ޚަބަރު

ރާއްޖޭގައި އެންމެ ގިނަ ވަޒީފާގެ ފުރުސަތުތައް އޮތީ ފަތުރުވެރިކަމުގެ ދާއިރާގައި: ރައީސް ސޯލިހު

ރާއްޖޭގައި އެންމެ ގިނަ ވަޒީފާގެ ފުރުސަތުތައް އޮތީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކަމަށާއި، މިއަހަރު އެކަނި ވެސް 10،000 އަށްވުރެ ގިނަ ވަޒީފާ އުފެއްދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް 2019 ގާލާ ނައިޓް އިފްތިތާހްކޮށްދެއްވާ ރޭ ދެއްވި ތަޤްރީރުގައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާއިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރު ”ޓޫރިޒަމް އެންޑް ޖޮބްސް އަ ބެޓަރ ފިއުޗަރ ވޯލްޑް” އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ މިޝިއާރުން ވެސް ވަޒީފާގެ ގިނަ ފުރުސަތުތައް އޮތްކަން ޔަގީންވާ ކަމަށާއި، ފަތުރުވެރިކަމުގެ މަންފާ ލިބޭނެ ގޮތަށް ކަންކަން ރޭވުން ވަރަށް މުހިންމު ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުން އާންމު ދިރިއުޅުމާއި ފަރުދީ ފުދުންތެރިކަމާ ގުޅިފައިވާ މިންވަރު މިޝިއާރުން ހާމަކޮށްދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރިސޯޓުތަކުގެ މަތީ މަގާމުތަކުން ދިވެހިންނަށް ފުރުސަތު ލިބުމަކީ މިސިނާއަތުގެ ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށާއި، ރިސޯޓުތަކުގެ ވަރަށް ޒިންމާދާރު މަގާމުތަކުގައި މިހާރު ވެސް ދިވެހިން އެބަތިބި ކަމަށެވެ. އަދި މިނިސްބަތް އިތުރުކުރަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖޭގައި ދުނިޔޭގައި ނަން މަޝްހޫރު ހުރިހާ ހޮޓެލް ޗެއިންއެއްގެ ރިސޯޓުތައް ހުޅުވިފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިސިނާއަތް ތަރައްގީކޮށް ކުރިއަށް ގެންދެވޭނީ ދިވެހިންނަށް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ދިވެހިން މިދާއިރާގައި މަސައްކަތް ކުރަނީ ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ގޮތުގައި ނޫން ކަމަށާއި، އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން މިދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 19 ރިސޯޓާއި އެއްޔޮޓް މެރީނާ މިހާރު ހުޅުވިފައިވާ ކަމަށެވެ. އެއީ އެނދުގެ ގޮތުން ބަލާނަމަ 4127 އެނދު ކަމަށާއި، ވަޒީފާގެ ގޮތުން ބަލާނަމަ މިއީ 10،000 އަށްވުރެ ގިނަ ވަޒީފާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާގެ ފުރުސަތުތައް އިތުރުވަމުން އަންނައިރު ދިވެހި ޒުވާނުން އުފައްދަން ޖެހޭ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގައި ބިދޭސީން ތިބޭތިބުން ބަދަލުކޮށް އެފުރުސަތުތައް ދިވެހިންނަށް ހޯދައިދޭނެ ކަމަށެވެ. މިކަން ބަދަލުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close