ޚަބަރު

ޤާސިމްގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަކީ މީގެކުރިންވެސް ހިނގާކަމެއް – ނިހާން

އެއްވެސް މީހަކު ޖަލަށްލާން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތް ނުކުރައްވާނެ ކަމަށާއި  ގާސިމްގެ ބޮލުގައި ތަފާތު އެކި ތުހުމަތުތައް އެޅުވުމަކީ ޒަމާނުއްސުރެ ފެށިގެން ހިނގަމުން އަންނަ ކަމެއްކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެފައިމިވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރެއްވި ހުކުމުގެ އަޑީގައި ހުންނެވީ ގާސިމް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި ތުހުމަތުތަކާ ގުޅިގެން ވީޓީވީގައި މިރޭ ވާހަކަދައްކަމުން ނިހާން ވިދާޅުވީ ރޯމާދުވާލު ސާފުކޮށް ފެންނަން ހުންނައިރު ވެސް ގާސިމްގެ ބޮލުގައި ކަންކަން އަޅުވަމުންދިޔުމަކީ ސިޔާސީ ގޮތުން އާންމުކޮށް ކުރަމުންދާ ކަމެއް ކަމަށެވެ.

އަދި މިހާރު ގާސިމްގެ ބޮލުގައި ތުހުމަތުތައް އަޅުވަމުންދަނީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކަމަށާއި އެކަމުގައި އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ކަމަށް ނިހާން ވިދާޅުވިއެވެ.

“ގާސިމް އަކީ ރައީސް ޔާމީން ވެސް އަދި އެހެން ބޭފުޅަކު ވެސް ޖަލަށްލުމަށް ނުވަތަ އަނިޔާއެއް ދިނުމަށް އެމަނިކުފާނުގެ އިނގިލި ވެސް އުފުއްލަވާނެ ބޭފުޅެއް ނޫން” ނިހާން ވިދާޅުވިއެވެ.

ޔާމީން ޖަލަށްލެއްވުމަށްފަހު ޕީޕީއެމް ޖަހައިގަންނަން ގާސިމް އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރައްވާތީ އެކަމަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވީ ބައެއްގެ ޕާޓީއެއް ގާސިމް ޖަހައިގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

“ގާސިމްގެ އަމިއްލަ ޕާޓީއެއް އެބައޮތް. ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއް ނޯންނާނެ އެ ޕާޓީއެއްގެ އަމިއްލަ އިދާރާއެއް އަމިއްލަ ބިމެއްގައި ހުރި ޕާޓީއެއް ޖޭޕީ ނޫނީއްޔާ. ބަރާބަރަށް ހުރިހާ ކަމެއް ހަމަޖެހިފައި އޮއްވާ، ގާސިމް ނުޖެހެއޭ އެހެން ޕާޓީއެއްގެ ތެރެއަށް ވަންނާކަށް ނުވަތަ ކުރާކަށް” ނިހާން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close