ޚަބަރު

އަޑިއަށްދިޔަ ބޯޓުގައި ތިބި ފަޅުވެރިން މާލެ ގެނެސްފި



އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަ ފަޅުވެރިން ރޭ މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ، އެ ފަޅުވެރިން މާލެ ގެނެސްފައިވަނީ، އެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރަމުން ދިޔަ “އެމްވީ ބަރަދުވާޖް” ނަމަކަށް ކިޔާ ބޯޓަކުން ރޭ 23:45 ހާއިރު ކަމަށެވެ. މި ހަ ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ، ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން މި މީހުންނާ ގުޅުންހުރި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.

މި ބޯޓުން ޖުމްލަ ހަތް ފަޅުވެރިން ދަތުރު ކުރި އެވެ. އެ މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް އިން ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.

އެގޮތުން އެމްއެންޑީއެފް އިން ކުރި މަސައްކަތުން އެމީހާ ފެނިފައިވަނީ، އިއްޔެ ހަވީރު 17:25 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދިޔަ ފަޅުވެރިޔާ ފެނުނު އިރު، އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ.

އެހެން ނަމަވެސް އަދި މިހާތަނަށް އެމީހާގެ ހާލަތާއި ބެހޭ ގޮތުން އެމްއެންޑީއެފް އިން މައުލޫމާތު ހިއްސާ ކޮށްފައި ނުވެ އެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބިފައިވަނީ އިއްޔެ 10:30 ހާއިރު ކަމަށް އެއިދާރާއިން ވަނީ ބުނެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close