ބޭރަށް ދަތުރުކުރާއިރު ވިސާހޯދަން ޖެހޭނަމަ ދުރާލާ ހޯދުމަށް އިލްތިމާސްކޮށްފި
ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭނަމަ، ދުރާލާ މުއްދަތު އޮއްވައި ވިސާއަށް އެދި ހުށަހެޅުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޗުއްޓީއަށާއި، ވިޔަފާރިއަށް، އަދި ތައުލީމު ހާސިލްކުރުމަށާއި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުން ފަދަ ކަންކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭނަމަ، ވިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަކީ މި މިނިސްޓްރީ އިން ދެމުންގެންދާ ކޮންސިއުލާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިފައި އޮންނަ ކަމެއްކަމަށެވެ. ނަމަވެސް މިފަދަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ވިސާގެ ކަންކަން އޮންނަ ގޮތުގެ މައުލޫމާތު ސާފުކޮށް، ދުރާލާ ވީހާވެސް އަވަހަށް ވިސާގެ ކަންތައް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އަދި ވިސާއަށް އެދި ހުށަހަޅާއިރު ލިޔެކިޔުން ފުރިހަމަތޯއާއި، ހުށަހަޅަނީ ދަތުރުކުރުމަށް ބޭނުންވާ ކެޓަގަރީގެ ވިސާއަށްތޯ ކަށަވަރުކުރުމަކީވެސް ވަރަށް މުހިއްމުކަމެކެވެ. މިކަންކަން ކުރުމަށް އެވްރެޖްކޮށް 2 ނުވަތަ 3 ހަފްތާ ވަރު ބޭނުންވާތީ، އެފަދަ އެހިތެރިކަމަށް ބޭނުންވާ ފަރާތްތަކުން، އެހާ މުއްދަތު އޮށްވާ ހުށަހެޅުން ވަރަށް މުހިންމުކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި މި ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން، އާއްމުކޮށް ވިސާ ނެގުމުގައި ހޭދަވާ މުއްދަތަށްވުރެ ދިގު މުއްދަތެއް ހޭދަވާ ދުވަސްވަރެއްކަމަށްވުމާއެކު، މިކަމަށް އިތުރު ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެކިއެކި ބޭނުންތަކަށް ބޭރުގެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން މިކަންކަމަށް ސަމާލުކަންދެއްވުމަށް އެދޭކަމަށްވެސް ބަޔާނުގައިވެއެވެ.


