ކޮއްކޮގެ ވާހަކަފޮތް (އާއިލާ)
(ކޮއްކޮގެ ވާހަކަފޮތް 04) އާއިލާ
މިއީ ބޮޑުޢީދު ދުވަހެވެ. ކޮއްކޮ ހުރީ ނިކަން އުފާވެފައެވެ. އާއިލާއާއި އެކު އުފާކޮށް ކުޅެލަން ފުރުޞަތު ލިބުނީމައެވެ. މަންމައާއި ބައްޕަ ރާވާފައި އޮތީ މާމައާއި ކާފަވެސް ގޮވައިގެން ފަޅުރަށަކަށް ދަތުރު ދިއުމަށެވެ. ތިއްތަ ދާކަށް ބޭނުމެއް ނުވިއެވެ. އެކަމަކު ބައްޕަ ބުނުއްވީ އާއިލާ ހުރިހާ މެންބަރުންވެސް ދަތުރުގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ.
ދަތުރު ދާން ދޯންޏަށްއެރިއެވެ. ބޮޑުބޭބެ އިންޖީނު ސްޓާޓްކޮށްލިއެވެ. ދޮންބެއާއި ތިއްތިބެ އަދި ކުޑަބެ އުޅުނީ ބަސްބޭނުމުގައެވެ. ކޮއްކޮ އުޅުނީ ތުއްތުބެއާއި ތިއްތައާއި އެކު ސަރަކާތްޖެހުމުގައެވެ. ރަށަށް ދެވުމުން ފުރަތަމަ އޮތީ ސައިބުއިމެވެ. މަންމައާއިއެކު ސައިތައްޔާރުކުރުމުގައި ދޮންތަ އެހީވިއެވެ.
ދެން ބޯޅަ ކުޅެލާ ހެދުމަށްފަހު އެންމެ މޫދަށް އެރުނީއެވެ. އެކަމަކު ބޮޑުދައިތަ ފިޔަވައެވެ. ބޮޑުދައިތަ ފައިގައި ބޭސް އަޅާފައިވާތީ މޫދަކަށް ނޭރެވުނެވެ. ދަތުރުގައި ބޮޑުދައިތުގެ ދަރުފުޅު އަލީންވެސް ބައިވެރިވިއެވެ. ކޮއްކޮއާއި އެއް އުމުރެއްގެ ކުއްޖެއް ކަމުން ދެކުދިން އެކުގައި ވަރަށް ގިނަ ކުޅިވަރުތައް ކުޅުނެވެ. ފޯރީގައި މަޖާކޮށް ހެދުމަށްފަހު ހަވީރުވުމުން އެނބުރި ރަށަށް އައެވެ. (ނިމުނީ)
ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!
- ކޮއްކޮގެ އާއިލާ ޢީދު ދުވަހު ނިންމީ ކޮންތާކަށް ދާން ހެއްޔެވެ؟
- ދަތުރު ދާން ބޭނުން ނުވީ ކާކު؟
- ދަތުރު ދިޔައިރު ދޮންބެ އުޅުނީ ކޮންކަމެއްގަތަ؟
- ސައިތައްޔާރުކުރުމުގައި މަންމައަށް އެހީވީ ކާކު؟
- ކޮއްކޮގެ އާއިލާގެ 3 މެންބަރެއްގެ ނަން ލިޔޭ؟