ވާހަކަ

މަޢާފް

އަހަރެންގެ ކައިވެންޏަށް 2 އަހަރުވީއެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ ރާއިދަކީ އަހަރެންގެ ހުރިހާ ވެސް އުއްމީދެކެވެ. އެހެނަސް މިއަދު އަހަރެން ދެކެމުންއައި ހުވަފެންތަކުގައި އޭގެ ހަޤީޤީކުލައެއް ނުޖެހުނެވެ. ދުނިޔެ އަހަރެންނަށް ދެއްކީ މުޅިން ތަފާތު މަންޒަރެކެވެ. ލޯތްބާއި ހަމްދަރުދީއަކީ ވޭނާއި ހިތްދަތިކަމެވެ. އެއީ އިޙްސާންތެރިކަމާއި އެކު ހަޔާތުގެ އެންމެ ނާޒުކު ދަނޑިވަޅުގައި އެންމެ ގާތުގައި ހުންނާނެ ކަމަށް އުއްމީދުކުރި މީހާއެވެ.

   އަހަރެންގެ އަލަތު ދަރިފުޅަށް ބަލިވެ އިންކަން އެނގުމާއި އެކުގާހެން ރާއިދުގެ މިޒާޖަށް ބަދަލު އަންނަކަން އަހަރެންނަށް އިހްސާސްކުރެވުނެވެ. ސަބަބު ހޯދަން ކުރި މަސައްކަތްވީ ބޭކާރެވެ. ކުރާ ކޮންމެ ސުވާލެއް ނިންމާލަން ޖެހެނީ ޒުވާބަކުންނެވެ. ނޫނީ ރުއިމަކުންނެވެ. އަހަރެން އެގޮތް ބޭނުންނުވީއެވެ. ކޮންމެ ފަދަ ޙާލަތެއްގައި އުޅެން ޖެހުނަސް އެއްވެސް ޝަކުވާއެއް ނުކޮށް އެ ހިތްދަތި ކަމުގައި ދިރިއުޅެވޭތޯ ބެލީމެވެ.

ރާއިދުގެ ފަރާތުން މާބޮޑު އަޅާލުމެއް ނުލިބެއެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ ހިތްދަތިކަމާއެކުގައެވެ. އެންމެފަހުން އަހަރެންގެ ބަނޑަށް 8 މަސް ވީތަނާހެން ރާއިދަށް ރިސޯޓުން ވަޒީފާ ހަމަޖެހިއްޖެއެވެ. ޙާލަތުގެ ގޮތުން ރާއިދު ވަކިވާން މަޖުބޫރުވިނަމަވެސް، އަހަރެންގެ ހިތާހިތުން އޭރު ރާއިދު އަހަރެންގެ މަދަދުގާރެއްގެ ގޮތުގައި ހުރުމަށް ނުހަނު ބޭނުންވިއެވެ. އެކަމަކު ކުރާނެ ކަމެއްނެތެވެ.

ދުވަސްނުފުރާ އަހަރެން ވިހައިފިއެވެ. އަހަރެން ހީކުރީ އެ ޚަބަރު ލިބިގެން ރާއިދު އަހަރެންގެ ކައިރިއަށް އަންނާނެ ކަމަށެވެ. ރާއިދު އައީ ގުޅާފައި އާދޭސްކުރީމައެވެ.

އަހަރެންނަށް ލިބުނު ލޯބިލޯބި ދަރިފުޅު ފެނުމުން ހިތަށް ލިބުނު އުފާވެރިކަން ބަޔާންކޮށްދެން އުނދަގުލެވެ. މަންމަމެންގެ އެހީތެރިކަމާއެކު ހަޔާތުގެ އެ އުނދަގޫ ދުވަސްތަކަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ.

 އެހެނަސް، އޭގެ ތިންމަސް ފަހުން އަހަރެންނަށް ޚާއްސަކަމެއް އެ މައުސޫމު ދަރިފުޅުގެ ފަރާތުން ފެނުނެވެ. އާއެކެވެ. އަހަރެމެންނަށް ލިބުނު އެދަރިފުޅުވީ ނުކުޅެދޭ ކުއްޖަކަށެވެ. އެކަމާ އަހަރެންނާއި މުޅި އާއިލާ ނުހަނު ހިތާމަކުރިއެވެ.  ކެތްތެރިކަމާއެކު މިންވަރަށް ޝުކުރުކުރަން މަސައްކަތްކުރީމެވެ. ޝަކުވާތަށް ހިތުގައި ފޮރުވައިގެން ހުރެއެވެ. އެކަން އެނގުމުން ރާއިދު ދަރިފުޅުގެ މަތިން އަދި މާބޮޑަށް ފޫހިވާގޮތް ވިއެވެ. ސީދާ އެކަން ހާމަނުކުރިޔަސް ރާއިދުގެ ޢަމަލުތަކުން އަހަރެންނަށް އެކަން ފާހަގަކުރެވެއެވެ.

އަހަރެންނަށް ޙަޤީޤަތް ހާމަވީ ރާއިދުގެ ފަރާތުންނެވެ. އެއީ އަހަރެންގެ ޙަޔާތުގައި ދުވަހަކުވެސް ވެދާނެކަމަށް ހީކުރި ކަމެއް ނޫނެވެ. އެއީ އާ އަހަރު ފެށެން ކައިރިވެފައި ވަނިކޮށް ރާއިދަށް ލިބުނު ޗުއްޓީއެއްގައި ރަށަށް އައިސް އުޅުނު ދުވަސްކޮޅެވެ. ކުރިއާއި ބަލާފަ ކޮންމެވެސް ވަރެއްގެ ތަފާތު ކަމެއް ރާއިދުގެ ފަރާތުން ފެނުނެވެ. ވަރަށް ލޯބިން އޯގާތެރިކަމާއެކު ވާހަކަދައްކާ ހަދައެވެ. އަނެއްބައި ފަހަރު ރުޅިގަދަވެފައި ހުރެދާނެވެ. މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ފަރާތުން ފެންނަ ކަހަލަ އަލާމާތްތަކެއް އަހަރެންނަށް ރާއިދުގެ ފާރާތުން ފާހަގަކުރެވުނެވެ. އެރޭ އޭނާ ހުރީ ކޮންމެވެސް އެއްޗެއް ބޮއެގެންނެވެ. ނިދީގައި ރާއިދު އަހަރެންނާއި މެދު ކުއްލިއަކަށް އިހާނެތިކޮށް ކަންތައް ކުރަން ފެށި ސަބަބު ކިޔާދިނެވެ.

ހަޤީޤަތުގައި ރާއިދު ދަރިއަކު ހޯދާކަށް ބޭނުމެއް ނޫނެވެ. އެހެންވެ އެނާ އަހަރެން ބަނޑުބޮޑުވިކަން އެނގުމުން ކޮންމެވެސް ބޭހެއް ދިނީއެވެ. ދަރިފުޅު ވައްޓާލުމަށެވެ. އެކަމަކު އެހެނެތް ނުވިއެވެ. އެބޭހުގެ އަސަރު ދަރިފުޅަށް ކޮށްފައި އެވަނީއެވެ. އެޙަޤީޤަތް އެނގުމުން އަހަރެން ރާއިދުގެ ކިބައިން މުޅިން ސަލާމަތްވީމެވެ.

މިއަދު މިއީ އަހަރެންގެ ދަރިފުޅު އޭނާގެ ބައްޕައާއި ބައްދަލު ކުރާނެ ދުވަހެވެ. އެހެނަސް އަހަރެންގެ ހިތުން އޭނާއަށް މަޢާފް ދެވިދާނެ ހެއްޔެވެ؟ (ނިމުނީ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close