މާލެސަރަޙައްދުގައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލަން އަންގައިފި
މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ހަވީރު 4:00 އިން ފަތިހު 4:00 އަށް ބޭރަށް ނުކުތުން މަނާކޮށް މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގައިފިއެވެ.
މިއަދު އެޗްޕީއޭއިން ނެރުނު އެންގުމެއްގައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާދަމާ އިން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް މާލެ ސަރަހައްދުގައި ހަވީރު 4:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނުކުމެ އުޅުން މަނާ ވާނެ ކަމަށް އެ އެންގުމުގައި ބުނެފައި ވެއެވެ.
އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލައި ،ޑެލިވަރީ އަދި ޓޭކްއަވޭ ޚިދުމަތް ދިނުމަށް ވަނީ އަންގާފައެވެ. އަދި ޑެލިވަރީގެ ފުރުޞަތު އޮންނާނީ ޕޮލިސް ޕަރމިޓާއެކު މެންދަމު 12 އާއި ހަމަޔަށެވެ. ގައިޑްލައިންއާ ޚިލާފުވާ ވިޔަފާރިތައް 24 ގަޑި އިރަށް ބަންދު ކުރަންވެސް ވަނީ ނިންމާފައެވެ.
އަދި 13 މެއި އިން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުންވެސް ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ އަންގާފައެވެ.
މިހާރު މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވަމުންދާތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތްތައް ފަށާފައިވާއިރު، އެ މަސައްކަތުގެ ތެރެއިން ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށް، ސްކޫލްތަކާއި، ކޮލެޖްތައް އަދި އޮފީސްތައް ބަންދު ކުރަން އަންގާފައި ވެއެވެ.

