ދީނީ ތިންޢިލްމް ވެރިއެއްގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފި
ރާއްޖޭގެ ދީނީތިން އިލްމުވެރިއެއްގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ދީނީ އެއްބައިވަންތަކަން ހިމާޔާތް ކުރުމުގެ ގަވާއިދުގެ ދަށުން ތިން މީހަކަށް ދިވެހި ރާއްޖޭގައި ދީނީ ތަގްރީރް ކުރުމާއި ވަޢުޡު ބުނުމަށް އެ މިނިސްޓްރީން ދީފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައި ވާ ކަމަށެވެ.
އެ ހުއްދަ ހިފަހައްޓާފައިވާ ތިން އިލްމުވެރިންނަކީ
1 އަބްދުއްރަހީމް މުހައްމަދުު، މަނަދޫގެ. ނ. ޅޮހި
2 ޖައުފަރު ފާއިޒު، ދެކުނުގެ، ސ. މީދޫ
3 މުހައްމަދު ހަސަން، ރެޑްސީ، ގދ. ތިނަދޫ
އެ މިނިސްޓްރީން ވިދާޅުވީ، މި ތިން މީހުންގެ ތެރެއިން އަބްދުއް ރަހީމް މުހައްމަދާއި ޖައުފަރުއަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ އާންމުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެއްދުމާއި އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކަށް މަގުފަހިވާގޮތަށް ދީނުގެ ނަމުގައި ވާހަކަދައްކަމުން ދާތީ ކަމަށެވެ.
އަދި މީގެ އިތުރުން، މި ދެ މީހުންނަކީ ރާއްޖެއިން ބޭރުގައި ހިންގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭނެހެން ވާހަކަދައްކަމުން އަންނަ ދެމީހުން ކަމަށްވާތީ އެ ހުއްދަ ހިފެހެއްޓީ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ، މުހައްމަދު ހަސަންގެ ހުއްދަ ހިފަހަައްޓާފައި ވަނީ އިސްލާމް ދީނުގެ ދަންނަބޭކަލުންގެ މެދުގައި ހިލާފު، އުފެދިފައިވާ މައްސަލަތަކާއި ބެހޭގޮތުން މުޖުތަމައުގައި ބައިބައިވުމާއި ފިތުނަފަަސާތައަށް މަގުފަހިވާނެހެން ވާހަކަދެއްކުމާއި، އިލްމުވެރިންނާއި މެދު ހަގީގަތާއި ހިލާފު ވާހަކަތަައް ފެތުރުމާއި ދަަންނަބޭކަލުންގެ އިޖުމާއުން އެނގެންނެތްކަންކަމުގައި ތިމާ އަމިއްލަ ދެކޭގޮތަކީ އިސްލާމްދީނުގައި ހަމައެކަނި އޮތްއޮތް ކަމުގައިހަދައި، އެގޮތަށް ބާރުއަޅައި ވާހަކަދައްކަމުން އަންނާތީ ކަމަށެވެ.
އަދި މި މޭރުމުން ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަވެފައިވާތީ އޭނާގެ ހުއްދަ ބާތިލް ކުރީ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.