މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އެއާޕޯޓަށް ފްލައިޓްތައް ނުޖެއްސި ގިނަ އަދަދެއްގެ ދަތުރުތަކަށް ބުރޫއަރައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި ވައިގަދަވެ، ދުރު ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި ބައިނަލްއަޤުވާމީ ގިނަ ފްލައިޓްތަކެއް ނުޖެއްސި، ވައިގެ ތެރޭގައި މަތިންދާބޯޓުތައް މަޑުކުރަން ޖެހުމުގެ އިތުރުން ބައެއް ދަތުރުތައް ވަނީ އެހެން އެއާޕޯޓްތަކަށް މިސްރާބު ބަދަލުކުރަން ޖެހިފައެވެ.
ފްލައިޓް ޓްރެކިން ޕްލެޓްފޯމު ތަކުން ދައްކާ ގޮތުގައި ވައިގެ މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ވައިގެ ސަރަހައްދުގައި ރަންވޭއަށް އިސްކަންދެވޭނެ ފުރުސަތެއް ނުލިބި ގިނަ ބޯޓުތަކެއް ވަނީ ބުރުޖަހަން ޖެހިފައެވެ. ދަތުރުތަކަށް ބުރޫއެރި އެއާލައިންތަކުގެ ތެރޭގައި އެއިރޯފްލޮޓް، ގަތަރު އެއާވޭސް، ސްރީލަންކަން އެއާލައިންސް، އިންޑިގޯ އަދި ފިޓްސްއެއާ ހިމެނެއެވެ.
މީގެ އިތުރުން ދުބައިއިން ރާއްޖެއަށް އައި ފްލައިޑުބާއީގެ ފްލައިޓަކަށް ވެލާނާ އެއާޕޯޓަށް ނުޖެއްސުމުގެ ސަބަބުން ވަނީ އަނބުރާ ސްރީލަންކާގެ ކޮލަމްބޯއަށް ޑައިވާޓުކޮށްފައެވެ. އެއާޕޯޓުގެ ފްލައިޓް ޝެޑިއުލްއިން ދައްކާ ގޮތުގައި ބައިނަލްއަޤުވާމީ އެރައިވަލްގެ ބައެއް ދަތުރުތައް ވަނީ ތާވަލަށްވުރެ ވަރަށް ބޮޑަށް ލަސްވެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މަޢުލޫމާތު ދޭ ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެއެވެ. އެހެންކަމުން ވައިގެ އަދި ކަނޑުގެ ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

