ތާއިން- ތަރި
ކުޑަކުދިންގެ ވާހަކަ 40
ރޭގަނޑުގެ ވަގުތެވެ. ތުއްތު އިނީ ތަރުކާރީ ބަތް ކާށެވެ. މަންމަ ބިސްގަނޑެއް އަޅައިދޭން އުނދުން މައްޗަށް ތަވާ އުދިއެވެ. އަދި ތެޔޮ ފޮދެއް އެޅިއެވެ. ބިސް ތެޅުމަށްފަހު ތަވައަށް އޮއްސާލިއެވެ. ތުއްތު އިނީ މަންމަ ކުރާ ކަމެއް ބަލާށެވެ. ތުއްތުއަށް ތަރުކާރީ ބަތް ވަރަށް މީރުވިއެވެ. އެހެންވެ އަދި އިތުރަށް ބަތް އަޅައިދިނުމަށް މަންމަ ކުރެން އެދުނެވެ. މަންމަ ތެލި ބަލައިލިއެވެ. ކުޑަ ބަތްކޮޅެއް އިނެވެ.
ބަތްކައި ނިމުމުން ތުއްތު ކެއި ތަށި މަންމަ ދޮވުނެވެ. އަދި މޭޒު ސާފުކޮށްލިއެވެ. ތުއްތު ކައިރީ ރީތިކޮށް ތުން ދޮވުމަށް މަންމަ ބުންޏެވެ. އަދި ކައި ނިމިގެން ދުޢާ ކިޔުމަށް ހަނދާންކޮށްދިނެވެ. ތުއްތު ބޭރަށް ނިކުމެ މައްޗަށް ބަލައިލި އިރު ވަރަށް ގިނަ ތަރިތައް ފެނުނެވެ. ތަރިތައް ފިޔަ ޖަހާތަން ބަލަން ހުއްޓާ މަންމަ ގޮވާލިއެވެ. “ދަރިފުޅާ މަންމަ ކޮޓަރި ތަޅުދަނޑި ދެކުނިންތަ؟” ތުއްތު އެތެރެއަށް ވަނެވެ.
އޭރު މަންމަ އުޅެނީ ކޮޓަރި ތަޅު ނުހުޅުވިގެންނެވެ. ތުއްތު ބަދިގެއަށް ވަނެވެ. އަދި ތަޅުދަނޑި ހިފައިގެން އައިސް މަންމަ އަތަށްދިނެވެ. މަންމަ ހަނދާން ނެތިގެން ތަޅުދަނޑި ބޭއްވިފައި އޮތީ ބަދިގޭގައި އޮތް ތުވާލި މަތީގައެވެ. (ނިމުނީ)
ވާހަކަ ކިޔުމަށްފަހު ތިރީގައިވާ ސުވާލުތަކަށް ޖަވާބުދީ!
- ތުއްތު އިނީ ކޮންކަހަލަ ބަތެއް ކާންތަ؟
- ތުއްތު ބަތް ކާން އިނދެގެން ބެލީ ކޮންތާކަށް؟
- ތުއްތު ބޭރަށް ނިކުތުމުން ފެނުނީ ކޮން އެއްޗެއް؟
- މި ވާހަކައިގައި ހުރި ތާ އަކުރުން ފެށޭ 3 އެއްޗެއްގެ ނަން ލިޔޭ!
- މަންމަ އުޅުނީ ކޮން އެއްޗެއް ގެއްލިގެންތަ؟
ޖަވާބު:
- ތަރުކާރީ
- މަންމަ ބިސްގަނޑު އަޅާތަން
- ތަރިތައް ފިޔަޖަހާތަން
- ތަށި، ތަރި، ތަޅުދދަނޑި، ތަވާ، ތެލި، ތަޅު
- ތަޅުދަނޑި