ޖިންނީންގެ މަޖިލިސް
ޖިންނީންގެ މަޖިލިސް
(ބައިތު ބާޒީއަށް ހާއްޞަ ޖަވިޔަނި ޅެން)
ޖިންނީންގެ ދަރުބާރެއްގަ އަދު ނިންމުންތަކެއް ނިންމާލެވިއްޖެ
އިންސާނުނަށް އުނދަގޫތަކެއް ކުރުމަށް ތެދޭ ނިންމާލެވިއްޖެ
ޖެއްސުން ކުރަން އާ ގޮތްތަކެއް ހޯދާ ބަލާ ވިސްނާ ލެވިއްޖެ
މެއްސެއް ފަދައިން އުނދަގޫ ކުރަން އެންމެން އެކީގައި އަދު ބުނެއްޖެ
ޖަނބުރޯލު ގަސް ގަހުގައި ތިބެން އަދުގައި ތެދޭ ނިންމާލެވިއްޖެ
އަނބުގަސް ގަހައި ދުރުގައި އުޅެން ނެގި ވޯޓަކުން ފާސްކޮށްލެވިއްޖެ
ޖަންބާއި ކެޔޮ ކޮއްތެއްކަމަށް އެންމެންގެ މެދުގައި ހަމަޖެހިއްޖެ
ދަންދަންވިހެން ފެތުރެންފަށަން އެންމެން އެކީގައި ރުހެލެވިއްޖެ
ޖޭމާއި ކެޔޮ، ޖަންބާއި ނިކަ، ގޭގޭން ވަގަށް ނެގުމަށް ބުނެއްޖެ
ވޭނާ އުދާސް ހިލުމަށް އެއިން އެންމެން އެކީ އެއްބަސް ވެވިއްެޖެ
ޖަންގަލި ވަލާ ބޯ ގަސްގަހައި މައިޒާންތަކަށް އަދުގައި ހެދިއްޖެ
ބަންގީ އަޑާ ދުރުގައި އުޅެން އެންމެން އެކީ އާނ ބަސް ކިޔައްޖެ
ޖަނަވާރުހެން ސިފަކޮށް ބަދަލު އުޅުމަށް ތެދޭ ނިންމާލެވިއްޖެ
ބަނަކޮށް ހަޔާތް އިންސީންގެ އަދު ކަޅުކޮށް ލުމަށް ވެސް ރުހެލެވިއްޖެ
ޖިންސުއް ލަތީފުންނާ ވަކިން ގޯނާ ކުރަން ނިންމާލެވިއްޖެ
އިންތައް ވިޔަސް ބިރަކައި ނުލާ ކަންކޮށް ލުމަށް ރާވާ ލެވިއްޖެ
ޖިސްމާއި މޭ އިންސީންގެ ކަޅުކޮށް ލެންބުމަށް އެއްބަސް ވެވިއްޖެ
ވިސްކީ ޝަރާބުގެ މަސްތުގައި ހިތް ޖެއްސުމަށް އެއްބަސް ވެވިއްޖެ
ޖައްވާ ހަވާގައި ފެތުރެމުން ނާމާން ކުރަން އެއްބަސް ވެވިއްޖެ
ހައްޤާއި ބާތިލު އޮޅުވުމަށް ޤާނޫނުގައި ފަވަމުން ލިޔެއްޖެ
ޖިފުޓީ ވަލާ، އާމުން ގެއާ ވަދެއުޅެލުމަށް ނިންމާލެވިއްޖެ
އިފުރީތުނަށް މުދިމުން ގެއާ ދުރުގައި އުޅެން އަހުދެއް ވެވިއްޖެ
ޖައްބާރުކަން ދައްކައިލުމަށް މާ ޖިންނި އަދު ރުޅިގަދަ ވެލައްޖެ
ވައްކަޅި އަޅާ އަޑު ހަރުވުމުން އެންމެން އެކީ ސިހިގެން ހިނގައްޖެ
ޖިޒިއެއް ނަގައި އެންމެން އަތުން އަތުލައި ޚަރަދު ކުރުމަށް ނިމިއްޖެ
ޖިޒިއުން ނަފާ މާ ޖިންނިއަށް ލިބެވޭގޮތައް ނިންމާލެވިއްޖެ
ޖާދޫގެ ގަނޑު ތަކުގައި އެކީ ޔައުމީޔަތައް ލިޔެވެސް ލެވިއްޖެ
ގާދޫ ކޮލުން ބޭރުމެ ވަމުން ޖަލްސާ އެކީ ނިންމާ ލެވިއްޖެ
ޖަލްސާ ގަތިބި އައްޑިހަ އެތަށް ޖިންނީން އެކީ އަތްތައް ޖަހައްޖެ
ޖަލްސާ ތަކުން އިންސީންތަކަށް ގެއްލުންލިބޭ ތީ ހީނލެވިއްޖެ
ޝާހިލް މުޢީން
މާވަޑިއާގެ/އއ.އުކުޅަސް
15/12/2020
