މޮނިޓަރިން ހާލަތު އުވާލިތާ 14 ދުވަސްވެފައިވާ ރަށްތަކަށް ކުޅިވަރު ކުޅުމުގެ ހުއްދަ ދެނީ
ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ ތެރެއިން މޮނިޓަރިން ހާލަތު އުވާލިތާ 14 ދުވަސްވެފައިވާ ރަށްތަކަށް ކުޅިވަރު ކުޅުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ޔޫތު މިނިސްޓްރީން ދިނުމަށް މިއަދު ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ދުނިޔެ އާއި ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ އިރު، އެ ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނިޓަރިން ހާލަތު ނިމިފައިވާތާ 14 ދުވަސްވެފައިވާ ރަށްތަކުން ގިނަ އަދަދެއްގެ ޒުވާނުން ކުޅިވަރު ކުޅުމުގެ ހުއްދައަށް މިނިސްޓްރީގައި އެދެމުންދާ ކަމަށެވެ.
އެހެންވެ، އެކަމުގައި މިނިސްޓްރީން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އާއި އެޗްޕީއޭގެ ލަފާ ހޯދި ކަމަށް ބަޔާނުގައިވެއެވެ.
ޓެގާއި އެޗްޕީއޭ އިން ލަފާ ދީފައި ވަނީ ރަށު ކައުންސިލްތަކުން އެ ރަށެއްގައި ކުޅިވަރު ކުޅުން މަނާ ކުރި އުސޫލުގެ ދަށުން ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނިޓަރިން ހާލަތުން ނެގިފައިވާތާ 14 ދުވަސްވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެ ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމާ މެދުގައި އިއުތިރާޒެއް ނެތް ކަމަށެވެ.
ނަމަވެސް ގިނަ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުން ފަދަ ގިނަ ބަޔަކު އެއްވެގެން ހިންގާ އެއްވެސް ހަރަކާތަކަށް ހިތްވަރު ނުދޭ ކަމާއި ގައިދުރުކަން އިސްކަން ދޭން ހިތްވަރުދޭ ކަމަށް ޓެގާއި އެޗްޕީއޭ އިން ފާހަގަކޮށްފައިވާ ކަމަށް ވެސް ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވަނީ މޮނިޓަރިން ހާލަތުން ނެގިފައިވާތާ 14 ދުވަސްވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިން ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރަން ޖެހިދާނެ ކަމަށް ބުނެފައެވެ.
ރާއްޖެ އިން މިހާތަނަށް 1395 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 498 ދިވެހިންނާއި 897 ބިދޭސީންނެވެ. މި ބަލީގައި މިހާތަނަށް 155 މީހުން ރަނގަޅުވެފައިވާ އިރު، ބަލި ޖެހިގެން ނިޔާވީ ހަތަރު މީހެކެވެ.

