ކޮޅުފުށިން ފުރައިގެން ދަތުރުކުރި މީހުން ކަރަންޓީނުވާން އަންގައިފި
މ.ކޮޅުފުށިން އިއްޔެ ނެގުނު 105 ރެމްޑޮމް ސާމްޕަލް ގެ ތެރެއިން 9 ސާމްޕަލްއެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ކޮޅުފުށިން އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހުން ކަރަންޓީންވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން އަންގައިފިއެވެ.
އެޗްޕީއޭ އިން ވިދާޅުވީ، ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮޅުފުށިން މާލެއަށް ދަތުރުކޮށްފައިވާ މީހުން 1676 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށެވެ. އަދި އެރަށުން އަތޮޅު ތެރޭގެ ރަށްތަަކަށް ޒިޔާރަަތްކޮށްފައިވާ މީހުން އެރަށެެއްގައި ހުންނަ ސިއްހީ މަރުކަޒަކަށް ނުވަތަ ހެލްތް ސެންޓަރަކަށް އެންގުމަށް ވަނީ އެދިފައެވެ.
އެޗްޕީއޭ އިން ވަނީ، މި މުއްދަތުގައި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަނުވާ މީހުން، 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވެ، ކަރަންޓީނު ނިމުމަށްފަހު ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް އަންގާފައެވެ.
އަދި މި މުއްދަތުގައި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަވެފައިވާ މީހުން ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް އަންގާފައި ވެއެވެ.


