ދިޔަރެސް (ދެވަނަ ބައި)
ކުޑަކުދިންގެ ވާހަކަ 55 ( ދިޔަރެސް 2 ވަނަ ބައި)
އިންތިޒާރު ކޮށްގެން ހުރި ފެނުޕަރީގެ ކުޑަ ނަމަވެސް އަސަރެއް ނުފެނުމުން އީވާން ކަރުއެލުނެވެ. ނިކަން ފޫހިގޮތަކަށް ޗޮކެއް ކަނޑާލުމަށްފަހު މަންމައާއި ދިމާއަށް މާޔޫސީ ނަޒަރަކުން ބަލައިލިއެވެ. “ދެން ދަމާ ހިނގާ! އެހެން ދުވަހަކުން އަންނަނީ ދޯ؟ މިއަދު ޕަރީތައް މިހިސާބަށް ނާންނަ ދުވަކީ ކަމަށް ވެދާނެ.” އީވާން ގެ މޫނުން ފެނުނު ކުލަވަރުން އިވުނާ އޭނާގެ ދަރިފުޅު ހިތްހަމަ ޖައްސާލަދިނެވެ. އެވާހަކައިން އަނެއްކާވެސް އީވާނަށް ލިބުނީ އިތުރު އުއްމީދެކެވެ. ނިކަން އުފަލުން ފޮޅިފައި މަންމަގެ ގައިގައި ބައްދާލިއެވެ. “މަންމަ މިހާރު ގަބޫލުކުރަންދޯ މާމެއިޑު އެއީ އުޅޭ އެއްޗެއް ކަމަށް؟” އީވާން ކުރެއް ނުކުރިއެވެ. އޭނާގެ ވިސްނުމުގައި މުޅިން ހެން ދައުރުވަމުން ދިޔަ ފެނުޕަރީގެ ވާހަކައިން ސުވާލު އުފައްދަނީއެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތުގައިވެސް އީވާންގެ ވާހަކައަކީ އެއީއެވެ. “ބައްޕާ! މިހާރު މަންމަވެސް ގަބޫލު ކޮށްފި މާމެއިޑު އެއީ އުޅޭ އެއްޗެއް ކަމަށް! ” އީވާން ބަތް ސުވައެއް ނަނގާ އަނގަޔަށް ލުމުގެ ކުރިން ބުންޏެވެ. ” ދެން މިއަދު މާމެއިޑު ދުށިންތަ؟” ބައްޕަ އީވާންގެ ވާހަކަގައި ބައިވެރިވީ މާ ޝައުޤުވެރިގޮތަކަށް ނޫނެވެ. “މާދަމާ އޮފީސް ޕިކުނިކް ދަތުރެއް ހަމަޖައްސަން އެބަޖެހޭ. އަންދުމެންގެއަށް ބައްޕަ ދާން މިދަނީ. އާދެވޭނީ ތަންކޮޅެއް ލަހުން” ކައި ނިމިގެން އާރިޒް ތެދުވެ އަތްދޮވެލިއެވެ. އޭރު މަންމަ ހުރީ މޭޒު ކައިރީގައި އީވާން އަށް ޖޫސްތައްޓެއް ގިރާށެވެ. ޖޫސްތަށި ގިރާ ނިންމާލުމަށްފަހު އީވާންގެ ކައިރީގައި ބެހެއްޓިއެވެ.
މޭޒުމަތީގައި ހުރި ތަށިތައް ނަގާ ސިންކާއި ދިމާލަށް އިވުނާ ދިޔަ ވަގުތު ކުއްލިއަކަށް ގޭގެ ފުރާޅު މައްޗަށް އެއްޗެއް ނިކަން ބާރަށް ވެއްޓުނެވެ. ދެމައިން އެއްފަހަރާ ކަހަލަ ގޮތަކަށް ދިޔައީ ސިހިގެންނެވެ. އީވާން ދުވެފައި ކަހަލަ ގޮތަކަށް މަންމަ ކައިރިއަށް ދިޔައެވެ. “އަނެއްކާ ކޮން އަޑެއްބާ؟” އިވުނާ ހިތާ ހިތާ ކިޔާލިއެވެ. “އެވަނީ ރުކަކުން ކާޓެއް ވެއްޓުނީކަމަށް.” އީވާން ބިރުގަންފައި ހުރުމުން މަންމަ އޭނާ ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރިއެވެ. އެހެނަސް އެގެއާއި ކައިރި ހިސާބަކުވެސް އެފަދަ ގަހެއް ރުކެއްވެސް ނުހުރެއެވެ. އިވުނު އަޑާއި މެދު ޖެހިލުންވެ ހުރެ އިވުނާ ފުންކޮށް ވިސްނާލިއެވެ.
“ދަރިފުޅާ ފައިދޮވެގެން އަވަހަށް ނިދަން ދަމާ ހިނގާ!” އީވާން ސިޓިން ރޫމާއި ދިމާލަށް ދާން އުޅޭހެން ހީވެގެން އިވުނާ ބުންޏެވެ. އީވާންއަކީ ކާޓޫނު ބެލުމަށް ނުހަނު ފޯރި ހުންނަ ކުއްޖެއް ކަމުން ބައްޕަ ނުޅޭ ވަގުތަކީ އީވާންނަށް ވަރަށް މިނިވަންކަން ލިބޭ ވަގުތެކެވެ. މާދަމާއަކީ ބަންދު ދުވަހަކަށް ވެފައި ދަރިފުޅަށް އެ ފުރުޞަތު ދޭން އިވުނާ ބޭނުންވިއެވެ. އެހެންނަމަވެސް މިރޭ އިވުނު ގޮތްނޭނގޭ ގަދަ އަޑުން އިވުނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އުފެދިފައި ވެއެވެ. އާރިޒް ނެތިސް އެކަނި އެހެން އިންނަން އިވުނާ ބޭނުންނުވީއެވެ. “ބައްޕައެއްވެސް ނެތް! މާދަމާއަކީ ހޮލިޑޭއެއްނު؟ ދެން ކީއްވެ އެހާ އަވަހަށް ނިދަން ވީ؟” އީވާން ޝަކުވާ ކުރިއެވެ. އެހެނަސް އެޝަކުވާތަކަށް އިތުރު ރައްދެއް ނުދީ އިވުނާގެ އަތުގެ އިޝާރާތުން ކޮޓަރިއަށް ދިޔުމަށް އެންގިއެވެ. އީވާން ނިކަން ފޫހިގޮތަކަށް ދެފަރާތަށް ބޯހުރުވަމުން ކުސްތަޅަމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. (ނުނިމޭ)
