ކުޅިވަރު

ތަފާތު ބޮޑު ނަތީޖާއަކުން މާފަރުބަލިކޮށް ކުޑަފަރިން ސެމީއާއި ފިޔަވަޅެއްގާތަށް

މިހާރު ނ.ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތުގައި މިއަދު ހަވީރު ކުޅެވުނު ގްރޫޕް ބީ ގެ މެޗުގައި މާފަރާއި ކުޑަފަރި ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން މާފަރު ބަލިކޮށް ކުޑަފަރީން ސެމީއާއި ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.

މިއަދުގެ މެޗަށް ނިކުތް އިރުވެސް މި ދެޓީމުން ކުރެ ޓީމަކަށް ސެމީފައިނަލުން ޖާގައެއް ލިބެންއޮތީ މޮޅުވެގެން ކަމަށްވާތީ މިއަދުގެ މެޗުފެށުމާއި އެކު ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ އިދިކޮޅު ޓީމުގެ ގޯލަށް ޕްރެޝަރ ކުރެވޭތޯ ބަލަމުން ދިޔަތަނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ ދެވަނަ މިނެޓްގައި ކުޑަފަރީން އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބު ކުރުމެވެ. ކުޑަފަރީގެ މި އަވަސް ގޯލާއިއެކު އެޓީމުން ދިޔައީފުލްފުލުގައި މާފަރުގެ ގޯލަށް ބާރު ބޮޑު ކުރަމުންނެވެ. މިގޮތުން ކުޑަފަރީ ޓީމުންވަނީ ފުރަތަމަހާފުގައި މާފަރު ކޮޅަށް 3 ގޯލްޖަހާ ރަނގަޅަށް ހަމަޖެހިލައިފައެވެ.

މިއަދުގެ މެޗުގެ ފަހު ހާފުގައިވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ރާއްޖޭގެ ޤައުމީޓީމުގެ ކުޅުންތެރިއަކު ހިމެނޭ ކުޑަފަރީ ޓީމުންނެވެ. މިއަދުގެ މެޗުގައި ދެ ލަނޑުޖަހާ، މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައިވަނީ ރާއްޖޭގެ ޤައުމީޓިމަށް ކުޅެމުން އަންނަ ކުޑަފރީއަށް އުފަން ސަމްދޫޙް މުޙައްދެވެ. ސަމްދޫޙްވަނީ އެޓީމުން މިހާތަނަށް ކުޅުނު 3 މެޗުގައިވެސް ފާހަގަކޮށްލެވޭ ފަދަ މޮޅުކުޅުމެއްވެސް ދައްކާފައެވެ.

މިއަދުގެ މެޗުން 4 ލަނޑު 1 ލަނޑުގެ ބޮޑުތަފާތަކުން ކުޑަފަރި ޓީމު މޮޅުވެފައިވާއިރު ގިނަބަޔަކު ފާހަގަކުރި  ގޮތުގައި މިފަހަރުގެ މުބާރާތުގައި މިހާތަނަށް ޓީމެއްގެ ގޮތުގައި އެންމެ ރަނގަޅު ކުޅުމެއްވެސް ދައްކަމުން އަންނަ އެއްޓީމަކީވެސް ކުޑަފަރީޓީމެވެ.

މިއަދުގެ މެޗުން ކުޑަފަރި ޓީމުމޮޅުވުމާއި އެކު މުބާރާތުގެ ސެމީފައިނަލަށް ގްރޫޕް ބީގެ ދެވަނަ ޖާގަ އެންމެބޮޑަށް ތަނަވަސްވެފައިވަނީ ކުޑަފަރިޓީމަށެވެ. މިއަދުގެ މެޗުން ކުޑަފަރިޓީމު މޮޅުވުމާއިއެކު ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި ލަންދޫ އާއި ކުޑަފަރި ބައްދަލުކުރާ މެޗު އެއްވަރު ކޮށްލައިގެންވެސް ކުޑަފަރިޓީމަށް ސެމީފައިނަލްގެ ޖާގަ ލިބިގެންދާނެއެވެ. ލަންދޫޓީމަށް ސެމީއަށް ދެވޭނީ ކުޑަފަރިޓީމު ބަލިކޮށްގެން ކަމަށްވާތީ ލަންދޫ އާއި ކުޑަފަރި ބައްދަލުކުރާ މެޗު ވެގެންދާނީ ވަރަށް ފޯރިގަދަ މެޗަކަށެވެ. މިގްރޫޕުން ހޮޅުދޫޓީމު ވަނީ އެޓީމުކުޅުނު         3 މެޗުވެސް ކާމިޔާބުކޮށް ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. މިގްރޫޕްގައި ދެން ހިމެނޭ މާފަރު އަދި ވެލިދޫއަށް ސެމީފައިނަލަށް ދިއުމުގެ އެއްވެސް ފުރުޞަތެއް ނެތެވެ.

މިމުބާރާތުގައި މާދަމާ އޮންނާނީ ގްރޫޕް އޭގެ މެޗެކެވެ. މިމެޗުގައި ބައްދަލުކުރާނީ މިގްރޫޕުން ސެމީގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވާ ކެނދިކުޅުދޫ އާއި މަގޫދޫއެވެ. މި މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3.45 ގައެވެ.     

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close