މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާ ޖަލަށް ލުމަށް ހުކުމް ކޮށްފި
މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާ ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
އެމީހާ މާލޭގެ ދެ މިސްކިތަކަށް ކުޑަކަމު ގޮސްފައި ވާއިރު އެއްމަހާއި 19 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރު ކުރީ އުމުރުން 40 އަހަރުގެ މ. ޝޭޑީހޯމް، ހަސަން ޒިޔާދު ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކޮށްދޭން ފޮނުވުމަށްފަހު އޭނާ ބަންދުން ދޫކޮށްލިއެވެ.
ނަމަވެސް ފަހުން އޭނާ އަނެއްކާވެސް ހައްޔަރުކުރިއެވެ. އޭނާ ފަހުން ހައްޔަރުކުރީ ހަތިމަކަށް ކުޅުޖެހި މައްސަލާގައެވެ.
މިސްކިތްތަކަށް ކުޑަކަމުދިޔަ މައްސަލާގައި ދައުލަތުން ޒިޔާދުގެ މައްޗަށް އުފުލާފައި ވަނީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދެ ދައުވާއެވެ، އެ ދައުވާތަކަށް އޭނާ އިއުތިރާފުވިއެވެ. ނަމަވެސް ކޯޓުގައި އޭނާ ވަނީ ޖޫރިމަނާ އަކަށް އަދަބު ބަދަލު ކޮށްދޭން އެދިފައެވެ.
އެހެންނަމަވެސް އޭނާގެ އަމަލަކީ އިސްލާމްދީނާއި ރާއްޖޭގެ ގަައުމިއްޔަތާ ގުޅުންހުރި ތަންތަނުގައި ހިންގާފައިވާ ހުތުރު އަމަލަކަށް ވާތީ ޖޫރިމަނާ އަކަށް އަދަބު ބަދަލެއް ނުކޮށްދިނެވެ. ދެ ދައުވާ އަށް އެއްކޮށް ޖުމްލަ ދެ މަހާއި 12 ދުވަހަށް ހުކުމްކުރިއެވެ. އެކަމަކު އޭނާ ބަންދުގައި ހުރި ދުވަސްތަކަށް ކެނޑުމަށްފަހު ޖަލުގައި ހޭދަ ކުރަން ޖެހޭނީ 1 މަހާއި 19 ދުވަސް ކަމަށް ކަނޑައެޅިއެވެ.

