އަހަރެންގެ ބައްޕަ
“ބާރަށް ދަރިފުޅާ! ބާރަށް ދުވޭ!” މަންމަ ގޮވާލިއެވެ.އަހަރެން އިހުނަށް ވުރެ ބާރަށް ދުއްވައި ގަތީމެވެ.ފަހަތުން އަންނަ މީހުން ހަމަ އަންނީއެވެ.އިތުރު ހިތްވަރެއް ލާފައި އެއަށް ވުރެ ވެސް ދުވުން ބާރު ކޮށްލީމެވެ.ވަކި ހަމައަކުން ކުރި މަތިންވެސް މީހަކު ދިމާ ކުރިއެވެ.އޭނާ ކައިރިން ރެކިލާފައި ޒާތަކަށް އެނބުރިލާފައި ބޯޅަ ގޯލާ ދިމާއަށް ފޮނުވާލީމެވެ.އެއާއެކު ޤައުމީ ޓީމު ފުޓުބޯޅައިން އޮލިމްޕިކު ރަން މެޑަލް ހާސިލް ކުރިއެވެ.އެންމެންގެ ދުލުން ކިޔެނީ އަހަރެންގެ ނަމެވެ. ރާއްޖޭގަވެސް އަހަރެންގެ ނަމެވެ. ޓޯކިޔޯގައިވެސް އަހަރެންގެ ނަމެވެ.21 އަހަރުގެ މާހިން ޖަޒީރާ ދިވެހި ރާއްޖެއަށް ފުޓުބޯޅައިން ރަން މެޑަލް ގެނެސްދިން ވާހަކައެވެ.
ކުއްލިއަކަށް ހޭލެވުނީ ގިއް ކިޔާފަ ފިނި ވުމުންނެވެ.ކުރިމަތީގައި ހުރީ ޤައުމީ ޓީމުގެ ކޯޗު، ކޯޗު ކުޑޭއެވެ.އަހަރެންގެ ބައްޕައެވެ.”ކޮން ހުވަފެނެއް ބަލަނީ؟” ބައްޕަ އަހާލިއެވެ.”މިއޮށް ގަޑި ޖެހެނީ އަވަސް ކޮށްގެން އާދެ ދަނޑަށް، ސެލެކްޓް ވާން ބޭނުމިއްޔާ މިއަދު ގަޑި ޖެހިގެން ނުވާނެ!” ވާހަކަ ދައްކާ ގޮތުން ހީވަނީ ދުރު ހިލޭ މީހެއް ހެނެވެ.އެއް ގެއެއްގައި އުޅޭތީވެ މަދު މަދުން ވާހަކަ ދެކެވެއެވެ.ގެއިން ބޭރުގައި އަހަންނަކީ ހަމަ އާދައިގެ ކުޅުންތެރިއެކެވެ.ފުޓުބޯޅައަށް އޮންނަ ލޯތްބަކީ ބައްޕައަށް އަހަރެންގެ ހިތުގައި އޮންނަ އިހުތިރާމޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.ތާ އަބަދުމެ މި މަސައްކަތް ކުރަނީ ބައްޕަގެ ދުލުން ތަޢުރީފެއް ލިބޭތޯއެވެ. ނަމަވެސް އެކަން ވުމަކީ ނާދިރު ކަމެކޭ ބައެއް ފަހަރު ހިތަށް އަރައެވެ.
ދަނޑަށް ދެވުނުއިރު މިއޮތީ 10 މިނެޓު ލަސް ވެފައެވެ.”ކައްޕި ތިހެން ހަދަނީމަ ކަޑަ ހުންނަނީނުން؟”އެސިސްޓެންޓް ކޯޗް މާރޓިނެޒް ބުނެލިއެވެ.ދަނޑު ވަށާ 20 ބުރު ޖަހާފައި އަހަރެންވެސް ކަސްރަތުގައި ބައިވެރިވީމެވެ.އޭރު އެޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭ.އެފް.ސީ) ގެ އޮފިޝަލުން ދަނޑު ތެރެއަށް ވަދެގެން އަންނަތަން ފެނެއެވެ.އެއީ ޤައުމީ ޓީމަށް ކުޅުންތެރިން ނަގާ މީހުންނެވެ.އެހެން އަހަރު ތަކެކޭ ޚިލާފަށް މިއަހަރު ވަރަށް އާދައިގެ ޓެސްޓް ތަކެއް ނަގައިފާ ހޮވުނު ކުޅުންތެރިންގެ ނަން އިޢުލާން ކުރިއެވެ.އަހަރެންގެ ނަން އިޢުލާން ކުރީ އެންމެ ފަހު ނަމެއްގެ ގޮތުގައެވެ. ބައްޕަ ބަލަމުން ދިޔަ ގޮތުން މޭގަނޑު އަތަށް ނައީ ހަމަ ކިރިއާއެވެ. މިއަދު ސަލާމަތް ނުވެވޭނެކަން އަހަންނަށް އެނގުނެވެ.
ގެއަށް އައި ގޮތަށް އައިސް ހަޅޭ ލަވަން ފެށިއެވެ.އަހަންނާ ދިމާއަށް އަތު ޖެހުނު އެއްޗެއް އުކަމުން ދިޔައެވެ.އަހަރެންގެ ދިފާއުގައި ނިކުތް ކޮއްކޮ މާހީއަށްވެސް ބައްޕަގެ ރުޅިގަނޑު މައިތިރި ނުވިއެވެ. ކޮތަރިއަށް ވަދެ އަހަރެންވެސް ރުޅިގަނޑު ބޭރު ކޮށްލީމެވެ.ފާރުގައި ދެތިން ބުރު ގޮށް މުށުން ޖެހީމެވެ.އަތުން ފައިބަމުން ދިޔަ ލެއާއެކު ލޮލުން ކަރުނަތައްވެސް ފޫދެން ފެށިއެވެ.ކޮއްކޮ އަށް އެމަންޒަރު ބަލާކަށް ކެތެއް ނުވިއެވެ.މަންމައާއި ހަމައަށް ރިޕޯރޓް ގެންދިޔުން ހަމަ އެންމެ މިނެޓެއްވެސް ލަސް ނުކުރިއެވެ. ސަބަބަކީ ބައްޕަ މައިތިރި ކުރެވޭނެ ހަމައެކަނި މިހަކީ އެއީއެވެ.ކިތޭ މޭ ފުއްޕާފަ އުޅުނަސް މަންމަ ކުރިމަތީގައި ބައްޕަ “ސައިޒު” ވާނެއެވެ.
ހަފުތާއެއް ފަހުން ޤައުމީ ފުޓުބޯޅަ ޓީމު ސިންގަޕޫރަށް ދާން ފުރިއެވެ.ސާފު ޗެމްޕިއަންޝިޕުގައި ވާދަ ކުރުމަށެވެ.ފުރުމުގެ ކުރިން އެއްވެސް ބާރ އަކަށް ވަނުންވެސް ކުލަބަކަށް ވަނުންވެސް ހުރިހާ ދިވެހި ކުޅުންތެރިންނާއި އޮފިޝަލުންނަށް މަނާ ކުރިއެވެ.އޭގެ ކުރިން އަހަރެން އަމިއްލައަށް ހުރީ އެކަން ކަމުން މަނާ ވެގެންނެވެ.ހުރިހާ މެޗެއްގައި އަހަރެންގެ އެންމެ މޮޅު ކުޅުން ދެއްކުމުގެ އުންމީދުގައެވެ.ބައްޕައަށް އަހަރެންގެ ހުނަރު ދައްކަލުމަށެވެ.އަލަށް ނަމަވެސް ބައްޕަގެ ދުލުން ތަޢުރީފުގެ ބަހެއް އަޑު އަހާލުމުގެ އުންމީދުގައެވެ.ހަފުތާއެއް ޓްރެއިނިންގ ގައި ހޭދަ ކުރުމަށްފަހު ދަނޑުމައްޗަށް ނިކުތީމެވެ.މިޔަންމާ ފުޓުބޯޅަ ޓީމާއި ދެކޮޅަށެވެ.ދަނޑުން ފޭބިއިރު އެއްމެންގެ މޫނު މަތިން ފެންނަނީ އުފާވެރިކަމެވެ.ބައްޕަ ފިޔަވައެވެ.ކީއްވެ ކަމެއް އަހަންނަކަށް ނޭނގުނެވެ.މިފަދަ ބޮޑު މުބާރަތެއްގައި 5-0 ގެ ނަތީޖާއަކުން މޮޅުވުމުން ހިތްހަމަ ނުޖެހެންވީ ސަބަބެއް ނެތެވެ.
ބޮޑެތި ތަފާތު ތަކަކުން އޭޝިއާގައި ނަން ހިނގާ މޮޅެތި ޤައުމުތައް ބަލި ކުރަމުން ދާއިރުވެސް ބައްޕަގެ މޫނު މަތިން އުފާވެރިކަމެއް ނުފެނެއެވެ.ވަރަށް ހިތްވަރު ކޮށްފައި ގޮސް ވީގޮތަކާއި ބެހޭގޮތުން ބައްޕަ އާއި ސުވާލު ކުރީމެވެ.ޖަވާބަކަށް ބުނީ ބައްޕަގެ ހާލު ރަނގަޅު ނޫން ކަމަށެވެ.އަދި އަނބުރާ ރާއްޖެ ނުދެވިއްޖެ ނަމަ މަންމައާއި ކޮއްކޮ ގާތު ބައްޕަ ވަރަށް ލޯބިވޭ ބުނި ވާހަކަ ބުނެދިނުމަށް އެދުނެވެ.މިއީ އެހެންޔާ ބައްޕަ ދައްކާ އުޅޭ ޒާތުގެ ވާހަކައެއްވެސް ނޫނެވެ.
ވަރަށް ބޮޑެތި ސުވާލު މާކުތަކެއް ހިފައިން ގޮސް ބައްޕަގެ އެންމެ ގާތް، ކޯޗު މާޓިނޭޒްގެ ކުރިމަތީގައި ބެހެއްޓީމެވެ.ވަގުތުން އޭނަގެ ކޯތާފަތުގައި ކަރުނަތައް ފިރުމަން ފެށިއެވެ.އޭނަ ކިޔައިދިނީ ޤަބޫލު ކުރަން ދަތި ވާހަކަތަކެކެވެ.”ހީޒް ސަފަރިންގް ފްރޮމް ލިއުކިމިޔާ”. އޭނާ ބުންޔެވެ. 4 އުދަރެސް ފެނު ޖެހުނުހެން ހީވިއެވެ.ބައްޕައަށް ލޭގެ ކެންސަރު ޖެހި 2 އަހަރު ދުވަސް ވީއިރުވެސް އަހަރެންގެ ގާތު އެވާހަކަ ބުނާނެ މީހަކު ނުވިއެވެ.އަހަރެންގެ ކުޅުމަށް ބަދަލެއް އައިސްފާނެތީއެވެ. ބައްޕަގެ ހަޔާތުގައި ބާކީ މާގިނަ ދުވަހެއް ނެތެވެ.އެއް ހަފުތާގެ ތެރޭގައި އަހަރެން ބައްޕައާއި އުމުރަށް ވަކި ވާން ޖެހޭނެއެވެ.މިހަފުތާގެ ތެރޭގައި ޗެމްޕިއަންޝިޕުގެ ފައިނަލް މެޗް ވެސް އެބަ އޮތެވެ. ބައްޕަ ބަލަން ބޭނުންވާ މަންޒަރަކީ އަހަރެން ސާފު ޗެމްޕިއަންޗިޕް ތަށި ހިފައިން ހުންނަ މަންޒަރު ކަމަށް މާރޓިނޭޒް ބުންޔެވެ.
ޖެހިގެން އައި ދުވަހު ވަރުގަދަ އިންޑިޔާއާއި ދެކޮޅަށް ނިކުތީ ނުހަނު ފޯރީގައެވެ. މިއީ ބައްޕަގެ ހުވަފެން ތަކުގައި ކުލަ ޖެއްސުމަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ.ފުރަތަމަ ހާފު ނިމުނު އިރު ރާއްޖެ އޮތީ 2 ގޯލުގެ ފަރަގަކުން ދަށް ވެފައެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރެއް ނުވަނީސް ރާޖެއަށް ލިބުނު ޕެނަލްޓީ ވެސް ވީ ނާކާމިޔާބެވެ.75 ވަނަ މިނެޓުގައި އިންޑިޔާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވައިން ގޯލާއެކު ރާއްޖެއަށް އުންމީދު އާ ވިއެވެ.81 ވަނަ މިނެޓުގައި 7 ނަމްބަރު ވިއާމު ރާއްޖެއަށް 2 ވަނަ ގޯލު ކާމިޔާބު ކޮށްދިނެވެ.މުޅި ޓީމު އުތުރި އެރިއެވެ. ސްޓޭޑިއަމް ތެރެ ގުގުމާލިއެވެ.އިތުރު ވަޤުތުގެ 3 މިނެޓުގެ ތެރޭގައި ވިއާމު ވަރަށް ރީތި ތުރޫ ޕާހެއް އަހަންނަށް ދިނެވެ. ދުވެލާފައި ގޮސް ކީޕަރު ދެކޮޅަށް ތަޅުވާލައިފާ ގޯލުގެ މަތީ ކަނުގައި ބޯޅަ ބައިންދާލީމެވެ. އިންޑިއާއަށް ދެން ކޮއްޓާނެ ވަގުތުވެސް ނުލިބުނެވެ.މެޗު ނިމިގެން ދިޔައެވެ.ސާފު ޗެމްޕިއަނުންގެ ގޮތުގައި ރާއްޖޭގެ ނަން އިޢުލާނު ކުރެވުނެވެ.
ދުވެމަރާފައި ގޮސް ބައްޕަގެ ގައިގާ ބައްދާލީމެވެ.”ސާބަސް ދަރިފުޅާ!” ބައްޕަ ބުނެލިއެވެ.ދެން ބުނާނެ ބަހެއް އަހަރެންގެ ދުލަކަށް ނައެވެ.ބެންޗުގައި މަޑުން ހުރި އެކަކުވެސް ނެތެވެ.މަސައްކަތު މީހުން ގޮސް ދަނޑު މެދުގައި ސްޓޭޖެއް ރާވާލިއެވެ. އަދި ސާފު ޗެމްޕިއަންޝިޕުގެ ތަށި އެތާ ބަހައްޓާލިއެވެ.އެމަންޒަރު ބަލަން ތިބި އެންމެންގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ކޯޗު ކުޑޭ ބިންމައްޗަށް ވެއްޓުނު މަންޒަރު ފެނިފައެވެ.އެންމެން އަވަސް ވެގަތީ ކޯޗަށް ވީ ނުވީއެއް ބަލާށެވެ.
ހޮސްޕިޓަލަށް ގެންދިޔުމުން ލިބުނީ ހަމަ އެހާމެ ދެރަ ހަބަރެކެވެ.އަހަރެންގެ ލޯބިވާ ބައްޕަ ދުނިޔެ ދޫކޮށް ދިޔަ ހަބަރެވެ.އަހަރެން އަވަސް ވެގަތީ ބައްޕަ ރާއްޖެ ގެންނާށެވެ.އަހަންނާއެކު ކޯޗު މާރޓިނޭޒްވެސް ރާއްޖެ އައެވެ.އައި އިރު ފަތު އަޑު ކިޔާފައި މުޅި ރާއްޖެއިން އިވެނީ އެޚަބަރެވެ.ސާފު ޗެމްޕިއަންޝިޕް ތަށި އުފުލާލު މާއެކު ކޯޗު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރި ހަބަރެވެ.ނަމަވެސް ކުރީގެ ކޯޗު ކުޑޭ، އެންމެން މިހާރު ދަންނަނީ މާހިންގެ ބައްޕަގެ ގޮތުގައެވެ.އަހަރެންގެ ބައްޕަގެ ގޮތުގައެވެ.އެއީ ދުނިޔޭގައި އަހަންނަށް ލިބުނު އެންމެ ބޮޑު އެއް ނިޢުމަތެވެ.އެނިޢުމަތަށް އަހަރެން ތާއަބަދު ޝުކުރުވެރިވަމެވެ.
ނިމުނީ

ވަރަށް ރީތި ޢިބްރަތްތެރި ވާހަކައެއް … ކީޕް އިޓް އަޕް ބްރޯ
މައިޓޮގެ ފެންވަރު މި ލިޔުމުން ސާބިތު ވެއްޖެ. ޖުމުލަތައް ތަރުތީބު ކުރެވިފައިވާ ގޮތް ސާދާވެފައި އެހާމެ ކިޔާލަން ފަސޭހައެ. ވާހަކަ ކިޔަމުން ދިޔައިރު ހިތަށް ސިފަ ވަމުން ދިޔައެ. ތިޔަ ހުނަރުގެ ބޭނުން އެންމެ ފަހު ވަގުތާއި ހަމައަށް ބޭނުން ކުރާނެ ކަމަށް އުއްމީދު ކުރަމެވެ. އަދި ވަރަށް ބޮޑު ކާމިޔާބަކަށް އެދެމެ. ޝުކުރިއްޔާ!
ޝާނިފް??
މާޝާﷲ މި ދާއިރާގައި އުޖާލާ މުސްތަގުބަލެއް އެބަ އޮތް. އިތުރު ކާމިޔާބަށް އެދެން