ސައްތައިން ސައްތަ ރެކޯރޑަކާއިއެކު ލިވަޕޫލާއި އަޔަކްސް ނޮކްއައުޓް ބުރަށް
ދުނިޔޭގައި ބޭއްވޭ އެންމެ ފޯރިގަދަ ކުލަބު ފުޓްބޯޅަ މުބާރާތްކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ބާކީ ދެ މެޗު އޮއްވައި ލިވަޕޫލާއި އަޔަކްސް އިން މުބާރާތުގެ ނޮކްއައުޓް ބުރުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ލިވަޕޫލުން ނޮކްއައުޓް ބުރުގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ސްޕެއިންގެ ވަރުގަދަ އެތުލެޓިކޯ މެޑްރިޑް 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަދި އަޔަކެސް ވަނީ ފަހަތުންއަރާ ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑް 3-1 ން ބަލިކޮށްފައެވެ. މި ނަތީޖާތަކާއި އެކު ލިވަޕޫލާއި އަޔަކްސް ވެސް މުބާރާތުގެ ނޮކްއައުޓްގެ ފުރަތަމަ ބުރު ނުވަތަ ގަދަ 16 ގެ ޖާގަ ކަށަވަރުކުރީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ.
ރޭ ލިވަޕޫލުގެ އަމިއްލަ ސްޓޭޑިއަމް އެންފީލްޑް ގައި ކުޅުނު މެޗުގައި އެޓީމަށް ގޯލްތައް ކާމިޔާބުކޮށްދިނީ މެޗުގެ 13 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ އާއި މެޗުގެ 20 މިނިޓްގައި ސަޑިއޯ މާނޭ އެވެ. މިދެކުޅުންތެރިންނަށްވެސް ގޯލުޖެހުމަށް އެސިސްޓް ކޮށްދީފައިވަނީ އަލެކްސަންޑަ އާނޯލްޑް އެވެ.

އަޔަކްސް ފަހަތުންއަރާ މޮޅުވި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނަގަފައިވަނީ ޑޯޓްމަންޑަށް ލިބުނު ޕެނަލްޓީއަކުން މާކޯ ރެއުސް އެވެ. މި މެޗުގެ 29 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު މެޓް ހަމެލްސް އަށް ރަތް ކާޑެއް ދައްކައިފައި ވުމުން އެޓީމުން ޑިފެންސްއަށް ސަމާލުކަން ދިނުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ ފަހު ވިއްސަކަށް މިނިޓް ތެރޭ ތިން ގޯލު ޖަހައި އަޔަކްސް މެޗު ކާމިޔާބު ކުރުމެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ޑޫސާން ޓަޑިޗާއި ސަބެސްޓިއަން އަލެއާ އަދި ޑޭވީ ކްލާސެން އެވެ.
މި މުބާރާތުގައި ލިވަޕޫލާއި އަޔަކްސްގެ އިތުރުން މިހާތަނަށް ނޮކްއައުޓް ބުރުން ޖާގަ ޔަޤީންކޮށްފައިވާ ޓީމުތަކަކީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކާއި އަދި އިޓަލީގެ ގަދަބާރު ޔުވެންޓަސްއެވެ.

