މެލޭޝިޔާގައި ކުއްލި ޙާލަތު އިއުލާންކޮށްފި
މުޅިދުނިޔެއަށް ކުރިމަތިވެފއިވާ ކޮވިޑް-19ގެ ބަލިމަޑުކަން މެލޭޝިޔާގައި އިތުރަށް ގޯސްވެ އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިޢުލާނުކޮށްފިއެވެ. މީގެ ކުރިންވެސް މެލޭޝިޔާވަނީ 3 މަސްދުވަހަށް ފުރަބަންދުކޮށްފައެވެ.
މެލޭޝިޔާގައި ކުއްލި ޙާލަތު އިޢުލާނުކޮށްފައި މިވަނީ ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން އެ ޤައުމުގެ 8 ސްޓޭޓެއް ފުރަބަންދުކުރުމަށް ހަމަޖެހިފައި ވަނިކޮށެވެ. ފުރަބަންދުކޮށްފައިވާ ސްޓޭޓުތަކުގެ ތެރޭގައި ކުއަލަ ލަމްޕޫރު، ސަބާހު، ސެލަންގޯ، ޕެނަންގ އަދި ޖޮހޯރު ހިމެނެއެވެ. މި މަހުގެ 26ވަނަ ދުވަހާއި ހަމައަށް އެ ސަރަޙައްދުތައްވަނީ ފުރަބަންދުކޮށްފައެވެ.
މެލޭޝިޔާގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ އެ ޤައުމުގެ ރަސްގެފާނާއި ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންއާއި ދެމެދު ބޭއްވި ބައްދަލުވުމަކަށްފަހު ޤައުމުގައި ކުއްލި ޙާލަތު އިޢުލާނުކުރުމަށް ރަސްގެފާނު ތާއީދުކުރައްވާފައިވާކަމަށެވެ. އެ ނިންމުން ނިންމާފައިވަނީ ކޮވިޑް-19ގެ ސަބަބުން ޤައުމުގެ ޙާލަތު ގޯސްވެ، ޞިއްޙީ ނިޒާމަށް ބާރުބޮޑުވުމުގެ ސަބަބުންކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.
މިހާރު އިޢުލާނުކޮށްފައިވާ ކުއްލި ޙާލަތު އޮގަސްޓު މަހުގެ 1ވަނަ ދުވަހާއިހަމައަށް ދެމެހެއްޓުމަށްވަނީ ނިންމާފައެވެ. ނަމަވެސް ޤައުމުގެ ޙާލަތު ރަނގަޅުވެއްޖެނަމަ އެއަށްވުރެ ކުރިންވެސް ކުއްލި ޙާލަތު އުވާލުން އެކަށީގެންވެއެވެ.
