ކަންތައްތައް ޙައްލުކުރުމުގެ ޤާބިލުކަންހުރުން!
ވަގުތަކީ ރޭގަނޑުގެ ވަގުތެކެވެ. ރެސްޓޯރަންޓުގައި ހުރި ހުރިހާ މޭޒެއްކައިރީ މީހުން ތިއްބެވެ. ތަންވަނީ ފުރިފައެވެ. އައި ވަކިދިމާއެއް ނޭނގި، ކުއްލިއަކަށް އުދުހިފައި އައި ކުރަތްޕެއް ރެސްޓޯރަންޓް ތެރެއަށް ވަދެއްޖެއެވެ. އެ ކުރަފި އުދިހިފައި އެއައިގޮތަށް އައިސް އެތަނުން މޭޒެއްކައިރީ ކާންއިން އަންހެނެއްގެ ގައިގައި ޖައްސައިފިއެވެ. ކުރަފި ގައިގައި ޖެއްސުމުން އަންހެންމީހާ ގަންނާކުރެއްވި ބިރުން ހަޅޭއްފަޅޭއްޖަހައިގެންފިއެވެ. އޭނާ ބިރުން ތުރުތުރުލަމުން ގޮނޑިން ކުއްލިއަކަށް ތެދުވެއްޖެއެވެ. ކޮޅަށްތެދުވެ ދެފައިތަޅަމުން ކުރަފިން ސަލާމަތްވާން ބާރަށް އެގޮތްމިގޮތަށް ދެއަތްހޫރަން ފަށައިފިއެވެ.
މި އަންހެންމީހާ ބިރުން އުޅުނުގޮތުން، އޭނާއާ އެކުގައި އެތަނަށް އައިސްތިބި އެހެން އެންމެންވެސް ކަންބޮޑުވެއްޖެއެވެ. ކޮންމެއަކަސް، މި އަންހެންމީހާ ދެއަތުން ތަޅައިފޮޅައިގަތުމުން ކުރަފީގެފުށުން އޭނާ ސަލާމަތް ވެއްޖެއެވެ. އެކަމަކު، ކުރަފި ގޮސް ދެންޖެއްސީ އޭނާއާ އެކުގައި އައިސްތިބި މީހުންގެ ތެރެއިން އެހެން އަންހެނެއްގެ ގައިގައެވެ. މި އަންހެންމީހާވެސް ކުރީ މީހާ އުޅުނު ގޮތަށް އުޅެގަނެފިއެވެ. ވެއިޓަރަށް މިތަން ފެނިގެން އެމީހުންނަށް އެހީވުމަށް އެތަނަށް އަތުވެއްޖެއެވެ. އޭނާ ކުރިމަސައްކަތުން އެ އަންހެންމީހާގެ ގައިން ކުރަފި އުދުއްސައިގެން އައިސް ވޭޓަރުގެ ގައިގައި އިށީނދެއްޖެއެވެ. ވެއިޓަރު ވަރަށް ޘާބިތުކަމާއެކު ގުނޑުމެއްވެސް އަރުވާނުލައި ހުރެއްޖެއެވެ. އެހެން ހުރެގެން، އޭނާގެ ގަމީހުގައި އިން ކުރަފީގެ ޙަރަކާތްތައް ހުރިގޮތް އޭނާ ފަރުވާތެރިކަމާއެކު ބަލަމުން ގެންދެއެވެ. އޭނާޔަށް ކުރަފި ހިފިދާނެކަމުގެ ޔަޤީންކަން ލިބުމުން، ދެއިނގިލިކުރިން ކުރަފީގައިހިފައި ނަގައިފިއެވެ. ކުރަފި ހިފައިގެންގޮސް ރެއްޓޯރަންޓްގެ ކުޑަދޮރަކުން ބޭރަށް ކުރަފި އެއްލާލައިފިއެވެ.
ކޮފީތަށި ބޮމުން އެ މަޖާ ހާދިސާގެ މަންޒަރު ބަލަން، އެތަނުން މޭޒެއްކައިރީ އަހަރެން އިނީމެވެ. އަހަރެންގެ ސިކުނޑިއަށް މިކަންތައް ހިނގައިދިއަގޮތުގެ ސަމާލުކަން އަތުވެއްޖެއެވެ. ފެނުނު މަންޒަރުތަކުން ހިތުގައި އެތައް ސުވާލުތަކެއް ކުރެވެންފަށައިފިއެވެ. “އެ މީހުނަށް ހިސްޓީރިޔާ ޖެހިގެން އުޅޭހެން، އެއުޅުނު ގޮތުގެ ޒިންމާ ފަހެ ކުރަފި ނަގަންޖެހޭނެ ހެއްޔެވެ؟” އަހަރެން ހިތަށްއެރިއެވެ.
އެހެން އެކަން ވާ ނަމަ، ވެއިޓަރ އެޒާތަށް އުޅެނުގަތީ ކީއްވެގެން ހެއްޔެވެ؟ އޭނާ ވަރަށް ފަރުވާތެރިކަމާ ޔަޤީންކަމާއެކުގައި، އެކަމަކީ ބޮޑު ކަންތައްގަނޑަކަށް ނުހަދައި، ކުރަފި ހިފައި އެކަންތައް ނިންމައިފިއެވެ.
މީ ކުރަފީގެ މަސްއަލައެއް ނޫނެވެ. މަސްއަލައަކީ، ކުރަފީގެ ފަރާތުން އަންހެންމީހާޔަށް ލިބުނު އުނދަގުލުން ސަލާމަތްވުމަށް ކުރަންޖެހޭ ކަންތައް ފަރުވާތެރިކަމާއެކު ކުރަން އޭނާޔަށް ނޭނގުމެވެ.
މިކަންތަކުން، އަހަރެންނަށް އެނގުނުކަމަކީ، އުނދަގޫ ލިބެނީ، ބައްޕައާ، އަނބިމީހާއާ، ނުވަތަ އޮފީހުގެ ވެރިމީހާ ނުރުހި ބާރަށް އެއްޗެހިކިޔުމަކުން ނޫންކަމެވެ. އެކަމަކު، އުނދަގޫ ލިބެނީ ދިމާވެގެންއުޅޭ އަސްލު މަސްއަލަ ނުވަތަ ކަންތައް ސާބިތުކަމާ، ވިސްނުންތެރިކަމާއެކު ޙައްލުކުރުމުގެ ޤާބިލުކަން އަހަރެންގެ ކިބައިގައި ނެތުމުންނެވެ. އެހެންކަމުން، އެކަމުން އުނދަގޫ ލިބެނީއެވެ.
މަގުމަތީދުއްވާ އެއްގަމު އުޅަނދުތައް މަގުގައި ތޮއްޖެހި ބާރުބޮޑުވުމުން އެލިބޭ އުނދަގޫ، ޙަޤީޤަތުގައި ލިބެނީ އެކަންތަކަށް ކެތްކުރުމުގެ ހަރުދަނާސިފަ އަހަރެންގެ ކިބައިގައި ނެތުމުންނެވެ. ކުރިމަތިވާ ކަންތަކުގެ އިތުރުން، އެންމެ އުނދަގޫވަނީ، އެ ދިމާވިކަންތައް ޙައްލުކުރާނެގޮތް ނޭނގުމުން، އެކަމެއް ބޮޑު ހައިޖާނަކަށްވެ ކުރިމަތިވާ ގޮންޖެހުންތަކުން ނެވެ.
ޙަޔާތުގައި ކުރިމަތިލާންޖެހޭ ތަފާތު ކަންކަމަށް، ފުންކޮށް ވިސްނައިލުމުން އެނގިގެންދާ ޙަޤީޤަތަކީ، ކުރިމަތި ވާ ހަމަ ކޮންމެ ކަމެއްވެސް ވިސްނުންތެރިކަމާ އެކުގައި ޙައްލުކުރަން އެނގިއްޖެނަމަ އެއީ އެއްވެސް ކަމެއްނޫން ކަމެވެ. ދަސްކުރަންވީ އެގޮތަށް ޢަމަލުކުރާށެވެ.
~ނިމުނީ~
- މި ވާހަކައިގެ ހާދިސާ ފެށުނީ ކޮންތަނަކުން؟
- ރެސްޓޯރަންޓަށް ވަދެގެންއައީ ކޮންކަހަލަ ސޫތްޕެއް؟
- ކުރަފި އައިސް ފުރަތަމަ ޖެއްސީ ކޮންތަނެއްގައި؟
- އަންހެންމީހާ ބިރުގަތީ ކީއްވެގެން؟
- ކުރަފި ހިފައިގެންގޮސް ރެސްޓޯރަންޓުން ބޭރަށް އެއްލާލީ ކާކު؟
- ވޭޓަރު ކުރަފިދެކެ ޖެހިލުންވެ ބިރުނުގަތީ ކީއްވެ؟
- މަންޒަރުބަލަން އިން މީހާ އިނީ ކީއްކުރަން؟
- ވިސްނުންތެރިކަމާއެކު ކަންތައްކުރުމަކީ ކޮންކަހަލަކަމެއް؟
- ކުރިމަތިވާ ކަންތައްތަކުން އުނދަގޫވަނީ ކީއްވެ؟
- މި ވާހަކަޔަށް ފުންކޮށް ވިސްނައިލުމުން ދޭހަވީ ކޮންކަމެއް؟
- ހިސްޓީރިޔާ އަކީ ކޮބާ؟