ޚަބަރު

ދިފާއީ ބާރުން ހަތިޔާރާއެކު ހަރަކާތްތެރިވާ ސަބަބު ހާމަކޮށްދޭންޖެހޭ – އިދިކޮޅު

ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތިކޮށް ހަތިޔާރާއެކު ޙަރަކާތްތެރިވާ ސަބަބު، ކަމާބެހޭ ފަރާތްތަކުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ގައުމީ ދިފާއީ ބާރުން ރޭ ވަނީ އެމްއެންޑީއެފްގެ އެލާޓް ލެވެލް މައްޗަށް ޖައްސާ، “ޔެލޯ2″އަށް ބަދަލުކޮށްފައެވެ. ގައުމީ ދިފާއީ ބާރުން ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެލާޓް ލެވެލް މަތި ކުރުމާއެކު، ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ގައުމީ ދިފާއީ ބާރުން، ހަތިޔާރާއެކު އޮޕަރޭޝަނެއް ހިންގާއިރު، އެއީ ކޮންކަމަކާ ގުޅިގެން ހިންގާ އޮޕަރޭޝަނެއްކަން ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭ ކަމަށެވެ.

“އެހެން ނޫނީ ރައްޔިތުންގެ ހިތުގައި މިކަމުގެ ސަބަބުން ބިރުވެރިކަމެއް އުފެދިދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ” އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި އެމްއެންޑީއެފްއިން ކުއްލި ގޮތަކަށް އެލާޓް ލެވެލް މަތި ކުރުމަކީ އެކަމުގެ ސަބަބުން އާންމު ވިޔަފާރިއާއި، ރައްޔިތުންގެ ދިރިއުޅުމަށް އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ.

“އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ މަގްސަދަކީ މި ކަމާ ދެކޮޅު ހެދުމެއް ނޫން. ރާއްޖޭގެ ސަލާމަތާ ގުޅުން ހުރި ކޮންމެ ކަމެއްގައި އަޅުގަނޑުމެންގެ އެހީތެރިކަމާ ފުރިހަމަ އެއްބާރުލުން އޮންނާނެ. އެހެންނަމަވެސް މިފަދަ ކަމެއް ކުރައްވާއިރު ރައްޔިތުންނަށް މައުލޫމާތު ދޭން ޖެހޭ” އަބްދުއްރަހީމް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އެލާޓް ލެވެލް “ޔެލޯ 2″އަށް ބަދަލު ކުރުމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހުގައި އެމްއެންޑީއެފްއިން ވަނީ އެލާޓް ލެވެލް މަތި ކުރީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮވެގެން ނޫން ކަމަށް ބުނެފައެވެ.

އެހެންނަމަވެސް އެމްއެންޑީއެފްއިން ރޭ 7:00ގެ ފަހުން ނެރުނު އެލާޓް ލެވެލް “ޔެލޯ 2” އަކީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމެއް ކުރިމަތި ވުމުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން ނެރޭ އެލާޓެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close