މާޅެންދޫގައި މީހަކު ދަންޖެހިގެން މަރުވެއްޖެ
ނ.މާޅެންދޫގައި މެދުޢުމުރުގެ އަންހެނަކު ރޭ ދަންޖެހިގެން މަރުވެއްޖެއެވެ.
މާޅެންދޫން ވާހަކަ ދެއްކި މީހަކުބުނީ އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ރޭފަތިހުއެވެ. ދަންޖެހުނީ ވާގަނޑެއް ބޭނުން ކޮށްގެން ކަމަށްވެއެވެ. އެމީހާ ދަންޖެހިފައި ހުރީ އަމިއްލަ ގޭގައި މަސްކަންކަން ހަދާފައި ހުރި ކުޑަބަދިގެއެއް ކަހަލަ ތަނެއްގައެވެ.
ދަންޖެހުނު މީހާއަކީ މީހާކާވެސް އިނދެގެންއުޅޭ 6 ކުދިންވެސް ތިބޭ އަންހެނެއްކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާގެ އެންމެ ހަގަށް ހުންނަނީ އަންހެން ކުއްޖެއްކަމަށާއި، އެކުއްޖާ ފިޔަވައި ދެން އެހެން ކުދިންނަކީ ފިރިހެން ކުދިންނެވެ.
ނާރެސް މީޑިއާއަށް މަޢުލޫމާތު ދިން މާޅެންދޫ މީހާ ބުނީ ދަންޖެހުނު މީހާ ދަންޖެހިފައިވަނީ ރޭ ފަތިސް ދަމަށް އެޅުނު ފަހުންކަމަށް ދަންޖެހުނު މީހާގެ ފިރިމީހާގެ ވާހަކައިން އެނގޭކަމަށެވެ.
ފިރިމީހާ ބުނީ އޭނާ ދަންވަރު 2 ޖަހާ އެހާކަށް ހާއިރު ފާޚާނާއަކަށް ދާންވެގެން ތެދުވިއިރުވެސް އަންހެންމީހާ ނިދާފައި އޮތްކަމަށެވެ. ދެން އޭގެ ފަހުން ފަތިސްނަމާދަށް ދާންވެގެން ހޭލިއިރު އަންހެނުން ފެންނަން ނެތުމުން ހޯދިއިރު ބަދިގޭގައި ދަންޖެހިފައި ހުއްޓާ ފެނުނީ ކަމަށް ފިރިމީހާ ބުނިކަމަށް މާޅެންދޫން މަޢުލޫމާތު ދިން މީހާ ބުންޏެވެ.
ދަންޖެހުނު މީހާއަކީ މީގެ ކުރިން އެއްވެސް މައްސަލައެއް ޖެހިފައިވާ މީހެއްކަން އެނގިފައި ނުވާކަމަށާއި، މިފަހަކަށް އައިސް އެމީހާ ކުޑަކޮށް ބަލިވެ އުޅޭ ކަމަށް ފިރިމީހާ ބުނާކަމަށްވެސް މާޅެންދޫން މަޢުލޫމާތު ދިންމީހާ ބުނެއެވެ.
ފުލުހުން މިހާރުދަނީ އެމައްސަލަ ތަޙްޤީޤުކުރަމުންނެވެ. ފުލުހުންގެ ފަރާތުން މައްސަލައާއި ގުޅޭގޮތުން މާބޮޑު އެއްޗެއް ނުބުނެއެވެ. އެމީހާ ދަންޖެހިގެން މަރުވެފައިވާކަން ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.



