ލަންދޫ ވެޓަރަންސް ފުޓްސަލް މުބާރާތް – ފައިނަލުގައި ކުޅޭނެ އެއްވެސްޓީމެއް އަދި ނޭނގެ
މި އުފާވެރި އަލްޙާޢީދާއި ދިމާކޮށް ނ.ލަންދޫގެ 35 އަހަރުންމަތީގެ މީހުންނަށް އަމާޒު ކޮށްގެން ލަންދޫގައި ކުރިއަށްދާ ވެޓަރަންސް ކަޕް ފުޓްސަލް މުބާރާތުގެ ދެވަނަ ދުވަހުގެ މެޗުތައް ނިމުނުއިރު މުބާރާތުގެ ފައިނަލް އެއްވެސް ޓީމަކަށް ޔަޤީންކުރެވޭ ގޮތެއް ނުވިއެވެ. މުބާރާތުގެ ދެވަނަ ދުވަހުގެ ކުޅުން މިއަދު ނިމުނުއިރު މުބާރާތުގައި ވާދަކުރާ 4 ޓީމަށްވެސް ފައިނަލަށް ދިއުމުގެ ފުރުޞަތު އެބައޮތެވެ.
މުބާރާތުގެ ދެވަނަ ދުވަހު އަދި މުބާރާތުގެ 3 ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ގުންބަރު ސްޕޯރޓްސް އާއި ބައްދަލުކޮށް 3 ލަނޑު 0 ލަނޑުން ކާމިޔާބުކުރި އެފްސީ ހައްކަ އާއި މުބާރާތުގެ ދެވަނަ މެޗުން އެފްސީ ވެވާއި ބައްދަލުކޮށް 4 ލަނޑު 2 ލަނޑުން ބަލިވެފައިވާ އެފްސީ ރާމީއެވެ.
އެފްސީ ރާމީ އާއި އަދި އެފްސީ ހައްކައިގެ މި މެޗު ވެގެން ގޮސްފައިވަނީ ސަޕޯރޓަރުން ބަލާހިތްވާފަދަ ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗެކަށެވެ. މި މެޗު ނިމިގެން ގޮސްފައިވަނީ 3 ލަނޑު 3 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މި މެޗުގައި އެފްސީ ރާމީގެ މުޙައްމަދު ހަސަން (ރަނބޭ) ވަނީ 3 ލަނޑުޖަހާ ހެޓްރިކް ފުރިހަމަކޮށް މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. އެފްސީ ހައްކަ ޓީމަށް ގޯލްތައް ޖަހައި ދީފައިވަނީ އަފްނާޒު (އަފޭ) 2 ލަނޑު އަދި ޢަބުދުﷲ ޝިހާމް(ސީޓޭ) 1 ލަނޑެވެ.

ލަންދޫގެ ފުޓްސަލް ދަނޑުގެ ކަރަންޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ރޭގައި ކުޅެން ހަމަޖެހިފައިވާ މުބާރާތުގެ 4 ވަނަ މެޗު އޮތީ މިއަދު ހަވީރު 16.30 ގައެވެ. މި މެޗުގައި ބައްދަލުކޮށްފައި ވަނީ ފުރަތަމަ މެޗުގައި އެފްސީ ހައްކަ އަތުން 3 ލަނޑު 0 ލަނޑުން ބަލިވި ގުންބަރު ސްޕޯރޓްސް އާއި އަދި ދެވަނަ މެޗުން އެފްސީ ރާމީއަތުން މޮޅުވި އެފްސީ ވެވުއެވެ.
އެފްސީ ވެވު އާއި ގުންބަރު ސްޕޯރޓްސް ގެ މި މެޗު ގިނަބަޔަކު ހީކުރިގޮތާއި ޚިލާފަށް ވަރަށް ފަސޭހަކަމާއިއެކު 5 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ގުންބަރު ސްޕޯރޓްސްއެވެ. ގުންބަރު ސްޕޯރޓްސްގެ ޒާހިރު އުސްމާން (ޒާންޑަ) އާއި އިބުރާޙިމް އަޙްމަދު (ކޭޑީ) މިއިން ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ކާމިޔާބުކޮށްދިން އިރު މި ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އަބުދުލް އަޒީޒު މުޙައްމަދު (ބަހާރޭ) އެވެ. އެފްސީ ވެވުގެ ހަމަ އެކަނި ގޯލް ކަމިޔާބު ކޮށްދީފައިވަނީ އަޙްމަދު ފަޒީލް (ފައްޖެ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއްދައްކާ ގުންބަރު ސްޕޯރޓްސް އަށް 2 ގޯލް ކާމިޔާބު ކޮށްދިން ޒާހިރު އުސްމާން (ޒާންޑަ) އެވެ.
ކޮންމެޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ފައިނަލްކުޅޭގޮތަށް ރޭވިފައިވާ މި މުބާރާތުގެ ފަހު މެޗުތައް އޮންނާނީ މާދަމާރޭގައެވެ. މިގޮތުން މާދަމާރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ހައްކަ އާއި އެފްސީ ވެވު އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ރާމީ އާއި ގުންބަރު ސްޕޯރޓސްއެވެ. މާދަމާ ރޭގެ ފުރަތަމަ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައި ލަންދޫ ފުޓްސަލް ދަނޑުގައެވެ.



