ޚަބަރު

ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ފުރާވަޑައިގެންފި

ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިރޭ ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ އައު ސަރުކާރު ހުވާކުރުމަށް 17 ފެބުރުވަރީ 2026 ގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި މަހުގެ 16 އިން 18 އަށް ކުރައްވާ މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ތާރިޤް ރަޙްމާނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 22 ސެޕްޓެންބަރު 1978 ގައެވެ. ރައީސްގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ އަދި އެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close