މީހުން

ސައިކަލުގެ މަރަމާތަށް މާލެގެންދިއުމަށް ނިމުން ގެނެސްދިން ޒުވާނާ

ޅަޢުމުރުގައި ބައްޕަ ގަނެދިން ސައިކަލެއް ދުއްވަމުގެ ތެރެއިން ސައިކަލަށް ދިމާވާ ތަފާތު މައްސަލަތައް ހައްލުކުރުމުގެ މަސައްކަތަށް ޝައުޤުވެރިވި ޒުވާނެކެވެ. ރަށުގައި ދުއްވާ ސައިކަލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހިލޭސާބަހަށް މަސައްކަތް ކުރަން ފެށި ޒުވާނެކެވެ. އެންމެފުރަތަމަ ނ. ލަންދޫގައި ހުޅުވުނު “ހީނާގަރާޖު”ގެ އެންމެ އިސް މޭސްތިރިޔާއެވެ. މިއަދު ސައިކަލުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ހައްލު ކޮށްދޭ ލަންދޫގެ އެންމެހައި ރައްޔިތުންގެ ޚިދުމަތްތެރިޔާއެވެ. ކުޑަދުވަސްކޮޅެއްގައި ދަރިވަރުންގެ ލޯބި ހާސިލްކުރެއްވި އިސްލާމް މުދައްރިސެކެވެ. ލަންދޫ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި ކެޕްޓަނެވެ. ފުޓްބޯޅަ އެކަޑަމީއެއްގެ މަސްއޫލުވެރިއެކެވެ. އަރަމުން އަންނަ އުންމީދީ ފުޓްސެލް ރެފްރީއެކެވެ. ޒިންމާދާރު ވެރިއެކެވެ. އަނބި ދަރިންދެކެ އިންތިހާއަށް ލޯބިވާ ޒިންމާދާރު ބައްޕައެކެވެ. އަދި ލަންދޫ ގިނަ ޒުވާނުންތަކެއްގެ އިސްލީޑަރުވެސް މެއެވެ.  އާދެ! ނ. ލަންދޫ ހީނާވިލާ އަލްފާޟިލް ހުސެއިން ޖަވާދު (ޖަވާ) އެވެ.

2008 ވަނަ އަހަރު ހިސާބުގައި ޖަވާގެ ބައްޕަ ޖަވާއަށް ހޯދައިދިން ސައިކަލެއް ދުއްވަމުންގޮސް އެއަށް ދިމާވި ތަފާތު މައްސަލަތައް އަމިއްލައަށް ޙައްލުކުރުމުގެ ގޮތުން އުފެދުނު ޝައުޤުވެރި ކަމެއްގެ ތެރެއިން ފެށުނު ސައިކަލް މަރާމާތުގެ މަސައްކަތް މިއަދު މިވަނީ ވަރަށް ބޮޑަށް ކުރިއަރާ ފުޅާވެގެން ގޮސްފައެވެ.

އާބާދީގައި އެގާރަ ސަތޭކައަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ލަންދޫގައި 150 އަށްވުރެ ގިނަ ސައިކަލް ދުއްވަމުންދާއިރު މިއަދު މިހުރިހާ ސައިކަލަކަށްވެސް ދިމާވާ މައްސަލަތައް ހައްލުކޮށް މަރާމާތުކޮށްދެމުން ގެންދަނީ ޖަވާގެ މޭސްތިރިކަމުގައި އޭނާގެ އަމިއްލަ “ހީނާގަރާޖު” އިންނެވެ.

ސައިކަލް މަރާމާތުކޮށް ހެދުމުގެ މަސައްކަތުގެ ތެރެއަށް ވަތްއިރުވެސް، ޖަވާގެ އުންމީދަކަށް ހަދާފައިވަނީ ސައިކަލަކަށް ދިމާވާ މައްސަލައަށް ހައްލު ނުގެނެވިގެން މާލެއަށް ގެންދަން ޖެހުނަ ނުދިނުމެވެ. މީގެކުރިން ލަންދޫގައި ދުއްވާ ސައިކަލުތަކަށް މައްސަލަ ޖެހުމުން ކޮންމެވެސް ވަރަކަށް އެމައްސަލަތައް ހައްލަކުރުމަށް މާލެއަށް ގެންދަން ޖެހުނު ނަމަވެސް މިއަދު އެމަންޒަރެއް ނުފެނެއެވެ. އެއާއި ޚިލާފަށް މިއަދު ފެނިގެންދަނީ ލަންދޫގައި ދުއްވާ ސައިކަލްތަކަށް ދިމާވާ މައްސަލަތައް ލަންދޫ ފަސްގަނޑުގައި ތިބެގެން ޖަވާގެ ގަރާޖުން ހައްލުކުރަމުން ގެންދާ މަންޒަރެވެ. އަދި ސައިކަލަށް ބޭނުންވާ ތަފާތު ސުޕެއާތައްވެސް ލަންދޫއިން ޖަވާގެ ހީނާ ގަރާޖުން ފޯރުކޮށްދެމުން ގެންދާތަނެވެ.

މީގެ ކުރިންލަންދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިއޮތް އަނެއްކަމަކީ ސައިކަލުގެ ރޯޑުވާދިނަސް ހެއްދުމަށްޓަކައި ބޮޑުއަގުދީފައިވާ ސައިކަލްތައް މާލެގެންދަން ޖެހުމެވެ. މިކަމަށްވެސް މިވަނީ ޖަވާގެ މަސައްކަތުން ނިމުން ގެނެސްދީފައެވެ. ޖަވާގެ ހީނާ ގަރާޖުން ސައިކަލްގެ ރޯޑުވާދިނަސް ހަދައިދިނުމުގެ މަސައްކަތް ވަނީ މިއަހަރު ފަށާފައެވެ. އަދި މެދު ކެނޑުމެއްނެތި މި ޚިދުމަތް އެތަނުން ގެންދަނީ ފޯރުކޮށްދެމުންނެވެ. ސައިކަލްތަކަށް ދިމާވާ އާދައިގެ ކުދިކުދި މައްސަލަތަކަށް އެއްވެސް އަގެއް ނެގުމެއްނެތި އެމައްސަލައެއް ހައްލުކޮށްދޭއިރު ބޮޑަތި މައްސަލަތައް ދިމާވުމުންވެސް ނިސްބަތުން ވަރަށް ކުޑަ ކުޑަ އަގަކަށް އެކަމެއް ހައްލުކޮށްދޭކަން ލަންދޫގެ ރައްޔިތުން ފާހަގަކުރަނީ ޝުކުރުވެރިކަމާއި އެކުގައެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދަރިވަރުންގެ ލޯބިހާސިލްކުރެއްވި ކުޅަދާނަ އިސްލާމް ޓީޗަރެއް

ޖަވާ، ލަންދޫސްކޫލްގައި އިސްލާމް ޓީޗަރެއްގެ ވަޒީފާވެސް އަދާކުރެއްވި

2006 ވަނަ އަހަރު ލަންދޫ ސްކޫލުން އިޢުލާންކުރި ރިލީފް ޓީޗަރެއްގެ ވަޒީފާއަށް ކުރިމަތިލައްވައި ރިލީފް ޓީޗަރެއްގެ ވަޒީފާއަށް ވަންނަވައި ޖަވާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެދުވަސްވަރު އެ ސްކޫލުގައި ކިޔަވަމުން ދިޔަ ގިނަ ކުދިބައެއްގެ އިޙްތިރާމާއި ލޯބި ހާސިލްކުރައްވާފައެވެ. ޚާއްޞަގޮތެއްގައި ޖަވާގެ ކިޔަވައި ދިނުމުގެ ސްޓައިލަކީ އޭރު ޖަވާގެ ގާތުން ކިޔެވި ދަރިވަރުން ޝުކުރުވެރިކަމާއި އެކު މިއަދުވެސް ހަނދާންކުރަމުންގެންދާ ކަންތައްތަކެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޖަވާ ކިޔަވައި ދެއްވިނަމަވެސް ޖަވާގެ ފަރާތުން ލިބުނު ފިލާވަޅުތަކުން ބައެއް ދަރިވަރުންގެ އުޅުމާއި އަޚްލާޤަށް ބޮޑަތި ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަމަށް އެދުވަސްވަރު ޖަވާގެ ފަރާތުން ކިޔެވިބައެއް ދަރިވަރުން ފާހަގަކުރާކަމީ ޖަވާގެ ކިބައިގައި ކިޔަވައި ދިނުމުގެ ހުނަރު ހުރިކަން ޤަބޫލުކުރަން ޖެހޭ ޙަޤީގަތެކެވެ.

ލަންދޫ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި ކެޕްޓަން

ސިޔާމް މައުރޫފްކަޕްގައި ، ޕޮގްބާގެ އަތުން ޓްރޮފީއެއް ލިބިގަންނަނީ

ޤުދުރަތުން ފުޓްބޯޅައިގެ ހުނަރު ލިބިފައިވާ ޖަވާ އަކީ 2007 ވަނަ އަހަރުން ފެށިގެން ޤަވާއިދުން ލަންދޫގެ  ފުޓްބޯޅަ ޓީމުގެ ފުލް 11 ގައި ކުޅެމުން އަންނަ ހުނަރުވެރި މޮޅުކުޅުންތެރިއެކެވެ. ލަންދޫގެ ފުޓްބޯޅައިގައި މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑަތި ކާމިޔާބީ ތަކުގައި ޖަވާގެ ހިއްސާ ވަރަށް ބޮޑެވެ. ޚާއްޞަކޮށް ޅ.ކުރެއްދޫ ރިސޯޓްގައި ބޭއްވުނު ވަރުގަދަ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 2013 ވަނަ އަހަރު ލަންދޫގެ ޓީމުން ހޯދިއިރު އެ މުބާރަތުގައި އެންމެ ބޮޑަށް ވިދާލި ކުޅުންތެރިޔަކީ ޓީމުގެ ކެޕްޓަނެއްގެ ރޯލު އަދާކުރި ފުޓްބޯޅައިގެ ނަމުން ނަމަ “ކެޕްޓަންޖަވާ” އެވެ. އެމުބާރާތުގެ ފައިނަލްގައި ޖަވާ ކާމިޔާބު ކުރި ގޯލާއިއެކު ޖުމުލަ 6 ގޯލު އެ މުބާރާތުގައި ލަންދޫޓީމަށް ކާމިޔާބު ކޮށްދީފައިވެއެވެ. މީގެ އިތުރުން ނ.އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން މިހާތަނަށް ނ.އަތޮޅުގައި ބޭއްވުނު އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޝިޔާމް-މަޢުރޫފް ސޮކަކަޕް މުބާރާތްތަކުގައި  ލަންދޫޓިމުން ހޯދި ހުރިހާ ކާމިޔާބެއްގެ އެންމެ ބޮޑު އެއް ހިއްސާދާރަކީވެސް ހަމަ ޖަވާއެވެ. 2007 ވަނަ އަހަރު ނޮވެމްބަރ 24 ވަނަ ދުވަހު ލަންދޫ އާއި މަނަދޫ ބައްދަލުކުރި މެޗެއްގައި ފުރަތަމަ ފަހަރަށް ލަންދޫޓީމަށް ގޯލެއް ކާމިޔާބުކޮށްދިން ޖަވާ ވަނީ މިހާތަނަށް ލަންދޫ ޓީމަށް 70 ގޯލު ކާމިޔާބުކޮށްދީފައިވެއެވެ. މިއީ 2006 ވަނަ އަހަރުން ފެށިގެން ލަންދޫޓީމަށް އެންމެގިނައިން ގޯލު ކާމިޔާބުކޮށްދިން 2 ވަނަ ކުޅުންތެރިޔާއެވެ.

 

ލަންދޫ އިންފޯ އެވޯޑްގެ ޓޮޕްސްކޯރަރ ގެ އެވޯޑް ޖަވާއަށް ވަނީ ލިބިފައި

މީގެ އިތުރުން ޖަވާ ވަނީ ލަންދޫގައި މިހާތަނަށް ބޭއްވުނު އެންމެ ޝަރަފުވެރި އެވޯޑުކަމަށްވާ ލަންދޫ އިންފޯ އެވޯރޑު ބޭއްވުނު ކޮންމެ އަހަރެއްގައިވެސް  ގިނަ ކެޓަގަރީތަކަކަށް ވާދަކޮށް އެންމެފަހުން ބޭއްވުނު މި އެވޯޑުނައިޓްގައި ލަންދޫޓީމަށް އެންމެ ގިނަ ގޯލުކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ އެވޯރޑްވެސް ހާސިލްކޮށްފައެވެ.  

ރަށުންބޭރުގެޓީމުތަކަށް ކުޅެދީފައިވޭ

ކުރެއްދޫ ކަޕްގައި ޖަވާވަނީ ލަންދޫޓީމްގެ ކެޕްޓަނުގެ ޒިންމާއަދާކޮށްފައި

ޖަވާއަކީ ލަންދޫގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ރަށުން ބޭރުގެ ޓީމުތަކަށް ގޮސް އެޓީމުތަކަށްވެސް ނުހަނު ގިނަގުނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅުތެރިއެއްވެސް މެއެވެ. މިގޮތުން ޖަވާ ކުޅެފައިވާ ޓީމުތަކުގެ ތެރޭގައި ށ.މާއުނގޫދޫ، ށ. ފުނަދޫ ނ.ޅޮހި، ނ. ކުޑަފަރި އަދި ނ.މަނަދޫގެ ޓީމުތައް ހިމެނެއެވެ. މީގެ ތެރެއިން ކުޑަފަރީ އާއި ޅޮހީގެ 1 ނަމްބަރ ޓީމަށް އެޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ފުލް 11 ގައި ހިމެނިގެން ޖަވާ ވަނީ ކުޅެފައެވެ. ޖަވާ ކުޅެންދިޔަ އެހެން ރަށްރަށުގައި ޖަވާ ކުޅެފައިވަނީ އެރަށުގެ ލެވެލުގައި ބޭއްވި މުބާރާތްތަކުގައި އެރަށަށް ނިސްބަތްވާ ކޮންމެވެސް ޓީމަކަށެވެ. ޖަވާ ފާހަގަ ކުރެއްވި ގޮތުގައި މިއީ ފުޓްބޯޅައިގެ ރޮނގުން ޖަވާއަށް ލިބިގެން ދިޔަ ޢާދަޔާ ޚިލާފް ތަޖުރިބާއަކާއި ކުރިއެރުމެކެވެ.

އަރަމުން އަންނަ އުންމީދީ ފުޓްސެލް ރެފްރީއެއް

ފުޓްސެލް ރެފްރީންގެ ތެރޭގައިވެސް ޖަވާއަންނަނީ އަރަމުން

އަބަދުވެސް ފުޓްބޯޅައަށް ޚާއްސަ ލޯތްބެއް ހިތުގައި އޮންނަ ޖަވާއަކީ މިއަދު ފުޓްބޯޅަ ކުޅުންތެރިއެއްގެ އިތުރުން ވަރަށް ގިނަބައެއްގެ އިޙްތިރާމާއި ލޯބި ހާސިލްކުރަމުން އަންނަ ޒުވާން ރެފްރީއެއްވެސް މެއެވެ. ޖަވާގެ އުފަން ރަށް ލަންދޫގައި ބާއްވާ ގިނަ ފުޓްސެލް މުބާރާތްތަކުގައި ޖަވާ ރެފްރީކަން ކުރަމުން އަންނަ އިރު ޖަވާ ވަނީ ނ.ކެނދިކުޅުދޫގައި ބޭއްވުނު  ހޮލިޑޭކަޕް ފުޓްސެލް މުބާރާތެއްގަ އާއި ނ. ހެނބަދޫ ޖޯޝް ޖަމްއިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި ޖޯޝް ޖަމްޢިއްޔާގެ ޔޫތުކަޕް ފުޓްސެލް މުބާރާތެއްގެ ރެފްރީކަންވެސް ކޮށްފައެވެ. މި ހުރިހާ މުބާރާތެއްގައިވެސް ޖަވާގެ ރެފްރީކަން ކުރުމަށް އެތައްބައެއްގެ އިޙްތިރާމާއި ލޯބި ޖަވާއަށް ވަނީ ލިބިގެން ގޮސްފައެވެ.

ފުޓްބޯޅަ އެކަޑިމީއަކާއި އެކު ފުޓްބޯޅައިގެ ޒުވާން ޖީލެއް އުފެއްދުމުގެ އަޒުމުގައި  

ޖަވާގެ އަމިއްލަ އެކަޑަމީގެ ލޯގޯ ތަޢާރަފްކުރުން

މިއަދު ޖަވާއަކީ އޭނާގެ އުފަންރަށް ލަންދޫގެ ފުޓްބޯޅައިގެ މުސްތަޤްބަލު ކަމުގައިވާ ތުއްތު ކުދިންނަށް އަމާޒުކޮށް އިތުރު ބައިވެރިއަކާއިއެކު އަމިއްލަ އެކަޑަމީއެއް އުފައްދައިގެން ހުނަރުވެރި ރަނގަޅު ފުޓްބޯޅައިގެ ޖީލެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޒުވާނެއްވެސް މެއެވެ. ޖަވާގެ “ޔޫޓޫޖޭ އެކަޑަމީ” ގައި މިހާރުވެސް 200 އެއްހާ ކުދިން ރަޖިސްޓްރީވެފައިވާއިރު މި ކުދިންނަށްޓަކައި ޖަވާމެން ގެންދަނީ ތަފާތު ޓުރެއިނިންގ ތަކާއި، މުބާރާތްތައް ބާއްވައި ދެމުންނެވެ. މީގެ އިތުރުން އެކަޑަމީގެ ފަރާތުން ގެންދަނީ އަތޮޅުގައި އޮންނަ އެހެނިހެން އެކަޑަމީތަކުގެ ކުދިންނާއި އެކު ރަޙްމަތްތެރިކަމުގެ މެޗްތައްވެސް ކުޅެމުންނެވެ. މިހާރުވެސް ޖަވާމެންގެ “ޔޫޓުޖޭ އެކަޑަމީ” އިން ވަނީ ކައިރި ތިން ރަށެއްގެ އެކަޑަމީގެ ކުދިން ބައިވެރިކޮށްގެން ފުޓްބޯޅަ ފިއެސްޓާރއެއް ބޭއްވުމަށް އިޢުލާންކޮށްފައެވެ. މިވަގުތަށް މަޑުޖެހިފައި އޮތީ ކޯވިޑް-19 އާއި ގުޅިގެންނެވެ.

ޒިންމާދާރުވެރިއެއް ، ބައްޕައެއް އަދި ޒުވާނުންގެ ލީޑަރެއް

ލަންދޫހެލްތް ސެންޓަރުގެ ޒިންމާދާރު ވެރިޔާގެ މަޤާމް އަދާކުރަމުން ޖަވާދަނީ އިތުބާރާއެކު

ނ.ލަންދޫ ސްކޫލުން ގްރޭޑް 7 ނިންމުމަށް ފަހު ނ. ހޮޅުދޫ މޭނާ ސްކޫލަށް ބަދަލުވެ އެސްކޫލުން އޯލެވެލް ފުރިހަމަ ކުރައްވާ ހިޔުމަށް ރިސޯސްމެނޭޖުމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވާ އަދި މިހާރު މިދާއިރާއިން ޑިގްރީއަށް ކިޔަވަމުން ގެންދަވާ ޖަވާއަކީ ނ.ލަންދޫ ސިއްހީމަރުކަޒުގެ ހިންގުންތެރި ޒިންމާދާރުވެރިޔާއެވެ. ޖަވާގެ މައްޗަށް ސިޔާސީ އިސްވެރިޔަކު ހުންނެވިކަމުގައިވިޔަސް އެތަނުގެ އިދާރީ ކަންތައްތައް ކުރިއަށްދަނީ ސީދާ ޖަވާގެ ބެލެހެއްޓުމުގެ ދަށުންނެވެ. މިއަދު ލަންދޫ ސިއްޙީމަރުކަޒު ހޯދަމުން ގެންދާ ކުރިއެރުންތަކުގެ އެއްމެ މުހިއްމު އެއް މަދަދުގާރަކީވެސް ހަމަ ޖަވާއެވެ.

ޖަވާގެ އުންމީދަކީ ދަރިފުޅު ޖައިޝްއަކީވެސް މޮޅު ކުޅުންތެރިއަކަށްވުން

މިއަދު ޖަވާއަކީ ޒަވާޖީ ހަޔާތެއް ފަށައި ލޯބި ލޯބި ތުއްތު ދެ ދަރިންގެ ޒިންމާދާރު ބައްޕައެއްވެސް މެއެވެ. ޖަވާގެ އެންމެ ދޮށްޓަށް ފިރިހެން ދަރިއަކު ހުރިއިރު މިއަދުވެސް އެދަރިފުޅު އަންނަނީ ލަންދޫގައި ތުއްތު ކުދިންނަށް އަމާޒުކުރެވިގެން ބޭއްވޭ ތަފާތު ފުޓްބޯޅަ މުބާރާތްތަތަކުގައި ރަނގަޅު ހުނަރުވެރި ކުޅުމެއް ދަށްކަމުންނެވެ. ފުޓްބޯޅައިގެ ތަޖުރިބާ ކާރުން ޤަބޫލްކުރާ ގޮތުގައި ޖަވާގެ ދަރިފުޅަކީ ހަމަ ޖަވާފަދަ މޮޅުކުޅުންތެރިއަކަށްވާނެ ހުނަރުވެރި ދަރިއެކެވެ. މިއީ ޖަވާގެވެސް އުއްމީދެއްކަމުގައި ޖަވާ ފާހަގަކުރައްވައެވެ.

ޖަވާގެ އުފަން ރަށް ލަންދޫގެ ޒުވާނުންނަކީ ވަރަށް އެކުވެރި އެއްބައިވަންތަ ބަޔަކުކަމަށް ވީހިނދު އެ ޒުވާނުން ލީޑުކުރުމުގައި ޖަވާއަކީ މުހިއްމު ރޯލެއް އަދާކުރައްވާ ފަރާތެކެވެ. ޚާއްޞަކޮށް ލަންދޫގައި ހިންގާ ތަފާތު ކުޅިވަރު މުބާރާތްތަކުގައި ޖަވާގެ ލީޑަރ ޝިޕާއި ބައިވެރިވުން ވަރަށް ބޮޑަށް ފެނިގެންދެއެވެ. އަދި ވަކިން ޙާއްޞަކޮށް ފަރުޟް ފަސްނަމާދަށް ރައްކާތެރިވެ، ޒުވާނުން ނަމާދަށް އަހުލުވެރި ކުރުވުމުގައި ޖަވާގެ ރޯލް ބޮޑުކަން އުފަލާއި އެކު ފާހަގަކޮށްލަން ޖެހެއެވެ.

ކުރުގޮތަކަށް ދަންނަވާ ނަމަ ދެންނެވޭނީ ޖަވާއަކީ މިއަދު އަރަމުން އަންނަ ޒުވާނުންނަށް ހުރި ރަނގަޅު ނަމޫނާއެއް ކަމުގައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close