ކުޑަކުދިންވާހަކަ

ހީވާގި ދަނޑުވެރިޔާ

ކުޑަކުދިންގެ ވާހަކަ 46

ހީވާގި ދަނޑުވެރިޔާ

      އެއްސަހަރެއްގައި ދިރިއުޅުނު ދަނޑުވެރިއެކެވެ. ދަނޑުވެރިޔާގެ އަންހެނުން ކުއްލިގޮތަކަށް ނިޔާވިއެވެ. އެކަނި ނަމަވެސް ދަނޑުގޮވާން ކުރުމަކީ އޭނާ ވަރަށް ފޯރީގައި ކުރަމުން އަންނަ މަސައްކަތެކެވެ. އެ ސަހަރުގައި ދިރިއުޅޭ މީހުންނަށް ދަނޑުގޮވާން ކުރުމަށްޓަކައި ވަކި ސަރަހައްދެއްވަނީ ރަސްގެފާނު ދީފައެވެ. އެކަމަކު ދަނޑުގައި ހައްދާ ކޮންމެ ބާވަތަކުން ތިންބައިކުޅަ އެއްބައި ރަސްގެފާނު ނަގާނެއެވެ. އެއީ ސަހަރުގައި ދިރިއުޅޭ ބަލިމީހުންނަށާއި ފަޤީރުންނަށް ސަޤަދާތްކުރުމަށެވެ. ބާކީ ހުންނަ ބައި ސަހަރުގެ ބާޒާރަށް ގެންގޮސް ވިއްކައިގެން ދަނޑުވެރިޔާ ނަފާ ހޯދައެވެ.

ގުޅުންހުރި ލިޔުންތައް

    ދަނޑުވެރިޔާ ގޮވާމުގެ އެކި ބާވަތްތައް ހައްދައެވެ. އޭގެތެރޭގައި ބިންބި، ކުދިބަތް، ދޮނަޅަ، ޒުވާރި ހިމެނެއެވެ. މީގެ އިތުރުން ކައްޓަލަ އާއި ބޮޑުކެކުރި އަދި ކަރާ ވެސް ދަނޑުގައި އިންދާފައި ހުއްޓެވެ. ބަރަބޯތައްވެސް މިހާރު ހުރީ ދޮންވެ ފައްކާވެފައެވެ. ގޮވާން ކަނޑަން ދަނޑުވެރިޔާ ބުރަކޮށް ދަނޑުގައި މަސައްކަތްކުރަމުން ދެއެވެ.

      މިހުރިހާ މަސައްކަތެއް ކުރަނީ ދަނޑުވެރިޔާ އެކަންޏެވެ. އޭނާގެ ތިން ފިރިހެން ދަރިން ތިބޭ އިރު އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކުއްޖަކު ނޫޅެއެވެ. އޭނާގެ އުމުރުގެ ބޮޑުބައި އެ ހޭދަކުރަނީ ދަނޑުހައްދައިގެން ލިބޭ އެއްޗަކުންނެވެ. އަދި ދަރިންނަށް ކާނެބޯނެ އެއްޗިއްސާއި އަންނައުނު ހޯދައިދީ ހަދަނީ ވެސް އުފަލުން ހުރެއެވެ.

    ދުވަސްތައް މިހެން ފާއިތުވަމުން ދެއެވެ. މިހާރު ދަނޑުވެރިޔާ ނިކަން މުސްކުޅިވެ ބަލިހާލު ބޮޑުވެއްޖެއެވެ.  އެއްދުވަހަކު ދަނޑުވެރިޔާގެ ހިތަށް އެރިއެވެ. ” ދަނޑުގައި މަސައްކަތް ކުރެވޭ ވަރަށް ވުރެ ބަލިވެއްޖެ. އަހަރެން މަރުވުމުން އަހަރެންގެ ތިން ދަރިންނާއި ދަނޑުތައް ބަލަހައްޓައިދޭނީ ކާކު ހެއްޔެވެ؟” މިހެން ހިތާ އޭނާގެ ދަރިންނަށް ގޮވައި ގެނެސް ބުންޏެވެ. “ދަރިންނޭ! ބައްޕަ މިހާރު ވަރަށް ބަލިވެއްޖެ! ދަނޑުގައި މަސައްކަތް ކުރެވޭ ވަރެއް ނޫން. ބައްޕަ ވަނީ ދަނޑުގައި ވަރަށް އަގުބޮޑު ޚަޒާނާއެއް ވަޅުލާފަ. ބައްޕަ ވަކިވުމުގެ ކުރިން ތިޔަ ތިން ކުދިންނަށް ދަނޑު ތިންބަޔަށް ބަހައިލާނަން. އޭރުން އެކުއްޖެގެ ބައި ކޮނެގެން މިބުނާ ޚަޒާނާ ހޯދާ.”

   ތިން ކުދިން ބައްޕަގެ ވާހަކަ އަޑުއަހާފައި ނިކަން ދެރަވިއެވެ. އަދި ވަރަށް ހިތްވަރާއެކު ބައްޕަ ނިޔާވުމުން ދަނޑަށް ގޮސް އެބުނާ ޚަޒާނާއެއް ހޯދުމަށް ގޮވާންތައް ކަނޑާ ބާޒާރަށް ވިއްކިއެވެ. އަދި ބިންގަނޑު ކޮނެގެން ހޯދަ ހޯދާ އެއްވެސް ޚަޒާނާއެއް ނުފެނުނެވެ. ތިން ކުދިންވެސް ނިކަން ހިތްވަރާއެކު މުޅި ދަނޑު އެއްކޮށް ކޮނެ ނިންމިއެވެ. ޚަޒާނާއެއް ނެތެވެ. އެކުދިން ހިތަށް އެރިއެވެ. ” ބައްޕަ އަހަރެމެންނަށް ދޮގުހެދީތާ”.

ކޮންމެއަކަސް ދަނޑު އެއްކޮށް ކޮނެވި ފަސްގަނޑު ޖެހިފައި ވާތީ އަލުން ގޮވާންތައް އިންދިއެވެ. ކުރިން ފަހަރުހެން ތިން ކުދިން ވާދައަށް ގޮވާން ހެއްދިއެވެ. އެގޮވާންތައް ހަރުވުމުން ވިއްކައިގެން އަނެއްކާވެސް ވަރަށް ގިނަ ފައިސާ ލިބުނެވެ. އެކުދިންނަށް ފަހުން ވިސްނުނެވެ. ބައްޕަ އެބުނާ އަސްލު ޚަޒާނާއަކީ ދަނޑުން ލިބޭ ފައިދާގެ ވާހަކައެވެ.

(ނިމުނީ)

ޢިބްރަތް: ހީވާގިކަމާއެކު ކުރާ ރަނގަޅު މަސައްކަތުން ލިބޭނީ ރަނގަޅު ނަތީޖާއެކެވެ.

 ވާހަކަ ކިޔުމަށްފަހު ތިރީގައިވާ ހަރަކާތްތައް ވާހަކައިގެ އެހީގައި ފުރިހަމަކުރާށެވެ!

ހަރަކާތް (01)

ލަފްޒުތަކުގެ މާނައާއި ލަފްޒު ގުޅުވާށެވެ.

1ގޮވާންހތަކެތި ގަނެ ވިއްކާ އުޅޭތަން
2ނިޔާވުންށފައިސާއާއި، އެފަދަ އަގުބޮޑެތި މުދާ
3ޞަދަޤާތްނކުރާ އަންނަ ގަސްގަހުގައި އަންނަ ތަކެތި
4ޚަޒާނާރމާތްﷲ އަށްޓަކައި ފަޤީރުންނާއި މިސްކީނުންނަށްދޭ އެއްޗެހި
5ބާޒާރުބ“މަރުވުން” މި ބަހުގެ މާތްގޮތް
12345
     

ހަރަކާތް (02)

ތިރީގައިވާ ތާވަލުގައި ހުރި ތަކެތީގެ ތެރެއިން ގޮވާމުގެ 4 ބާވަތުގައި ބޮޅުއަޅާށެވެ.

ކަރާޗިޗަންޑާދޮނަޅަކެރެޓްމިރުސް
ކެބެޖުކުދިބަތްއަލަނާސިބިންބިކިއުކަންބާ
ޒުވާރިމޭބިސްކަނދުރުބަރަބޯކައްޓަލަބޮޑުކެކުރި

ހަރަކާތް (03)

ސުވާލުތަކަށް ޖަވާބުދީ!

  1. ދަނޑުވެރިޔާގެ ދަނޑުގައި ހައްދާ ތިން ބާވަތެއްގެ ގޮވާމުގެ ނަން ލިޔޭ!
  2. ދަނޑުވެރިޔާގެ ތިން ދަރިން ދަނޑުގައި މަސައްކަތްކުރަން ފެށީ ކީއްވެ؟
  3. ދަނޑުވެރިޔާގެ ދަނޑުން ލިބޭނެ ކަމަށް ބުނި ޚަޒާނާއަކީ ކޮބާ؟

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close