ކުޅިވަރު

ތާރީޚީ ފޯރިގަދަ ފައިނަލުން މޮޅުވެ އެފްސީ ހަތްކަ ޗެމްޕިއަންކަން ހޯދައިފި

މިއަހަރުގެ އުފާވެރި އަލްޙާ ޢީދާއި ދިމާކޮށް ނ.ލަންދޫގައި ފުރަތަމަ ފަހަރަށް ބޭއްވުނު ވެޓަރަންސްކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެއްވެސް ޓީމެއްގެ އަތުން ބަލިނުވެ އެފްސީ ހަތްކައިން ހޯދާފިއެވެ. ލަންދޫގެ އާސާރީ ބިނާއަށް ނަން ނިސްބަތްވާ އެފްސީ ހަތްކައިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޭގެ 9.00 ގައި ލަންދޫ ފުޓްސަލް ދަޑުގައި ކުޅެވުނު ފައިނަލް މެޗުގައި ލަންދޫގެ ތާރީޙީ ސަރަހައްދަކަށް ޓީމުގެ ނަން ނިސްބަތްވާ ގުންބަރު ސްޕޯރޓްސް އާއި ބައްދަލުކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 5-5 ން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 12 ލަނޑު 13 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ރޭގެ މި ފޯރިގަދަ ފައިނަލް މެޗުގައި ޗެމްޕިއަންކަން ހޯދި އެފްސީ ހައްކައިގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޔޫސުފް ޢަބުދުއްރަޙީމް (ޔޫއްޓޭ) އާއި ޢަބުދުﷲ ޝިހާމް (ސީޓޭ) މިއިން ކޮންމެ ކުޅުންތެރިއަކު 2 ގޯލާއި އަދި އަފްނާޒް 1 ގޯލެވެ.  ގުންބަރު ސްޕޯރޓްސްގެ ގޯލުތައް ކާމިޔާބުކޮށްދީފައި ވަނީ ޢަބުދުލް ޢަޒީޒު މުޙައްމަދު (ބަހާރޭ) އާއި  މުޙައްމަދު ނަސީމް (ޓިން)  އިން ކުރެ ކޮންމެ ކުޅުންތެރިއަކު 2 ގޯލާއި، ޒާހިރު އުސްމާން (ޒާންޑަ) 1 ގޯލެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެފައިނަލް މެޗު ވެގެން ގޮސްފައިވަނީ ލަންދޫގެ ފުޓްސަލްގެ ތާރީޙްގައި މިހާތަނަށް ކުޅެވުނު އެންމެ ފޯރިގަދަ އަދި އެންމެ ބަލާހިތްވާފަދަ ހިތްގައިމު ކުޅުމެއް ފެނިގެންދިޔަ މެޗުކަމުގައެވެ.

ލަންދޫގެ ތާރީޙްގައި ބޭއްވުނު އެންމެފުރަތަމަ ވެޓަރަންސް ކަޕް ފުޓްސަލް މުބާރާތް ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި މުބާރާތުގެ ތަފާތު މަޤާމްތަކަށް ހޮވުނު ކުޅުންތެރިންނަށާއި ފެއާރ ޕްލޭޓީމަށާއި ރަނަރަޕް ޓީމުގެ އިތުރުން ޗެމްޕިއަންޓީމާއި ފައިސާގެ އިނާމާއި ޓްރޮފީ އާއި ސެޓްފިކެޓް ހަވާލުކުރުން ކުރިއަށް ގެންދެވުނެވެ.

ލަންދޫ ވެޓަރަންސްކަޕް ފުޓްސަލް މުބާރާތުގެ މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ހޮވިފައިވަނީ މުބާރާތުގައި ޖުމުލަ 12 ލަނޑު ޖަހައިގެން މުބާރާތުގެ ޓޮޕް ސްކޯރާރގެ މަޤާމްވެސް ހޯދި އެފްސީ ހައްކަ ޓީމްގެ ޢަބުދުﷲ  ޝިހާމް (ސީޓޭ)އެވެ. ފެއަރޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ގުންބަރު ސްޕޯރޓްސްގެ ޒާހިރު އުސްމާން (ޒާންޑަ)އެވެ. އެންމެ މޮޅު ގޯލް ކީޕަރަކީ ގުންބަރު ސްޕޯރޓްސް ޓީމްގެ ނަސްރުﷲ އާދަމް (ނަސްރުބެ) އެވެ. 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ބޭއްވި މި މުބާރާތުގެ”  އޯލްޑް އިޒު ގޯލްޑް “ގެ މަޤާމަށް ހޮވުނީ  އަބުދުއްރައްޒާޤު އިބްރާހީމް (ރިޒާ) އެވެ. މި މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށާއި އަދި  މި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގުންބަރު ސްޕޯރޓްސްގެ ކެޕްޓަން އަބުދުލްއަޒީޒު މުޙައްމަދު (ބަހާރޭ)އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ ގުންބަރު ސްޕޯރޓްސްގެ އަލީ ދާއޫދު (އައްޔަ) އެވެ. މިމުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ގުންބަރު އެފްސީއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ލަންދޫގައި އަލަށް މި ފެށުނު މުބާރާތް އަންނަ އަހަރުގައިވެސް ލަންދޫގައި ބޭއްވިގެންދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close