރްޒެގޮވީނާއަށް މިއީ 2014 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގައި ކުޅޭ ފުރަތަމަ މެޗެވެ. ކޯޗު ސާޖް ބާބަރޭޒްގެ އިރުޝާދުގެ ދަށުން ނުކުންނަ ބޮސްނިއާ ޓީމަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ކޮނޑަށް ލިބުނު އަނިޔާއަކުން ސަލާމަތްވެ ޓީމުގެ ތަޖުރިބާކާރު 40 އަހަރުގެ ފޯވާޑް އެޑިން ޒެކޯ މި މެޗަށް މުޅިން ފިޓްވެފައިވުމެވެ. ޒެކޯ ހުރުމަކީ ކެނެޑާގެ ޑިފެންސަށް ބޮޑު ނުރައްކަލަކަށް ވާނެއެވެ.


