ބޭބެ ފަކީރު (ކުރުވާހަކަ)
މީގެ 50 އެއްހާ އަހަރު ކުރިން މިލަދުންމަޑުލު ދެކުނު ބުރީގައި އޮންނަ ރަށެއްގައި ވަރަށް ބާރު ގަދަ މީހެއް އުޅުނެވެ. ދަނޑު ފަނގުގެ ގޮތުން މުއްސަނދި ފަޤިރުންނަށާއި މިސްކީނުންނަށް އަޅާލާ މީހެކެވެ. ރަށުގެ ބޮޑުންގެ މެދުގައި ބަސް ވިކޭ ރަށަށް އިޚުލާސްތެރި މީހެކެވެ. މަސައްކަތް ކުރަން ދަންނަ ހީވާގި މައް ދިވެއްސެއްގެ ގައިގާ ހުންނަން ޖެހޭ ހުރިހާ ސިފައެއް ހުރި މީހެކެވެ.
ފަޤީރަކު ރުކުގައި އޮއްވާ އާރުކާޓީ ވަގު ހިފަން އައުމުން އެމީހާ ރުކު ކުރިގަނޑަށް އަރުއްވާ ފިލުވާފައި އާރުކާޓީ އެތަނުން ދާންދެން ބަލަން ހުރެފައި އޭނާ އެތަނުން ދިޔައީމާ ފަޤީރު ކަލޭގެ އެރުކުން ބާލުވާ ސަލާމަތް ކޮށްދީފައިވަނީ އެތަކެއް ދުވަހެއްގައެވެ. ނުވީތާކަށް އަމިއްލަ ދަނޑުން ކަނޑައިގެން އެކިއެކި ފަޤީރުންގެ ގެއަށް އަށެއްކަ ގަނޑު ކަށިކެޔޮ ތަންޑިޔާ ލައިގެން ނުގެންގޮސްދޭ ދުވަހެއް ނުދާނެއެވެ.
މިމަންޒަރު ފެނި ފަޤީރުންގެ ހިތް އޮތީ މުޅިންހެން ބޭބެއަށް ލެނބިފައެވެ. ކަންތައްތައް މިގޮތަށް ހިނގަމުން ދާތީ އެކަމާ ބިސްމަޅި ދުއްވަމުންދާ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް މިގޮތަށް ލެވޭ ހަސަދައަކުން ވާ ބައްޔެއްގައި މީހާގެ ޒަމާން ގޮސްދާނެ ކަމަށް ހީކުރާނީ ފަހެ ކާކުހެއްޔެވެ؟
ކޮންމެއަކަސް މިބޭބެއަކީ މުރާލި ކަމުގައި އަރާހުރި ނަމޫނާއެކެވެ. ދެއިރު ދެދަޅައަށް ރާވެރިކަމު ދާނެއެވެ. ރަށަށް ވިޔާފާރި އޮޑީގައި ކާޑު ގެނައުމުގައި އިސްކޮން ހުންނާނީވެސް އޭނާއެވެ. އެއްދުވަހަކު ހެނދުނު ދަޅައަށް ރާކުރަން ގޮސްއުޅެފައި އެހެން ރުއްތައް ހުރި ނެތް ގޮތެއް ބަލާލަން ދިޔައިރު ކަމުދާނެ އެއްވެސް ގޮތެއް ނެތެވެ. އެތް އަންނަން ވެފައިހުރި ގިނަ ރުއްރުކުގައި އެތެއް ނެތެވެ. ކަންތައް ގޯސް ވެއްޖެކަން އެނގުނު ހިސާބުން ކިޔެވެލިބެއާއި ވާހަކަ ދައްކައިފިއެވެ. އެދުވަހުގެ ހަވީރު ދަޅައަށް ރުއްތައް ބަލަން ދާނެ ކަމަށް ވައުދުވެފައި ދެމީހުން ވަކިވިއެވެ.
އިރު އޮއްސެން މުށެއްހާތަން އޮއްވާ ބޭބެ ގޮސް ރުކުގައި އޮވެއްޖެއެވެ. ކިޔެވެލިބޭވެސް އަންނަން ވަޢުދުވި ގަޑިއަށް އަތުވެއްޖެއެވެ. ނަމަވެސް ކިޔެވެލިބޭ ދެންނެވި ފަދައިން ރުކުގައި ތިން ބުރު ޖަހާލުމުގެ ކުރިން ބޭބެއަށް “އަރާ” ށޭ ބުނެވިއްޖެއެވެ. ދެންވީ ގޮތެއް ދެނެވޮޑިގެން ވަނީ ހެއްދެވި ފަރާތާއި ރުކަށް ދެން އެރި ދެވަނަ މިހާއެވެ. މީނާއަށް ހޭލެވުނީ ކިޔެވެލިބޭ އޭނަގެ މޫނަށް ފެން ޖަހަތީއެވެ. ހިނގައި ގަނެވޭހާ ހިތްވަރު ނެތުމުން ކިޔެވެލިބޭގެ ކޮނޑުގެ ބާރުގައި ގެއާއި ހަމައަށް ދިޔައެވެ.
ވީގޮތެއް އެނގޭ ހަމަ އެކަކުވެސް ރަށުގައި ނޫޅޭ ކަހަލައެވެ. ނަމަވެސް ބޭބެގެ އުނަގަނޑުން ތިރިން ވާގި ދާން ފެށި ހިސާބުން މީހުންނަށް އެކަން ފާހަގަވިއެވެ. އެއްދުވަހު މިގޮތަށް ވާގި ގޮސްފައި އަނބުރާ އެވާތްގެއް ނައެވެ. ހެޔޮ އެދިގެން ގާތުގައި އޭރު ތިބި މީހުންވެސް މިހާރު ކަނުވެފައިވާ ކަހަލައެވެ. ދޭތެރެ ދޭތެރެއިން ހާލު ބަލާހެދި ކަމުގައި ވިޔަސް ޅަދަރިންނަށް ކާއެއްޗެއް ދިއްކޮށްލާނެ ހަމައެކަކުވެސް ނުވެއެވެ.
ބަފާކަލޭގެ ބެލުން ހަވާލުވެފައި އޮތީ ދޮށްޓަށް ތިބި ދަރިންނާއެވެ. ދޮށީ އަންހެން ދަރި ރަށުކަތީބާއި ކައިވެނި ކުރުމުން ވެސް އަޅާލާނޭ މީހެއް މަދުވުން ފިޔަވާ އެހެން ކަމެއްނުވިއެވެ. ނަމަވެސް އެހާއިރަށް އަނބިމީހާ ލައްވާ ދަރިން ކާނޭ އެއްޗަކަށް ސަލާން ޖަހާކަށް ނުޖެހެއެވެ.
މިގޮތަށް ދަރިންތައް ބޮޑެތި ވަމުންގޮސް ސަންގުގެ އަޑު ރަށުން ކެނޑި ލައުޑުސްޕީކަރުގެ އަޑު ގުގުމާލިއިރުވެސް ބޭބެ ފަކީރު އޮންނެވީ މިހާލެއްގައެވެ. އާރާއި ބާރު އޮތް ދުވަހު ގާތުގައި ތިބި މީހުން ބަލި އެނދުގައި އޮށޯތުމުން ފެންނާކަށް ނެތެވެ. ހެޔޮ އެދުނު ދަރިއަކު މެނުވީ މިއަދު ކާއެތިކޮޅެއް ހިފައިންވެސް ކައިރި ނުވެއެވެ. މީ އަދި ނިމުނީއެއް ނޫނެވެ. ބަފާ ފަކީރު ފެންވަރުވާ ތާހިރު ކުރުވުންވެސް ބޭރު ފަރަންޖީ އަކާއި ހަވާލު ކޮށްފިއެވެ.
ފެނުނު މީހެއްގެ ލަގޮނޑި ފަޅައިގެންދާ ހާލުގައި އެތައް އަހަރަކު އުޅުނު އިރުވެސް ބޭބެ ޝަކުވާއެއް ކުރާތީ އަޑު އެހި މީހަކު ނެތެވެ. ބަލިހާލު އިތުރަށް ގޯސް ނުވަނިސް ﷲ ގެ ތަނަވަސް ރަހުމަތުން މިއަހަރުގެ ރަމަޟާން މަހު ފަހު ދިހައިގާ ބޭބެ ފަކީރުގެ ފުރާނަ ދެމިއޮތުމުގެ އާލަމަށް ދަތުރު ކޮށްފިއެވެ.
