ޚަބަރު

ކޮވިޑް-19 އަށް އިތުރު 63 މީހުން ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޮވިޑް-19އަށް މިއަދު އިތުރު 63 މީހުން ޕޮޒިޓިވްވެއްޖެކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރެއްވި ގޮތުގައި ބުދަދުވަހުގެ 18:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ 18:00އާ ހަމައަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 63 މީހުންގެ ތެރޭގައި ހިމެނެނެނީ 31 ދިވެހިންނާއި 32 ބިދޭސީންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮސިޓިވްވި 51 މީހުންނާއި އަތޮޅުތަކުގެ ރަށްތަކުން ބައްޔަށް ޕޮޒިޓިވްވި 12 މީހުންނެވެ.

ބުދަދުވަހުގެ 18:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ 18:00އާ ހަމައަށް ރާއްޖެއިން ވަނީ އިތުރު 79 މީހުން މިބަލިން ރަނގަޅުވެފައެވެ. ކޮވިޑް-19ގެ ބަލި މީހުންގެގޮތުގައި 1126 މީހުން މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. މީގެތެރެއިން 573 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. އަދި 79 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދެއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނުތާ 8 މަސްދުވަހާ ގާތްވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ޕޮޒިޓިވެފައިވާ މީހުންގެ ޖުމުލަ ޢަދަދު މިވަނީ 10،354އަށް އަރާފައެވެ. އަދި 9187 މިހުންވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

ކޮވިޑް-19ބަލި ރާއްޖޭގައި އުޅޭ މިންވަރު ދެނެގަތުމަށް، ބައްޔަށް ޓެސްޓުކުރުންވަނީ ވަރަށްބޮޑަށް އިތުރުކޮށްފައެވެ. ކުރިން އެވްރެޖްކޮށް ދުވާލަކު 1000 ސާމްޕަލް ޓެސްޓުކުރިނަމަވެސް، ބުދަދުވަހުގެ 18:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ 18:00އާ ހަމައަށް ވޭތުވެދިޔަ 24ގަޑިއިރުވަނީ 1628މީހުން ބައްޔަށް ޓެސްޓުކޮށްފައެވެ.

ފަރުވާދޭ ފެސިލިޓީތަކުގައި އެޑްމިޓްކޮށް ބަލަހައްޓަމުންދަނީ ބަލީގެ ސަބަބުން ޙާލު ދެރަވާ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާހޯދާ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާމީހުންނެވެ. މިދިޔަ އޮގަސްޓްމަހު ރާއްޖޭގެ ޙާލަތު އެންމެ ގޯސްވިއިރު، މެޑިކަލް ފެސިލިޓީތަކުގައި ފަރުވާދޭން ޖެހުނު މީހުންގެ ޢަދަދު 200އާ ގާތްކުރިއެވެ.

އަތޮޅުތަކުގެ ކޮވިޑް-19ގެ ޙާލަތަށް ބަލާއިރު، އެކިރަށްރަށުގައި ކޮވިޑް-19އަށް ޕޮޒިޓިވް 90 މީހުން އެބަތިއްބެވެ. އެއީ 24 ރަށަކުން 27 ދިވެހިންނާއި، 63 ބިދޭސީންނެވެ. މީގެތެރޭގައި ހިމެނެނީ ފުރަބަންދުން ދޫކޮށްލުމަށް ހެދި ޓެސްޓުން ޕޮޒިޓިވްވިކަން އެނގުނު މީހުންނާއި ކޮންޓެކްޓްވީ މީހުންނެވެ. އަތޮޅުތަކުގެ މެޑިކަލް ފެސިލިޓީތަކުގައިވެސް 6 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

މީގެއިތުރުން 21ރިސޯޓަކުން 10ފަތުރުވެރިއަކަށާއި 17 މުވައްޒަފަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close