ކާފިއުގެ ވަގުތު ދިގުކޮށް، މާލެއިން ހުޅުމާލެއަށް ދިޔުން މަނާކޮށްފި
ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅާ ހާއްސަ އިތުރުފިޔަވަޅުތައް ސަރުކާރުން މިއަދު އިޢުލާންކޮށްފިއެވެ.
އެގޮތުން މިހާރު އޮތް ކާފިއުގެ ވަގުތު ހަވީރު 4 ން ހެނދު 8 ށް ދިގުކޮށް މާލެއާއި ހުޅުމާލެއާ ދެމެދު އެއްގަމު ދަތުރު ކުރުން އެޗްޕީއޭއިން ވަނީ މަނާ ކޮށްފައެވެ.
މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ، މާލެ ސަރަހައްދު ދެ ޒޯނަކަށް ބަހާލައިގެން އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
މާލެ ސަރަހައްދު ދެ ޒޯނަކަށް ބަހާލާފައި ވާއިރު ހުޅުމާލެއަކީ އެއް ޒޯން ކަމަށާއި މާލެއާއި ވިލިމާލެއަކީ އެއް ޒޯން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ފާސް އޮވެގެން ކާފިއު ނޫން ވަގުތު ޒަރޫރީ ބޭނުމަކަށް ނުކުތް ނަމަވެސް އެއްޒޯނުން އަނެއް ޒޯނަށް ނުދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ނުދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މާލެ އާއި ވިލިމާލެއަކީ އެއް ޒޯނަކަށް ކަމުގައި ހަމަޖައްސާފައި ވާތީ ވިލިމާލެއަށް ދޫކުރާ ފާހާ އެކު މާލެއަށް ދަތުރު ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރެޒިޑެންޓަލް ޕާމިޓް ދޫކުރާ އިރު ދޫކުރަނީ 4 ގަޑި އިރަށެވެ. އެގޮތުން ހެނދުނު 8 އިން 12 އަށް އަދި މެންދުރު 12 އިން 4 ކަށް ކަމަށް އެ ޕާމިޓް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ އާ ހާއްސަ ފިޔަވަޅުތަކުގެ ދަށުން ހަވީރު 4 އިން ފެށިގެން ހެނދުނު 8 ކަށް ކާފިއުގެ ގަޑި އިތުރު ކުރުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ.
