ރާއްޖޭގައި އެހެން ދީންތައް ފަތުރާ ވެބްސައިޓްތައް ބްލޮކްކުރަން ކޯޓު އަމުރެއް ނެރެފި
ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތައް ފެތުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ސޯޝަލް މީޑިއާ ޕޭޖުތަކަކާއި އޮންލައިން ވެބްސައިޓުތަކަކަށް އާންމުންނަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.
ފުލުހުން ބުނީ ދިވެހިންނަށް އަމާޒުކޮށްގެން އިސްލާމް ދީން ނޫން އެހެން ދީންތައް ފެތުރުމަށް ސޯޝަލް މީޑިއާ، އޮންލައިން ވެބްސައިޓް އަދި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ގުޅުން ހުރި އިދާރާތަކާއެކު އެ މައްސަލަ ތަހުގީގުކޮށްފައިވާކަމަށެވެ.
އެކަމާ ގުޅިގެން އެފަދަ ވެބްސައިޓް، ޕޭޖު، ޗެނަލް އަދި އެޕްލިކޭޝަންތަކަށް އާންމުންނަށް ނުވަދެވޭނެހެން ބްލޮކް ކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި ފުލުހުން އެދުމުން، އެ ކޯޓުން އެފަދަ އަމުރެއް ނެރެދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަމުރު ނެރެދިނުމާއެކު އެ އަމުރު ތަންފީޒުކުރުމަށް ފުލުހުންގެ ފަރާތުން ވަނީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ރަސްމީކޮށް ސިޓިއަކުން އަންގާފައިކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައިގައި ފުލުހުން ހަވާލާ ދޭ އެ ވެބްސައިޓްތަކަކީ ކޮން ވެބްސައިޓްތަކެއް ކަމެއް ހާމަނުކުރި ނަމަވެސް، މިފަހުން ރާއްޖޭގައި ނަސާރާ ދީން ފެތުރުމަށް އަމާޒުކޮށް ދިވެހި ބަހުން ފޭސްބުކް ޕޭޖުތަކެއް ހިންގިކަމުގެ ވާހަކަތަކެއް އާންމުންގެ ތެރޭގައި ވަނީ ފެތުރިފަ އެވެ.
އަދި ނަސާރާ ދީނުގެ ފޮތް “ބައިބަލް” ގެ ތަރުޖަމާކޮށްފައިވާ ޕޯސްޓުތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ.



