ކޮއްކޮގެ ވާހަކަފޮތް (ކުލަފޮށި)
ކޮއްކޮގެ ކުލަޖައްސާ ފޮތް ހޯދަނީއެވެ. ފޮތް ފެނުނީ ކުޑަ މޭޒުމަތީގައި އޮތްވައެވެ. ކޮއްކޮއަށް ފޮތް ބޭއްވުންތަން ހަނދާން ނެތުނީއެވެ. ފޮތް ފެނުމުން ދެން ކޮއްކޮ ކުލަފޮށި ދަބަހުން ނެގިއެވެ. ފޮތް ހުޅުވާލުމަށްފަހު ކޮއްކޮ ފުރަތަމަ ނެގީ ރަތްކުލައެވެ. ރަތްކުލަ ޖެއްސީ އާފަލުގައެވެ. ދެން ނޫކުލަ ނެގުމަށްފަހު ފޮތުގައި ކުރަހާފައިވާ ގަމީހެއްގައި ކުލަ ޖެއްސިއެވެ. އެއީ ކޮއްކޮއަށް އެންމެ ރީތި ކުލައެވެ.
ތިންވަނަ ގަނޑަށް ބަލައިލިއިރު ފެނުނީ ވަރަށް ރީތިކޮށް ކުރަހާފައިވާ މަންޒަރެކެވެ. އޭގައިވާ ބަގީޗާގައި ހުރި މާތަކުގައި ފިޔާތޮށިކުލައާއި ރީނދޫކުލަ ޖެއްސިއެވެ. އަދި މުސަޅުގައި މުށިކުލަ ޖެއްސުމަށްފަހު މުސަޅު ކާން އިން ކެރެޓުގައި އޮރެންޖު ކުލަ ޖައްސާލިއެވެ. އަދި ބަގީޗާގެ ގަސްތަކުގައި ފެހިކުލަ ޖެއްސުމަށްފަހު، ކޮކާތަކުގައި ދަނބުކުލައާއި އަޅިކުލަ ޖެއްސިއެވެ. އަދި ބަގީޗާގައި ހުރި ކުޑަކުއްޖާގެ ބޮލުގެ އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސިއެވެ. ލައިގެން ހުރި ހެދުމުގައި ވައިލެޓްކުލަ ޖެއްސިއެވެ. އެއަށްފަހު ބޮލުގައި އިން ބޭންޑުގައި ރިހިކުލަ ޖެއްސިއެވެ. އަދި އަތުގައި އޮތް ފަންސޫރުގައި ޗޮކްލެޓްކުލަ ޖެއްސިއެވެ. ކަރުގައި އޮތް ފަށުގައި ރަންކުލަ ޖެއްސިއެވެ.
ކުލަޖައްސާ ނިންމާފައި މަންމައަށް ފޮތް ދެއްކުމުން މަންމަ ވަރަށް އުފާވިއެވެ.
(ނިމުނީ)
ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!
- ކޮއްކޮ އެންމެ ފުރަތަމަ ބޭނުންކުރި ކުލައަކީ ކޮބާ؟
- ކޮއްކޮ ގަމީހުގައި ޖެއްސީ ކޮން ކުލައެއްތަ؟
- ކޮއްކޮ މުސަޅާއި ކެރެޓުގައި ޖެއްސީ ކޮން ކުލަތަކެއްތަ؟
- ވާހަކަގައި ހުރި ކުލަތަކަށް ކިޔާ ނަންތަކުގެ ލިސްޓެއް ލިޔޭ!
- ކޮއްކޮއަށް އެންމެ ރީތި ކުލައަކީ ކޮން ކުލައެއްތަ؟
މިއީ ޕްރީސްކޫލު އުމުރުފުރައިގެ ކުދިންނަށް ޚާއްސަކޮށް ވާހަކައިގެ ޒަރިއްޔާއިން ދިވެހިބަހުން އެއިއެކި ތަކެއްޗާއި ތަންތަނާއި ކަންކަމަށް ކިޔާ ނަންތަކާއި އަދި މީގެ އިތުރުން ދިވެހި އަކުރުތަކާއި ފިލިތަކުން ފެށޭ ބަސްތައް ދަސްކޮށްދިނުމުގެ ބޭނުމުގައި “ކޮއްކޮގެ ވާހަކަފޮތް” މި ނަމުގައި ތައްޔާރުކޮށްފައިވާ ވާހަކަ ސީރީޒެކެވެ. އަދި މިވާހަކަތައް ކިޔުމަށްފަހު ހަދާނެ ކުޑަ ތަމްރީނެއް ކޮންމެ ވާހަކައެއްގެ ފަހަތުގައި ހިމަނާފައިވާނެއެވެ. މި ސިލްސިލާގައި ޖުމުލަ 19 ވާހަކަ ހިމެނިފައިވާނެއެވެ.
