ޚަބަރު

ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް ވަދެގެން އުޅުނު ލަންކާގެ ދެ މަސްބޯޓް ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު (އީ.އީ.ޒެޑް) ގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ދެ ބޯޓު ހުއްޓުވީ ފެބުރުވަރީ 1 ވަނަ ދުވަހުގެ މެންދުރުފަހު، ހއ. ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް، އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯންތައް ބޭނުންކޮށްގެން ހިންގި ޚާއްޞަ ސަވައިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، ސްރީލަންކާއަށް ނިސްބަތްވާ މި ދެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 2:02 ހާއިރުއެވެ. މި ބޯޓުތައް ފުރަތަމަ ފެނިފައިވަނީ ހއ. ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުން، ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަމުގެ ހަރަކާތްތައް ހިންގަނިކޮށެވެ.

މި ކާމިޔާބު އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން، ދިވެހި ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. ރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އެއަރ ކޯރގެ ޔޫއޭވީ ނުވަތަ ޑްރޯންތައް ބޭނުންކުރަން ފެށުމާއެކު، ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ އުޅަނދުތައް ދެނެގަތުމުގެ ގާބިލުކަން ވަނީ ފަހުގެ ހަތިޔާރާއެކު ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެމްއެންޑީއެފުން ހުއްޓުވައި އަތުލައިގަތް މި ދެ ބޯޓު މިހާރު ދަނީ ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. ބޯޓުތައް ބަނދަރަށް ވެއްދުމަށްފަހު، ދެން ކުރިއަށް އޮތް ތަހުގީގުތަކަށްޓަކައި މި ބޯޓުތައް ދިވެހި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. މިކަމުގެ ތަފްސީލުތައް ފުލުހުންގެ ތަހުގީގަށްފަހު ހާމަވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close