ބަޑީގެ ހަމަލާގައި ޖަޕާންގެ ކުރީގެ ބޮޑުވަޒީރު އަބޭ އަވަހާރަވެއްޖެ
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަ ވެއްޖެއެވެ.
އަބޭ އަވަހާރަވީ މީގެ އިރުކޮޅެއް ކުރިން ކަމުގައި ޖަޕާނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ޝިންޒޯ އަބޭއަށް ހަމަލާ ދީފައިވަނީ އެ ޤައުމުގެ ސިޓީއެއްކަމަށްވާ ނާރާގައި، ކެމްޕެއިން ރެލީއެއްގެ ތެރެއިން ރައްޔިތުންނާ މުޚާތަބުކުރައްވަން ހުންނަވަނިކޮށެވެ. ބަޑީގެ ދެ ހަމަލާއެއް އަމާޒުވިއިރު، ޝިންޒޯ ޒަޚަމްވީ ބަޑީގެ ދެވަނަ ޙަމަލާގައިކަމަށް ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.
ހަމަލާ ދިނުމާ އެކު އޭނާ ބިންމައްޗަށް ވެއްޓެ އެވެ. ހަމަ އެ ވަގުތު ފުލުހުން ވަނީ ހަމަލާ ދިން މީހާ ވެސް އެ ސަރަހައްދުން އަތުލައިގެންފައެވެ. އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާ ދޭން ބޭނުންކުރި ހަތިޔާރަކީ އަމިއްލަ އަށް ހަދާފައި އޮތް އެއްޗެކެވެ.
ޝިންޒޯ އަބޭއަކީ، ޖަޕާނު ސަރުކާރަށް އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޮޑުވަޒީރެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން 11 އަހަރު ވަންދެން، ޖަޕާނުގެ ބޮޑުވަޒީރުކަން ޝިންޒޯ އަބޭވަނީ ކުރައްވާފައެވެ. މަޤާމުން އިސްތިއުފާ ދެއްވީ 2020ވަނަ އަހަރުއެވެ.
އަބޭ އަށް ދިން ހަމަލާ ދުނިޔޭގެ ލީޑަރުން ދަނީ ކުށްވެރި ކުރަމުންނެވެ. މިހަލާއާއި ގުޅިގެން ޖަޕާނުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.


