ފުރަތަމަ މެޗުތައް އެފްސީ ހަތްކަ އަށާއި އެފްސީ ވެވަށް
ނ.ލަންދޫގެ 35 އަހަރުންމަތީގެ މީހުންނަށް އަމާޒު ކޮށްގެން މި އަލްހާޢީދާއި ގުޅުވާލައިގެން ބާއްވާ ވެޓަރަންސް ކަޕް ފުޓްސަލް މުބާރާތް ހުޅުވުމުގެ ގޮތުން ރޭކުޅެވުނު ދެ މެޗު އެފްސީ ހައްކަ އާއި އެފްސީ ވެވު އިން ކާމިޔާބުކޮށްފިއެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗު އެފްސީ ހައްކަ އިން ކާމިޔާބު ކޮށްފައިވަނީ ގުންބަރު ސްޕޯރޓްސް އާއި ބައްދަލުކޮށެވެ. މި މެޗު އެފްސީ ހައްކައިން ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ. އެފްސީ ހައްކައިގެ 3 ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ރޭގެ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޢަބުދުﷲ ޝިހާމް (ސީޓޭ) އެވެ.
މުބާރާތުގެ ދެވަނަ މެޗު އެފްސީ ވެވުން ކާމިޔާބު ކޮށްފައިވަނީ އެފްސީ ރާމީ އާއި ބައްދަލުކޮށް 4 ލަނޑު 2 ލަނޑުންނެވެ. އެފްސީ ވެވުގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އަޙްމަދު ނިޔާޒް (ނިޔާ) އާއި އަޙްމަދު ފަޒީލް (ފައްޖެ) އާއި ހުސެއިން ރަޝީދު (ގޯގޯ) އާއި އަދި ޒަހީ ން ހަސަން (ޒަންޑަ) އެވެ. އެފްސީ ރާމީގެ 2 ލަނޑުވެސް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ މުޙައްމަދު ހަސަން (ރަނބޭ)އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ވެވުގެ އަބުދުއްރައްޒާޤު (ހައްވަ ރައްޒާގު) އެވެ.

ވަރަށް ކުލަގަދަ ރަސްމިޔާތަކާއި އެކު ލަންދޫގެ ކުދިބޮޑު އެތަށް ބައެއްގެ ތަރުޙީބު ދިނުމާއިއެކު ރޭ ފެށިގެން ދިޔަ މި މުބާރާތުގައި ޢުމުރުން 35 އަހަރުން މަތީގެ ގާތްގަޑަކަށް ފަސްދޮޅަހަށް ވުރެ ގިނަމީހުން ބައިވެރިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މިރޭވެސް މި މުބާރާތުގެ ދެމެޗު ކުޅުމަށް ހަމޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ހައްކަ އާއި އެފްސީ ރާމީ އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ގުންބަރު ސްޕޯރޓްސް އާއި އެފްސީ ވެވެވެ. މިރޭގެ މެޗުތައްވެސް ފެށުމަށް ހަމަޖެހިފައިވަނީ 20.30 ގައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ލަންދޫ ފުޓްސަލް ދަނޑުގައެވެ.



ސަޅިކަމެއް ތީ. ޝުކުރިއްޔާ