ޚަބަރު

ވެކްސިން ޖެހި މީހަކު ނިޔާވުމުން އެކަން ތަޙްޤީގު ކުރަމުންދާކަމަށް އެޗްޕީއޭއިން ބުނެފި

ގދ.ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާދެމުންދަނިކޮށް ނިޔާވި އުމުރުން ދުވަސްވީ މީހަކު ނިޔާވުމާއި ގުޅިގެން އެކަމުގެ ސަބަބު ހޯދުމަށް ތަޙްޤީޤެއް ފަށައިފާވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު ކޯވިޑް ވެކްސިން ޖެހިފަހުން ނިޔާވީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ އަކީ ގދ.ގައްދޫ މީހެއް ކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތު ދެއްވައެވެ. އަދި އެމީހާ ނިޔާވި ސަބަބު ހޯދުމަށްޓަކައި ފުރިހަމަ ތަޙްޤީގެއް ހިންގާނެ ކަމަށާއި އެ މަޢުލޫމާތުތައް އާއްމުކުރާނެކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ނިޔާވި މީހާއަކީ 10 އަހަރު ވަންދެން އެނދުމަތިވެފައިވާ އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށެވެ. އެމީހާ ނިޔާވީ ރޭ 8:00 ހާއިރު ވަރުދެރަވެ ނޭވާލާން އުނދަގޫވުމާއި ގުޅިގެން ގދ.ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާދެމުންދަނިކޮށް ކަމަށް އެ ހޮސްޕިޓަލުން މަޢޫލޫމާތު ދެއްވައެވެ. އަދި މި މީހާއަށް ކޯވިޑް ޖެހިފައި ނުވާކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖޭގައި ކޯވިޑް އިން ދިފާއުވުމަށްޓަކައި މިހާތަނަށް 64000އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ. އެހެންނަމަވެސް މިހާތަނަށް ވެކްސިން ޖަހައިގެން ފުރާނައަށް ނުރައްކާވާފަދަ ކަމެއް ނުވަތަ ބޮޑެތި ސައިޑް އިފެކްޓްސްތަކެއް ފެނިގެން އެއްވެސް މީހަކު ރިޕޯޓްކޮށްފައިވާކަން އެޗްޕީއޭއިން ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ވެކްސިން ޖަހާ ބައެއް މީހުންނަށް ހުން އައުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުންފަދަ ކަންކަން ވާކަމުގެ މަޢުލޫމާތު ލިބެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close