ދީން

ތިބާ ކުރާ ފާފައިގެ ސަބަބުން އުންމަތަށް އަސަރު ކުރާކަން މިޙާދިޘާއިން އެނގޭނެއެވެ.

ވަރަށް ގިނަ މީހުން ބުނު އުޅޭ ބަހެކެވެ. އަހަރެން ކުރާ ފާފައިގެ ޢަޛާބު ލިބޭނީ އަހަންނަކަށް ނޫންހެއްޔެވެ؟ ދެން ކަލޭމެންނާއި ކޮންބެހޭ ކަމެއްހެޔެވެ. ނުބެހޭ ކަންތައްތަކާއި ނުބެހި ތިބޭށެވެ.

އަންނަނިވި ޙާދިޘާ ކިޔާލާށެވެ. އޭރުން ތިބާ ކުރާ ފާފައިގެ އަސަރު ކުރަނީ ތިބާއަށް އެކަނި ނޫންކަން އެނގިގެންދާނެއެވެ. މިޙާދިޘާ އެކި ޢިލްމުވެރިން އެކި ގޮތަށް ގެންނަވާފައިވެއެވެ. އެހެންނަމަވެސް މި ލިޔުމުގައިވެސް މި ހިމަނާލަނީ މިޙާދިޘާގެ އަސްލު ނުގެއްލޭގޮތަށެވެ.

މޫސާ ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުންނަށް ދިމާވި ހަނަފަސްކަމުގެ ވާހަކަ އެވެ. ވާރޭނުވެހި ގިނަދުވަސްވުމުގެ ސަބަބުން ގަސްތައްމަރުވެ، ޖަނަވާރުތައްވެސް މަރުވަމުން ދިޔައެވެ. މޫސާ ޢަލައިހިއްސަލާމުގެ ޤައުމުގެ މީހުންނަށް ފެނުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެގެން ދިޔައެވެ. އެންމެފަހުން، މީސްތަކުންގެ އެދުމުގެ މަތިން މޫސާ ޢަލައިހިއްސަލާމް ﷲ ތަޢާލާގެ ޙަޟްރަތުގައި އުޑުން ވާރޭވެއްސަވައިދެއްވުމަށް އެދި ދުޢާފުޅު ކުރެއްވިއެވެ. ނުވަތަ ދެންނެވިއެވެ. ބައެއް ރިވާޔަތްތަކުން އެނގޭގޮތުގައި ﷲ ތަޢާލާ އެންގެވީ އެންމެން ފާފަތަކުން ދުރުހެލިވެ ތައުބާވުމަށެވެ.

މޫސާ ޢަލައިހިއްސަލާމްގެ ޤައުމުގެ މީސްތަކުން ތައުބާވެއްޖެކަން އިޢުލާންކުރުމުންވެސް އުޑުން ވާރޭ ވެހިގެނެއް ނުދިޔައެވެ. މޫސާ ޢަލައިހިއްސަލާމް ﷲ ތަޢާލާގެ ޙަޟްރަތުގައި އުޑުން ވާރޭ ވެއްސަވައިދެއްވުމަށް ދެންނެވުމުން ﷲ ތަޢާލާ އެންގެވީ މީސްތަކުންގެ ތެރޭގައި ތައުބާނުވާ އެކަކު ވާކަމަށެވެ. ހަމަ އެންމެ މީހެކެވެ. ދެން މޫސާ ޢަލައިހިއްސަލާމް މީސްތަކުން އެންގެވިއެވެ. ތައުބާނުވާ މީހާ، މީސްތަކުންގެ ކުރިޔަށް ނުކުންނާށެވެ. އެކަކުވެސް ނުނިކުތެވެ. އެގޮތަށް ވަގުތުކޮޅެއް ހޭދަވުމަށްފަހު، އުޑުން ވާރޭވެހެން ފަށައިފިއެވެ. އެހާރުން، މޫސާ ޢަލައިހިއްސަލާމް މީސްތަކުގެ ފަހަތަށްޖެހިވަޑައިގެން ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވިއެވެ. އެމީހަކު ތައުބާވީތޯއެވެ. ﷲ ތަޢާލާ އެމީހަކު ތައުބާވެއްޖެކަމަށާއި އަދި އެމީހާގެ ފާފަ ތިމަން އިލާހު ފުއްސަވައިދެއްވައިފިންކަން އެންގެވިއެވެ.

އެހިސާބުން މޫސާ ޢަލައިހިއްސަލާމް، އެއީ ކާކުކަން އަންގަވައިދެއްވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވިއެވެ. އެހެނަސް ﷲ ތަޢާލާ މޫސާ ޢަލައިހިއްސަލާމަށް އެންގެވިއެވެ. އޭނާގެ ޢުމުރުން ހޭދަވި ދުވަހެއް ހޭދަވީ ފާފަކުރުމުގައެވެ. އެހެނަސް މިއަދާހަމައަށްވެސް ތިމަން އިލާހު އޭނާ ފަޟީޙަތެއް ނުކުރައްވަމެވެ. އެހެނަސް މިއަދު އޭނާ ތައުބާވުމުން އޭނާ ފަޟީޙަތްކުރައްވަންވީ ހެއްޔެވެ.

މި ޙާދިޘާއިން އަޅުގަނޑުމެންނަށް ވަރަށް މުހިންމު ދެކަމެއް އެނގިގެން ދެއެވެ. ފުރަތަމަކަމަކީ މީސްތަކުން ކުރާ ފާފައިގެ ސަބަބުން މުޅި އުންމަތަށް އެކަމުގެ އަސަރު ފޯރާކަމެވެ. އަނެއްކަމަކީ މީހަކު ފާފަ ކުރާކަން އެނގުމުންވެސް އެމީހަކު ފަޟީޙަތްނުރުމުގެ މާތްކަމެވެ. އެމީހަކު އިސްލާޙުކުރުމަށް މަސައްކަތްކުރުމުގެ މާތްކަމެވެ.

(މިވާހަކަ މި ލިޔުމުގައި ގެނެސްދީފައިވަނީ ޝައިޚް މުޙަންމަދު ހޮބްލޮސް ވިދާޅުވެދެއްވާފައިވާގޮތަށް، އޭގެ އަސްލު ނުގެއްލޭގޮތަށެވެ.)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close