ވޯލްޑްކަޕް 2026: ފަހު ވަގުތު ޖަޕާން ބަލިކޮށް ބްރެޒިލް ވޯލްޑް ކަޕްގެ ގަދަ 16 އަށް ހިނގައްޖެ

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި މިރޭ އެމެރިކާގެ ހިއުސްޓަންގައި ހުންނަ އެންއާރްޖީ ސްޓޭޒިއަމްގައި ކުޅުނު ފޯރިގަދަ މެޗު 2-1 ގެ ނަތީޖާއަކުން ޖަޕާން ބަލިކޮށް، ބްރެޒިލުން މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބްރެޒިލް މި މެޗުން މޮޅުވީ ފަހަތުން އަރައި ފަހު މިނެޓުގައި ޖެހި ލަނޑާއެކުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ބްރެޒިލުން ކުޅުނު ނަމަވެސް، ޖަޕާނުގެ ވަރުގަދަ ޑިފެންސަށް ނުރައްކާ ކުރެވޭގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ބްރެޒިލްގެ ޑިފެންޑަރު ޑަނިލޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކައިޝޫ ސާނޯ ވަނީ ލަނޑެއް ޖަހައި ޖަޕާނަށް ކުރިހޯދައިދީފައެވެ. މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޖަޕާން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފަށް ބްރެޒިލުން ނުކުތީ ކުޅުން ވަރުގަދަކޮށް ހަމަލާތައް ކުރިއަށްވުރެ ބާރު ބޮޑުކޮށްގެންނެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް މަގަލްހާއިސް ނަގައިދިން ރީތި ހުރަހަކުން، ބޮލުން ފޮނުވާލި ހަމަލާއަކުން ބްރެޒިލްގެ ކެޕްޓަން ކަސެމީރޯ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޖަޕާނުގެ ކީޕަރު ޒަޔަން ސުޒުކީ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށް، ބޯޅަ ދަނޑިއަށް ބޭރުކޮށްލާފައެވެ. މެޗުގެ ފަހުކޮޅުގައި ބްރެޒިލަށް ކުރިމަތިވި ހިތްދަތިކަމަކީ ލަނޑު ޖަހައިދިން ކެޕްޓަން ކަސެމީރޯގެ ފަޔަށް ތަދެއްވެގެން އޭނާ ދަނޑުން ބާލަން ޖެހުމެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައި، ބްރެޒިލް މުބާރާތުގެ ގަދަ 16 އަށް ގެންގޮސްދިން މުހިންމު ލަނޑު ޖަހައިދިނީ ގެބްރިއަލް މާޓިނެއްލީ އެވެ. މި ލަނޑަކީ ޖަޕާނުގެ އޭރިއާ ރޮނގުކައިރިން ހެދި ގޯހެއްގެ ފައިދާ ނަގައި ބްރޫނޯ ގިމަރޭސް ދިން ޕާހަކުން މާޓިނެއްލީ ކާމިޔާބުކުރި ލަނޑެކެވެ.
މުބާރާތުގެ ގަދަ 16 ގެ ބުރުގައި ބްރެޒިލް ދެން ވާދަކުރަން ޖެހޭނީ ނޯވޭ ނުވަތަ އައިވަރީ ކޯސްޓާ އެވެ.




