ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި
ބީއެމްއެލްގެ ނަމުގައި އޮޅުވައިލައިގެން ގިނަ ޢަދަދެއްގެ ފައިސާ ހޯދި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ބީއެމްއެލްގެ ނަމުގައި މަކަރާއި ހީލަތުން 60000 އަށްވުރެ ގިނަ ރުފިޔާ އަތުލަން އުޅުނު މައްސަލައިގައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުކަމަށާއި އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަޙްޤީގު ކުރަމުންނެވެ.
ބޭންކުގެ ނަމުގައި އެކީ މީސް މީހުންނަށް ގުޅައިގެން ފައިސާ ހޯދަން އުޅޭ މައްސަލަ ބޮޑުވެފައިވާއިރު، އެކަމަށް ސަމާލުވުމަށް ފުލުހުންނާއި ބެންކުންވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ. ނަމަވެސް މިފަދަ ކަންކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ބައެއް ފަހަރު ހިތާމަވެރި ކަންކަން މީހުންނަށް ދިމާވެފައި އެބަހުއްޓެވެ.
އެހެންނަމަވެސް މިކަމުގައި ފަރުދީ ހޭލުންތެރިކަމާއި، ފަރުދީ ޒިންމާ އެބައޮތެވެ. އެއްވެސް ކަމެއްގައި ބޭންކުން ތިބާގެ ފޯނަކަށް ނުގުޅާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. އަދި ވަކިން ޚާއްޞަކޮށް މިފަދަ ފައިސާގެ މުއާމަލާތެއްގެވާހަކަ ދައްކާނަމަ އެމައްސަލައެއް ވަގުތުން ކަމާބެހޭ ފަރާތަށް ހުށަހަޅުއްވަމުން ގެނަދަވާށެވެ.


