ދުވާލާއި ރޭގަނޑު 12 ރަކްޢަތް ކުރާ މީހަކަށް، ސުވަރުގޭގައި ގަނޑުވަރެއް
ދުވާލާއި ރޭގަނޑު 12 ރަކްޢަތް ކުރާ މީހަކަށް، ސުވަރުގޭގައި މާތްﷲ ގަނޑުވަރެއް ބިނާކޮށްދެއްވާނެ ކަމަށް ކީރިތި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ބަސްފުޅު ހަނދާނަން ގެންނަމާހެއްޔެވެ.
އެ ޙަދީޘް ފުޅުގައި އެވަނީ ފަރުޟު ނަމާދާއި ގުޅިގެން ކުރުން ސުންނަތްކަން ވަރަށް ގަދަވެގެންވާ ސުންނަތް ނަމާދުތަކެއް ކަމުގައިވާ ”ރަވާތިބު ސުންނަތް” ތަކުގެ ވާހަކަފުޅެވެ.
ފަރުޟު ނަމާދާއި ގުޅިފައިވާ، ކުރުން ގަދަ ރަވާތިބު ސުންނަތް ތަކެއް ވެއެވެ. އެއީ މުޅިއެކު 12 ރަކްޢަތެވެ. އެއީ މެންދުރު ނަމާދުގެ ކުރީ ހަތަރު ރަކްޢަތް، އަދި ފަހުން ދެ ރަކްޢަތް، މަޣްރިބު ނަމާދު ފަހުން ދެ ރަކްޢަތް، ޢިޝާ ނަމާދު ފަހުން ދެރަކްޢަތް، އަދި ފަތިސް ނަމާދުގެ ކުރީގައި ދެ ރަކްޢަތެވެ.
ނޯޓް : (ރަވާތިބް ސުންނަތަކީ 10 ކަމަށްވެސް ބައެއް ޢިލްމުވެރިން ބައްލަވައެވެ. އެއީ އެ ބޭފުޅުން ބައްލަވާ ގޮތުގައި، މެންދުރުގެ ކުރީގައި އޮންނަނީ 2 ރަކްޢަތެވެ. 4 ރަކްޢަތެއް ނޫނެވެ.)
ސުންނަތް މި ނަމާދުތަކުގެ މާތްކަން ބަޔާން ކޮށް ދެއްވަމުން ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ: أُمَّ حَبِيبَةَ تَقُولُ
سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ
މާނައަކީ: “ރަސޫލާގެ އަނބިކަނބަލުން އުއްމު ޙަބީބާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމ މިހެން ޙަދީޘް ކުރެއްވި އަޑު އެހީމެވެ. ޙަދީޘް ކުރެއްވިއެވެ. ” ދުވާލާއި ރޭގަނޑު ބާރަ ރަކްޢަތް ކުރާ މީހަކަށް، ސުވަރުގޭގައި މާތްﷲ ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ. “
ރަވާތިބު ސުންނަތުގެ މުހިއްމުކަން ދޭހަވަނީ :-
1- މި ކަން ކުރެއްވުން މަތީ ކީރިތި ރަސޫލާ ދެމި ހުންނެވިއެވެ. އެ ގޮތުން ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ. كَانَ يُصَلِّي قَبْلَ الظُّهْرِ أَرْبَعًا فِي بَيْتِي ثُمَّ يَخْرُجُ فَيُصَلِّي بِالنَّاسِ ثُمَّ يَرْجِعُ إِلَى بَيْتِي فَيُصَلِّي رَكْعَتَيْنِ
މާނައަކީ: ”މެންދުރު ނަމާދުގެ ކުރިން، ކީރިތި ރަސޫލާ އަހަރެންގެ ގޭގައި ހަތުރު ރަކްޢަތް ކުރައްވައެވެ. އެއަށްފަހު ނިކުމެވަޑައިގެން މީހުންނާއިގެން ނަމާދު ކުރައްވައެވެ. ދެން އަށްފަހު އެނބުރި އަހަރެންގެ ގެއަށް ވަޑައިގަނެ ދެ ރަކްޢަތް ކުރައްވައެވެ. ” (ރަވާހު އަބޫދާއޫދް)
2- މި ނަމާދު ކުރުމުން ލިބެން އޮތް ޘަވާބުގެ ބޮޑު ކަން، ކީރިތި ރަސޫލާ އަންގަވާފައިވޭ މަތީގައިވާ ޙަދީޘުން މިކަން އެނގޭ.
3- މީހާ ކުރާ ކޮންމެ ސަޖިދައަކީ އޭނާގެ ދަރަޖައެއް އުފުލި ފާފައެއް ފޮހެވޭ ކަމެކެވެ. މި ގޮތުން ރަވާތިބު ސުންނަތަކީވެސް މި މަޤްޞަދު ޙާޞިލްވާނެ އަދި އެހެން ސުންނަތް ނަމާދަށް ވުރެ މޮޅު އިތުރު އެއްޗެކެވެ.
4- މި ސުންނަތްތަކަކީ، ކީރިތި ރަސޫލާ އެ ކުރުން މަތީ ދެމި ހުންނެވި ސުންނަތްތަކެކެވެ.
5- ފަރުޟު ނަމާދާއި ގުޅިފައިވާ ސުންނަތް ނަމާދުތަކަކީ، ފަރުޟު ނަމާދު ކުރާ އިރު އަހަރެމެންނަށް ކުރެވޭ ކުދި ކުދި އުނިކަންތައްތައް ފޫބައްދައިދޭ އެއްޗެއް.
މަޢުލޫމާތު ނެތީ : ކަވާސާ.ކޮމް އިން

