ޚަބަރު

ކޯވިޑް-19 : ދެ ރިސޯޓެއް މޮނިޓަރިންގެ ޙާލަތަށް ގެނެސްފި

ރ.އަތޮޅުގައި ހިންގަމުންދާ ދެ ރިސޯޓެއްކަމުގައިވާ ޖޯލި މޯލްޑިވްސް ރިސޯޓާއި، ބޮޑުފުށި ރިސޯޓް މޮނިޓަރިންގެ ޙާލަތަށް ގެނެސްފިއެވެ.

އެ ދެރިސޯޓް މޮނިޓަރިންގެ ޙާލަތަށް ގެނައީ އެ ދެރިސޯޓަށް ދަތުރުކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފަތުރުވެރިޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެނެވެ.

އެޗްޕީއޭއިން ވިދާޅުވީ މި ފަތުރުވެރިޔާ ރާއްޖެއައިސް ޗުއްޓީ ހޭދަކޮށްފައިވަނީ އެ ރިސޯޓްގައި ކަމަށެވެ. މި މީހާ ޗުއްޓީ ނިންމައި އަނބުރާ ޤައުމަށްދިޔަ ފަހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާތީ ކޮންޓެކްޓް ޓްރޭސްކޮށް ނިމެންދެން އެ ދެރިސޯޓްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ 19 މީހެކެވެ. އޭގެ ތެރެއިން 13 މީހުންނަކީ ރާއްޖެއިން ބޭރުގެ މީހުންނެވެ. މިއެންމެވެސް މިހާރުވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުންދަނީ މި ބައްޔަށް ޕޮޒިޓިވްވި 4 ދިވެހިން އެކަންޏެވެ. މި 4 ދިވެހިންވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ އިގިރޭސިވިލާތުން އެނބުރި ރާއްޖެ އައުމުން ބައްޔަށް ޓެސްޓު ކުރުމުންނެވެ. މިއެންމެގެ ހާލުވެސް ރަގަނޅުކަމަށް އެމީހުން ބަލަހައްޓަމުންދާ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close