ޚަބަރު

ނަރުސް މޭރީގެ މަރުގެ މައްސަލަ: ފިރިމީހާ މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ

އައިޖީއެމްއެޗްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (ޔޫސުފް) ގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. އޮކްޓޫބަރު 2021 ގައި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ތަހުގީގުން ހާމަވީ އޭނާ މަރާލާފައިވަނީ ބޮލަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމެވެ.

މި މައްސަލައިގެ ހުކުމް އިއްވަވަމުން ގާޒީ މުޒައްމިލް ނާޒިމް ވިދާޅުވީ، މޭރީ މަރުވިއިރު މާވިން އެ ގޭގައި ހުރިކަން ހެކިތަކުން އެނގޭ ކަމަށާއި، މީހުން ނޭވާ ހާސްކޮށްލާނެ ގޮތުގެ ފޮޓޯތަކެއް އޭނާގެ ފޯނުން ފެނިފައިވާ ކަމަށެވެ. މޭރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ދެއްކި ވާހަކަތަކަކީ ހަގީގަތް އޮޅުވާލުމަށް ދެއްކި ދޮގު ވާހަކަތަކެއްކަން ޑޮކްޓަރުންގެ ހެކިބަހުންނާއި ޕޯސްޓްމޯޓަމް ރިޕޯޓުން ސާބިތުވާ ކަމަށްވެސް ގާޒީ ފާހަގަކުރެއްވިއެވެ.

މާވިންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، އޭނާއަށް ދޭނެ އަދަބު ކަނޑައެޅުމުގެ މަޖިލިސް އަންނަ މަހުގެ ފުރަތަމަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. މި މައްސަލާގައި މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާ އުފުލާފައިވާއިރު، އޭނާގެ ބައިގެ ޝަރީއަތް އަދި ނިމުމަކަށް ނާދެއެވެ. ބަންދުގައި ހުރި މާވިން މިހާރު ވަނީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްއަށް ބަދަލުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close