ވާހަކަ

އޯކިޑް ( ތިންވަނަ ބައި)

އޯކިޑް (3 ވަނަ ބައި)

އޭރުވެސް ހަމަހިމޭން ކަމުގެ ވިލާތައް އުނޑުމަތިން ދައުރުކުރަމުން ހަނދާއި ސަމާސަ ކުރަމުންދަނީއެވެ. ނަތާޝާ އާއި އެނާގެ އެކުވެރިން އެކިއެކި ވާހަކަގައި ތިއްބެވެ. ކުއްލިއަކަށް ނަތާޝާގެ ހިތުގެ ހިނގުން އަވަސް ވީ އެކުވެރިން ރިއުޝާންގެ ނަމުން ގޮވައިލުމުންނެވެ. ލިބުނު ސިހުމާއިއެކު ކުއްލިއަކަށް އޭނާއަށް އެދިމާލަށް ބަލައިލެވުނެވެ.

       އެކަމަކު އެއީ ނަތާޝާގެ ކުރީގެ ލޯބިވެރިޔާ އެއް ނޫނެވެ. ވައްތަރީ ހަމައެކަނި އޭނަގެ ނަމެވެ. އެ ޒުވާނާ އެމީހުންނާއި ގާތް ވެލިއެވެ. ތެދެކެވެ. ކުރިން ނުދެކޭ މޫނެކެވެ. އޭނާގެ ލޮލުގެ ވިދުވަރު ފިސާރި ފުރިހަމައެވެ. “ލައިޓު ބުރައުން” ކުލައިގެ ސާފު ދެ ކަޅި ފެނުނު ވަގުތު ނަތާޝާގެ ހިތް އަވަސްވެ ހުއްޓުނު ކަހަލައެވެ. ރިއުޝާންގެ އެ ލޯބި ލޯބި ލޮލުގެ ކަޅި ނަތާޝާއަށް އެވަގުތު ސިފަކުރެވުނެވެ. އޭނާ އެ ޒުވާނާއަށް ސިއްރުން ބަލަން އިނެވެ. ފުރިހަމަ ހަށިގަނޑެކެވެ. ޒުވާން މޫނެކެވެ. ހިތްތައް ކަތިލާފަދަ ލޯބި ހިނިތުންވުމެކެވެ. އެ މޫނު ފެނުމުން ހިތާމައިގައިވާ މީހައިވެސް އުފާވެގެންދާފަދަ ހިނިތުންވުމަކާއި ބަލައިލުމެކެވެ.

ގުޅުންހުރި ލިޔުންތައް

       މުޅިރޭގެ ހަމަހިމޭންކަން ގެއްލުނު ކަހަލައެވެ. އެޒުވާނާ ނަތާޝާއާއި ދިމާލަށް ނަޒަރު ހިންގަން ފެށިއެވެ. “ރަށަށް ގޮސް މަޖާ ނަގަފައި ދޯ ތިޔައީ..؟” އެތަނުން އެކަކު އެޒުވާނާއަށް މުހާތަބު ކޮށްފައި ބުނެލިއެވެ. އެސުވާލުގެ ޖަވާބު ދިނުމުގެ ކުރިން އޭނާ ބުނެލިއެވެ. “މަށަށް ކިޔަނީ ރިއުޝާނެއް ނޫން…އެއީ މަގޭ ކޮއްކޮއަށް ކިޔާނަން ..ކަލޭމެންނަށް އޮޅުނީދޯ؟” މަލާމާތުގެ ފާޑަކަށް ހިނިތުންވެލަމުން އޭނާ ނަތާޝާއާއި ދިމާލަށް ބަލައިލިއެވެ. އަދި ބުނެލިއެވެ. “މިއީ ކޮން ކުއްޖެއް؟”.

އަސްނާ ލާނެތް ފާޑަކަށް ބުނެލިއެވެ. “އެއީ އަހަރެމެންގެ ބެސްޓްބަޑީ ޕްރިންސެސް ނަތާ…”. އެއީ އޭނާގެ އެފްބީގެ އައިޑީއެވެ. ދިމާކުރުމުގެ ގޮތުން އެނަން ބޭނުންކުރީއެވެ. އެވަގުތު ނަތާޝާ ރަކި މަލެއް ފަދައިން ރަކިވެ އިސްޖަހައިލިއެވެ. “ލަދު ނުގަނޭ މިއީ ހަމަ އަހަރެމެންގެ “ފުރޭންޑްސް”. މިއީ ނިޝާމް… ނިއްޓޭ. އޭނާއާއި ސަލާން ކޮށްލާ…ނަތާ…” އޫޝާ ނިޝާމް ތައާރަފު ކޮށްދިނުމުގެ ގޮތުން ބުނެލިއެވެ. ނަތާޝާ އެނާއާއި ސާލާމް ކޮށްލީ ނިކަން ލަދުން ހުރެއެވެ. ހާދަ ހޫނު އަތެކެވެ. ޒުވާން ލޭގެ ހޫނުކަން އެއަތުގައި ވެއެވެ.

     އެރޭގެ އެ އުފާވެރި އިހުސާސްތަކުން އެއްކިބާވުމަށްފަހު ކޮޓަރިއަށް ވަނުމަށް  ނަތާ ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ހުޅުވުމަށްޓަކައި ތަޅުދަނޑި ދަބަހުން ނެގިއެވެ. އަދި ފުރަގަހަށް ބަލައިލިއެވެ. އޭރު ނިޝާމް މަޑުމަޑުން އޭނާގެ ކޮޓަރީގެ ދޮރުފަތް ލައްޕައިލުމަށްފަހު ބޭރަށް ނިކުންނަނީއެވެ. “ހާދަ އަވަހަކަށް ތި ނިދަނީ. އާދެބަލަ މިތާ ޖައްސާލަން.”  ކައިރީގައި ހުރި ގޮޑިއެއްގައި ނިޝާމް އިށީންނަމުން ނަތާއަށް ފުރަތަމަ ދަޢުވަތު ދިނެވެ. މިދަޢުވަތަކީ ނަތާޝާއަށް ލިބުނު ފުރަތަމަ އެކަހެރި މިނިވަން ބައްދަލުވުމެވެ. އެނާ ހުރީ ޖެހިލުންވެފައެވެ. ނުދަންނަ މީހަކާއި އެފަދަ ވަގުތެއްގައި އެކަހެރިކޮށް ބައްދަލުކުރުމަކީ ރަނގަޅުކަމެއް ނޫން ކަމުގައި އޭނާގެ ހިތް ބުނާކަހަލައެވެ. ނަމަވެސް އޭނާގެ އެކުވެރިންނަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ލިބުނު ދަޢުވަތައް ފުރަގަސް ދޭކަށް ނޭދުނެވެ. ދެ ޙިޔާލެއްގައި ހުރެފައި އެނާ ވަކިގޮތެއް ނިންމިއެވެ.

    ނަތާޝާ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ނަގަމުންގޮސް ނިޝާމް އިށިއިދެގެން އިން ގޮޑީގެ އަނެއް ކޮޅުގައި އިށިއިނެވެ. އޭރު ނަތާޝާގެ އަތްފައި ފިނިވަމުން ދެއެވެ. ހިތްއަވަސް ވަމުންދެއެވެ. ދަޢުވަތުގެ ފިނިކަމުގެ ތެރެއަށް ތާޒާކަން ގެނެސްދީފައި ވަނީ ފޮޅިފައިވާ ހުދުކުލައިގެ އޯކިޑް މާތަކުންނެވެ.  ނަތާޝާ ހިނިތުންވުންވެލިއެވެ. ބަދަލުގައި ނިޝާމްވެސް ހިނިތުންވުމެއް ހަދިޔާކުރިއެވެ.

    “މިރޭ ފަތިހު “ޑިޕާޗާރ”އަށް ދާން ޖެހެތީވެ އަވަހަށް ނިދަން މިއުޅެނީ…” ނަތާޝާ އޭނާގެ ސުވާލަށް ރައްދު ދިނެވެ. އެވަގުތު ނިޝާމް ސިނގިރޭޓެއް ނަގައި ރޯކުރަމުން ނަތާޝާއާއި ވާހަކަ ދެއްކިއެވެ. “މަށަށްވެސް “ވޭކު އަޕު ކޯލެއް” ދޭންވާނެ…” މިހެން އޭނާ ބުނުމުން ކުރިއަށްވުރެވެސް ނަތާޝާއާއި އޭނާ ގާތްވާހެން ހީވިއެވެ. “މަ ނަތާ ކިޔަސް އޯކޭދޯ؟” ނިޝާމް ސިނގިރޭޓްގެ އަޅިކަނޑާލިއެވެ. ނަތާ ތެޅި ތެޅި އޮތް ހިތަކައިގެން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. “ފޯނު ނަންބަރ ކިޔާބަލަ!” ނިޝާމް ނަތާގެ ފޯނު ނަންބަރ އޭނާގެ ފޯނަށް ސޭވްކޮށްލިއެވެ. (ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close