ރިޔާޒްގެ ބަދަލުގައި 241 ކޮމެޓީއަށް އަލީ ހުސެއިން ހަމަޖައްސައިފި
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ހިމެނި ވަޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ޕާޓީން ވަކިވުމުން، އެޕާޓީން އެކޮމިޓީއަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހަމަޖައްސައިފިއެވެ.
އަލީ ހުސެއިން ކޮމެޓީއަށް ހަމަޖެއްސިކަން ވަނީ މިއަދު ތަޅުމުގައި އިއުލާން ކުރައްވާފައެވެ. މަޖިލިސް ނާއިބް ރައީސް ވިދާޅުވީ މިބަދަލު ގެނައުމަށް ޖޭޕީން ހުށަހަޅާފައިވުމުން، މިއަދުން ފެށިގެން ކޮމިޓީއަށް ބަދަލު ގެނެސްފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މަޖިލީހުގެ ދަފްތަރަށާއި، ކޮމިޓީތަކަށް ވަނީ ބަދަލު ތަކެއް އައިސްފައެވެ.
މަޖިލީހުގެ ދަފްތަރަށް ބަދަލުތަކެއް އައިސްފައިވަނީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ޖުމްހޫރީ ޕާޓީން ވަކިވެފައިވާކަން އަންގަވައި، މަޖިލީހުގެ ގަވާއިދުގައި ބުނާ ލިޔުންތައް ހުށަހަޅުއްވާފައިވާތީ އެޕާޓީން ވަކިމުންނެވެ.
ނާޒިމްއާއި ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. ނާޒިމްއާއި، ރިޔާޒު ޖޭޕީން ވަކިވުމުން ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 3 އަށް ވެއްޓިފައެވެ. އަދި ނާޒިމް އުފައްދަވާ ޕާޓީގެ ދެ މެމްބަރުންގެ ގޮތުގައި ނާޒިމްއާއި، ރިޔާޒު ވަނީ ކަނޑައަޅުއްވާފައެވެ. ދަފްތަރަށް މިހާރު އައި ބަދަލާއެކު މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 65 މެމްބަރުންނާއި، ޕީޕީއެމްގެ 6 މެމްބަރުންނާއި، ޖޭޕީގެ 3 މެމްބަރުންނާއި، ޕީއެންސީގެ 3 މެމްބަރުންނާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސްގެ 2 މެމްބަރުންގެ އިތުރުން މިނިވަން 8 މެމްބަރުންނެވެ.
