ގެއްލުނު ޢީދު
ތުނިކޮށް ވެހެމުން ދިޔަ ވާރޭ ބޯކޮށްލީ ހަމަ ކުއްލިއަކަށެވެ. އެވަގުތު ވާރޭ ފެންގަނޑުގެ ތެރެއަށް ގަދަ ރަތް ލޭގެ ކުލަވަރު ފެތުރިގެން ދިޔައެވެ. އެމަންޒަރު ފެނުމުން ފޯރީގައި ބައިބަލާ މެޗު ބަލަން ތިބި މީހުންތައް މަޑުމަޑުން އެ ދިމާލަށް ބޮނޑިޖެހެމުންދާތަން ފެނެއެވެ. ރެއަކީ އަޞްހާ ޢީދުގެ ފުރަތަމަ ރެއެވެ. ޢީދުގެ ކުޅިވަރުގެ ތެރޭގައި ހިމެނޭ ބައިބަލާ މެޗު ބެލުމަށް ރަށުގެ ގިނަ އަދަދެއްގެ މީހުން ޖަމާވެފައި ތިއްބެވެ. ވައްބުރު ބައްޓަމަށް ދޮންވެލިލައި ހަދާފައިވާ އެ ކޮށީގެ ބޭރުގެ ވައިގެން އެކި އުމުރުގެ މީހުންގެ އެއްވެފައި ތިއްބެވެ. ބޮނޑިވެފައިވާ މީހުންގެ ތެރެއިން ކުއްޖަކު އަށިގަނޑަކަށް ލައިގެން ބަޔަކު ނިކުންނަތަން ފެނެއެވެ. އެމީހުންގެ މިސްރާބު ހުރީ ޞިއްޙީމަރުކަޒާއި ދިމާލަށެވެ. ފަހަތުން މަންޒަރު ބަލަން ދިޔަ މީހުންވެސް ވަކި މަދެއް ނޫނެވެ.
ކުޑައިރުކޮޅެއްފަހުން ވާރޭ ވެހުން ހުއްޓިއްޖެއެވެ. އޭރު ބޮނޑިވި މީހުންގެ ތެރެއިން އަލީމް ކޮރުޖަހަމުން ކަހަލަ ގޮތަކަށް ނިކުންނާތީ ފެނެއެވެ. އަލީމް ދޮންބެ އެނާއާއި ދިމާލަށް ނުރުހުންވެ ހުރެ ވާހަކަދައްކަމުން ދިޔައެވެ. ބައިބަލާ ފަސްގަނޑުގެ ސަރަޙައްދު ފަސްދީ ބޮޑުތަކުރުފާނު މަގަށް ނިކުތުމުން އަލީމްގެ ދޮންބެ އޭނާ ގެއަށް ސައިކަލުގައި ގެންދިޔައެވެ. އަލީމުގެ ކަކޫ މެށި ލޭ ހިލިފައިވެއެވެ. ނަމަވެސް މަރުކަޒަށް ނުގޮސް އަލީމް ދޮންބެ އޭނާ ގެއަށް ގެނައީ ކީއްވެ ބާއެވެ؟ އޭނާގެ މަންމަ އައިސް ވީގޮތް އޮޅުންފިލުވަން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވިއެވެ. އަލީމަށް ވެގެން އުޅޭގޮތް ކިޔައިދެވޭ ގޮތެއް ނުވީމައެވެ.
އަލީމަށް ހަމައެކަނި ބުނެވުނީ އޭނާ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އޭނާއަށް ރޮވެނީއެވެ. މަންމަ ހަލާކުވެފައި ހުރި ފައިގައި ރަތްބޭސް ޖައްސަދިނެވެ. ކުޑައިރުކޮޅެއްފަހުން އަލީމުގެ ދޮންތަ ގެއަށް އައިސް ދިން ޚަބަރުން މަންމަގެ ހަމްދަރުދީގެ ސުވާލުތައް ރުޅިވެރިކަމަށް ބަދަލުވާން ނެގީ މަދު ސިކުންތު ކޮޅެކެވެ. އަލީމް މަންމަގެ ސުވާލުތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ކޮޓަރިއަށް ވަނީ އެކަމުން ފިލާކަށް ނޫނެވެ. ޙާލަތުގެ ގޮތުން އޭނާއަށް ވަނީ ނުހަނު އަސަރުކޮށްފައެވެ.
އަލީމްގެ ދޮންތަ ސައިކަލުގައި އޭނާގެ މަންމަ ގޮވައިގެން ޞިއްޙީމަރުކަޒަށް ދިޔައެވެ. އޭރު އެހިސާބުގައި ފުދޭވަރަކަށް މީހުން ތިއްބެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގެން އަލީމް މަންމަ މަރުކަޒުގެ އެތެރެއަށް ވަނެވެ. ހަމައެވަގުތު އަނިޔާ ލިބިގެން ގެނެވުނު ނާވިލްގެ މަންމަ ހަނީފާ ރޮމުން ރޮމުން ބޭރަށް ނިކުންނަނީއެވެ. ހަނީފާ އަލީމްގެ މަންމައާއި ދިމާލަށް ނުރުހުމާއެކު ހަޅޭލަވާ އެއްޗިގޮވަން ފެށިއެވެ. އެތެރެއަށް ވަންނަން އެޅި ފިޔަވަޅު ޖެހުނީ ފަހަތަށް އަޅާށެވެ. ޙަޤީޤަތުގައި ވެގެން އުޅޭގޮތެއް ނޭނގުނެވެ. އަލީމް ބުނާގޮތުން އޭނާ އެއްވެސް ކަމެއް ނުކުރެއެވެ. އެކަމަކު މަންޒަރު ދުށް މީހުން ބުނަނީ އަލީމް ނަވީލް ބޯޅަދަނޑުފާރުމަތިން ކޮށްޕާލީ ކަމަށެވެ.
ނަވީލަށް ފަރުވާދެނީއެވެ. ކައިރީގައި އާއިލާގެ މެންބަރުން ކަންބޮޑުވެފައި ތިއްބެވެ. ތިރީސް މިނެޓްގެ ފަރުވާއަށްފަހު ޑޮކްޓަރު ބުނީ ނަވީލްގެ ކަކުލުހުޅު ވަނީ ނައްޓާފަ ކަމަށެވެ. އަދި ކަނާތު އަތްވަނީ ވަރަށްބޮޑަށް ކަފައިން ގޮސްފަކަމަށެވެ. ބައިބަލާގެ ފޯރީގެ އަޑު މެދުނުކެނޑި އޭރުވެސް މަރުކަޒާއި ހިސާބަށް އިވެމުން ދެއެވެ. އޭރު ކޮންމެވެސް ވަރަކަށް މީހުން މަރުކަޒުދޮށުން މަދުވެއްޖެއެވެ. ނަވީލް ޖެހުނީ 3 ދުވަސް ވަންދެން މަރުކަޒުގައި އެނދުމަތިކުރާށެވެ. ތުންތުން މަތިން ދެކެވެމުން އައި ވާހަކަތަކުން ނަވީލަށް އެފަދަ ބޮޑު އަނިޔާއެއް ލިބުނީ އަލީމްގެ ސަބަބުން ކަމުގައި ބެލެވެއެވެ. އެންވެ އެކަމުގެ އަދަބެއްގެ ގޮތުން އަލީމަށް ޖެހުނީ ޢީދު ނިމެންދެން ގެއިން ނުނިކުމެ ގޭގަ މަޑުކުރާށެވެ. އަލީމު ފަހުން ވީގޮތް ކިޔައިދޭން މަސައްކަތް ކުރިއެވެ. އެހެނަސް އޭނާގެ ވާހަކަތައް އަޑުއަހާނެ މީހަކު މިހާރަކު ނެތެވެ. ހުރިހާ މީހުންގެ ނަޒަރުގައި ކުށްކުރީ އަލީމެވެ.
އެރޭގެ ހާދިސާ ހަޤީޤަތުގައި ހިނގިގޮތް އެނގުނީ ދުވަސްކޮޅެއްފަހުން ނާވިލް ކިޔައިދިނުމުންނެވެ. ނާވިލަށް ލިބުނު ވޭނެއްގެ ސަބަބުން އޭނާއަށް ކުރެވުނު ކުށަށް އަމިއްލައަށް އިޢުތިރާފް ވީއެވެ. ދެކުދިންނަކީ ކުލާހުގައި ޖެހޭ ކޫސަނި ކަންކަމާއި ދެބަސްވެ ހަދާ ދެކުދިންނެވެ. އަލީމް ނާވިލްގެ ތަކެތި ނަގަނީ ހުއްދަ ނުހޯދައެވެ. ނާވިލް އެކަމަށް ރައްދުދީފިނަމަ، އަލީމްގެ ގުރޫޕްކުދިން އެއްކޮށްގެން ބޭރުތެރެއިން ދިމާކޮށް ހަދައެވެ. އެކަމާ ނާވިލް ހުންނަނީ އަލީމްދެކެ ވަރަށް ހިތްހަމަނުޖެހިފައެވެ. އެރޭ ބައިބަލާ މެޗު ބަލަން ބޭނުންވެގެން ފާރުމަތިން ޖާގައެއް ހޯދުމަށް އަލީމް އެދުމުން ނާވިލް އެކަމާ އިންކާރު ކުރީއެވެ. އަދި މެޗުގެ ފޯރިގަދަވި ވަގުތު ފާރުމަތީގައި ތިބި ކުދިންތައް ކޮޅަށް ތެދުވިއެވެ. ނާވިލް ކައިރީގައި އިން ކުއްޖާ އެތަނުން ދިއުމުން އަލީމް ވަގުތުގެ ބޭނުންކޮށް އެ ޖާގަ ހޯދިއެވެ. އަދި ކޮޅަށް ތެދުވިތަނާ ނާވިލް އެކަމާ ހިތްހަމަ ނުޖެހުންފާޅުކުރިއެވެ. އަލީމް އެތަނުން ނުދާނެ ވާހަކަ ބުންޏެވެ. ހަމައެވަގުތު އަލީމާއި ޖެހިގެން ހުރި ކުއްޖާ އޭނާ ކުޑަކޮށް ސަމާސަކޮށްލިއެވެ. އެވަގުތު ނާވިލްގެ ގައިގައި ޖެހުނެވެ. ނާވިލް ރުޅިވެރިކަމާއެކު އަލީމް އެތަނުން ކޮށްޕާލުމަށް އުޅުމުގެ ތެރޭގައި ނާވިލްގެ ފައި އަރިއަޅާލައިގެން ވެއްޓެން ދިޔައެވެ. ހަމައެހިނދު ނާވިލަށް އަލީމްގެ ޓީޝާޓުގައި ހިފެހެއްޓުމުން ދެކުދިން އެކުއެކީގައި ވެއްޓުނެވެ. ނާވިލް ވެއްޓުނީ ވިނަގަނޑުމަތީ އޮތް ދަގަނޑު ހޮޅިބުރިއެއް މައްޗަށެވެ. އެހޮޅިބުރީގެ އެއްކޮޅުވަނީ ތޫނުކޮށްފައެވެ. ނަވީލްގެ އަތްގޮސް ޖެހުނީ ހޮޅީގެކޮޅުގައެވެ. އެއީ އެތަނަށް ދިދަތައް ޖެހުމަށް ގެނެސްފައިވާ ހޮޅިބުރިއެއް ކަމަށް ބެލެވެއެވެ. މި ވާހަކަތައް އިވުމުން ނާވިލްގެ މަންމައާއި ބައްޕަ އަލީމްގެ މަންމެންގެއަށްގޮސް މަޢާފަށް އެދުނެވެ.
ނާވިލްގެ ފައިގައި ޖެހުނީ ފިލާބަންނާށެވެ. އަދި 3 މަސްވަންދެން ހުރިހާ ކުޅިވަރުތަކުން އޭނާ މަޙްރޫމްވީއެވެ. އިންތިޒާރުކޮށްގެން ތިބި ބޮޑުޢީދުގެ ކުޅިވަރުތައް ބަލާލަކަށްވެސް ނުދެވުނެވެ. ޢީދު ނިމެންދެންވެސް ދެކުދިންނަށް ޖެހުނީ ގޭގެ ހަތަރުފާރުގެ ތެރޭގައި ޢީދުގެ ދުވަސްތައް ހޭދަކުރާށެވެ. މިއީވެސް ހަމަ އެފަދަ ރެއެވެ. ބޮޑުޢީދުގެ ބައިބަލާ ފަސްގަނޑުގެ ރަތްބުރުގެ ބޭރުން އުތުރު ފަރާތުގައި ގޮޑިއެއް ބަހައްޓައިގެން ދެކުދިން ފޯރީގައި ބައިބަލާ ކުޅޭތަން ބަލަން ތިއްބެވެ. މިހާރު އެއީ ދެއެކުވެރިންނެވެ. އެހާދިސާއަށްފަހު އަލީމާއި ނާވިލްވެސް ދެކުދިންގެ ހިތުގައި އޮތް ހަސަދަވެރިކަމާއި ރުޅިވެރިކަން ފިލުވައިލުމަށްފަހު އެކަކު އަނެކަކަށް މަޢާފްކުރިއެވެ. އަދި އެކުވެރި ގުޅުމެއް ބަދަހިކުރިއެވެ. (ނިމުނީ)
ވާހަކައިގެ ޢިބްރަތް: ކުރެވޭ ކުޑަކަމަކުންވެސް ބޮޑު ގެއްލުމެއް ލިބިދާނެއެވެ.
މި ވާހަކަ ލިޔުމުގައި ސަމާލުކަން ދީފައިވާ ކަންކަމަށް ބަލައިލަމާ ހިނގާށެވެ!
އެންމެ ފުރަތަމަ މައިގަނޑު ހާދިސާއެއް އުފެއްދުމަށް ދިމާވެފައި ނުވަތަ ދިމާވެދާނެ ކަމަކާއި މެދު ވިސްނާލާށެވެ. އަދި ހިތުތެރޭގައި ޚިޔާލުތައް ރާވާލާށެވެ. އިތުރަށް ފުރިހަމަ ކުރުމަށް ތިރީގައިވާ ގޮތަށް ސްޓޯރީ މެޕެއް ނުވަތަ މައިންޑް މެޕެއް ތައްޔާރުކުރާށެވެ. ހާދިސާ ފެށުނު ގޮތާއި ނިމުމު ގޮތް ރާވާލަން ވާނެއެވެ. ހާދިސާ ރާވާއިރު ނުވަތަ ވާހަކަ ލިޔުމުން ހުށަހަޅާއިރު ވީހައިވެސް ކިޔުންތެރިން ޝަޢުޤުވެރިވާނެ ގޮތަކަށް އަތުރާލެވޭތޯ މަސައްކަތްކުރާށެވެ. ހާދިސާގައި ވާގޮތް ޚުލާސާކޮށް ނޯޓް ކޮށްލެވިދާނެއެވެ. މިސާލަކަށް؛
ހާދިސާ: އެކުގައި އުޅުނު ކުދިންތަކެއްގެ ތެރޭގައި ހިނގާ ހަމަނުޖެހުމެއްގެ ތެރޭގައި އެއްކުއްޖަކަށް ބޮޑު އަނިޔާއެއް ލިބެއެވެ. އެކަން ހިނގަން މެދުވެރިވި ސަބަބާއި އެކަމުގައި ކުށްވެރިވަނީ ސީދާ ކާކު ކަން ހާމަ ވަނީ ވާހަކަ ނިމޭ ހިސާބުންނެވެ. ނަމަވެސް ވާހަކައިގެ ހާދިސާ ފުރަތަމަ ކިޔައިދޭއިރު ވަކި ކުއްޖަކު ވަނީ އެކަމުގައި ކުށްވެރިވެފައެވެ. އެއީ ފެނުނު މަންޒަރުންނާއި އެކުއްޖާއަށް (އަލީމަށް) ލިބިފައިވާ އަނިޔާގެ ނިޝާންތަކުންނެވެ. ނަމަވެސް ވާހަކަ ނިމޭއިރު ނާވިލްއަށް އަނިޔާ ލިބެންޖެހުނީ ސީދާ ނާވިލްގެ ސަބަބުންކަން އެނގޭނެއެވެ. އެއީ ވާހަކައިގެ ކުންނު ކަމުގައި ހަދާށެވެ.
ތީމް: ދެކުދިންގެ މެދުގައި ދިމާވާ މައްސަލައެއް
ސެޓިން: ބޯޅަދަނޑު/ ބައިބަލާ ފަސްގަނޑު
ޝަހްޞިއްޔަތުން: ނާވިލް، އަލީމް ، ނަވީލްގެ މަންމަ( ހަނީފާ) ބައްޕަ، ޑޮކްޓަރ، އަލީމްގެ ދޮންބެ އަދި ދޮންތަ
ފެށުން: ( ހާދިސާ ހިނގާ މާހައުލާއި އެވަގުތު މޫސުން ހުރިނެތްގޮތް ސިފަކޮށްދިނުން )
މައިގަނޑު: ނާވިލް އާއި އަލީމްގެ އެކުވެރިކަން ހީނަރުވެ އެކަކު އަނެކެއްގެ ހިތުގައި ހަސަދަވެރިކަމެއް އުފެދެއެވެ. މިހެންވެފައި އޮތްވައި ބައިބަލާ މެޗު ކުޅެމުން ދިޔަ ވަގުތު ކުޅިބަލަން މިދެކުދިން އާދެއެވެ. އިއްތިފާޤަކުން އަލީމަށް މަޑުކުރެވުނީ ނާވިލް ކައިރީގައެވެ. އެހިސާބުގައި ފުދޭވަރަކަށް މީހުން ގިނަވުމާއި އެކު ކުޅިބަލަން ތިބޭނެ އިތުރު ތަނެއް ނެތުމުން އަލީމް ނާވިލްގެ ކައިރީ އޭނާއަށް ޖާގައެއް ދިނުމަށް އެދެއެވެ. މިތަނުން ހިނގާ ހަމަނުޖެހުމެއްގެ ސަބަބުން ދެކުދިން ވެއްޓި އަނިޔާ ލިބެއެވެ. އަދި ދެފަރާތުގެ ދެމެދުގެ އާއިލާއަށް މިކަން ކުރީ ކާކު ކަމެއް ނޭނގެއެވެ.
ކުންނު: ނާވިލްއަށް އަނިޔާ ލިބުނީ ކާކު ގެ ސަބަބުންކަން އެނގުން ނުވަތަ ހަޤީޤަތް ހާމަވުން
ނިންމުން: ޢީދު ނިމެންދެންވެސް ދެކުދިންނަށްވެސް ޖެހުނީ ގޭގަ މަޑުކުރަން.

ގެއްލުނު ޢީދު – މިވާހަކަ ކިޔާލުމުން އެނގިގެންދިޔައީ ވާހަކައެއް ލިޔުމަކީ މާއުނދަގޫ ކަމެއް ނޫންކަމެވެ. ވަރަށް އާދައިގެ ހާދިސާއަކުންވެސް ކުރުވާހަކައެއް ލިޔެލެވިދާނެކަމެވެ.
އެސް އެސް ސީ އިމްތިހާނުގައި ވާހަކަ ލިޔާ ދަރިވަރުންނަށާއި، އަދި އެފަދަ ދަރިވަރުން ތަމްރީން ކުރާ މުދައްރިސުންނަށް މިވާހަކައަކީ ވަރަށް ބޭނުންތެރި މުހިއްމު ވާހަކައެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
މިވާހަކައަށްފަހު ތިރީގައި އެވާ މަޢުލޫމާތު ތަކަކީ ސާނަވީ ގްރޭޑް ތަކުގެ ދަރިވަރުންަނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމާތު ތަކެކެވެ. އަދި މިލިޔުމުގައި އެ މަޢުލޫމާތުތައް ގެނެސްދީފައިވާގޮތުން ކުދިންނަށް ވަރަށް ފަސޭހައިން އެބައިތައް ދެނެގަނެވިދާނެކަމަށް ފެނެއެވެ. އަދި ކުދިންގެ ޝައުޤުވެރިކަން ނުގެއްލި މިވާހަކަ ކިޔުމާޢެކު އެ މަޢުލޫމާތުތައް ދަރިވަރުން ކިޔާނެކަމަށް ބެލެވެއެވެ.
ނާރެސް މީޑިއާ އިން ތިޔަކޮށްދޭ މަސައްކަތަށް އިޚްލާސްތެރިކަމާއެކު ޝުކުރުއަދާކުރަމެވެ. އަދި ވަކިން ޚާއްޞަކޮށް މިވާހަކަ އާއި، ވާހަކަ ލިޔާނެގޮތް ލިޔުއްވި ލިޔުންތެރިޔާ ސާމިލް ސަރ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ.