ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ %32 ނިމިއްޖެ
ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %32 ނިމިއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ %96 އާއި، މިހާރު ހަދާފައިހުރި ނެރުފުންކުރުމުގެ މަސައްކަތުގެ %75 މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 25،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެއެވެ.
އަދި 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1،280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 32.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

