ޚަބަރު

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓާސްކްފޯހެއް އުފެއްދުމަށް ރައީސް ނިންމަވައިފި

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައިސް ސޯލިޙު އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

 ރައީސް ސޯލިހު ވަނީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ނިންމަވާފައެވެ. އެގޮތުން، ޤާނޫނާ ޚިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި، ރާއްޖޭގައި ގެންގުޅުމާއި، ޤާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ޤާއިމްކުރުމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުމަށް، ހުށަހެޅިފައިވާ ގޮތަށް “ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް” ގެ ނަމުގައި ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ވެސް ވަނީ ނިންމަވާފައެވެ.

މީގެއިތުރުން، ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ އައުމަށްފަހު، ޤާނޫނާ ޚިލާފަށް، ޤާނޫނީ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ ފަރާތްތައް، ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި “ރެގިއުލަރައިޒޭޝަން” ޕްރޮގްރާމެއް ހިންގުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި ޤާނޫނާ ޚިލާފަށް ޤާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުން ގެންދާ ބިދޭސީންގެ ކަންކަމަށް ހައްލެއް ހޯދުމާއި، އިޤްތިޞާދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އިންތިޒާމު ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ވަޒީރުންގެ މަޖިލީހުގައ ޖަލްސާގައި ވަނީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ވިޔަފާރިތަކަށް ކޯޓާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު އަލުން އެކަށައެޅުމަށާ އަދި އިޤްތިޞާދީ މަސައްކަތްތަކަށް ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނައުމުގައި މިހާރުގެ ޤާނޫނީ އޮނިގަނޑު ފަރުމާކުރެވިފައިވާގޮތުން ނުކުންނަ ނުރަނގަޅު އަދި ނޭދެވޭ ނަތީޖާތައް ނައްތާލުމަށްޓަކައި، ޤާނޫނީ އޮނިގަނޑަށް އިސްލާހް ހުށަހެޅިފައިވާގޮތަށް ބަދަލު ގެނައުމަށް ކެބިނެޓްގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close