ޚަބަރު

ރާއްޖެއިން ބޭނުން ޖެހޭ ކޮންމެ ވަގުތަކު އެހީވާނަން: ޗައިނާސަފީރު

ރާޢްޖެއިން ޗައިނާގެ އެހީއަށް ބޭނުންވާ ކޮންމެ ވަގުތަކުވެސް އެ ގައުމުން އެހީވާނެ ކަމަށާއި 2021 ވަނަ އަހަރު ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޒޯންގް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ބައެއް ލޯނުތައް ފަސް ކޮށްދީފައިވަނީ ޖީ-20ގެ “ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް” (ޑީއެސްއެސްއައި)ގެ ދަށުންނެވެ.

ޖަންގް ލިޒޯންގް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާގެ ލޯނުތައް ދެއްކުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މިއަދު ބައްދަލުކުރައްވާފައިވާ ކަމަށާއި އަދި ލޯނުތައް ދެއްކުމުގައި ދީފައިވާ ލުއިތައް މިނިސްޓަރު ޝާހިދު ބަލައިގަންނަ ކަމަށެވެ.

ހަގީގީ ރަހުމަތްތެރިންނަކީ ބޭނުން ޖެހިފައިވާ ވަގުތު އެހީވާ މީހުންކަމަށާއި ކުރިއަށް އޮތްތާގައި ދެގައުމުގެ ގުޅުން ބަދަހިކުރަުމަށް ރާއްޖެއަށް އެހީވުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށް ޖަންގް ލިޒޯންގް ވިދާޅުވިއެވެ.

ޗައިނާގެ ލޯނުތައް ދައްކަން ދިން މި ލުޔާއެކު، ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ، އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ދައްކާކަށް ނުޖެހޭނެ އެވެ. އެހެންކަމުން ދައްކަން ޖެހޭ ދަރަނިން 809.1 މިލިއަން ރުފިޔާ ކުޑަ ކުރެވޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބުރަބޮޑުވެފައި ވަނީ ސަރުކާރުން ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯނުތަކާއި ގުޅިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ. އަދި ޗައިނާގެ ލޯނުތަކަށް ލުއި ނުދޭ ކަމަށްވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close