އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ހުއްދަ ދިނީ ރާއްޖެއިން ފަރުވާ ހޯދެން ނެތުމުން – ހޯމް މިނިސްޓްރީ
ކުރީގެ ނައިބްރައީސް އަޙްމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ހުއްދަ ދީފައިވަނީ އެމަނިކުފާނުގެ ބައްޔަށް ރާއްޖެއިން ފަރުވާ ހޯދެން ނެތުމުން ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބެރަށް ދިޔުމަށް ހުއްދަ ދިނުމާއި ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުގެ ސިއްހީ މާހިރުން ގެނެސްގެންވެސް މަސައްކަތްކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެއްވެސް އަލިމަގެއް ނުފެނުނު ކަމަށެވެ.
އެހެންވީމާ ކަމާގުޅުންހުރި ސިއްހީ މާހިރުންގެ މަތިން އަދީބު ބެރަށް ފިރުނުވުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލގެ ގާނޫނުގެ 70 ވަނަ މާއްދާގެ ދަށުން ހަމަ އެ ގާނޫނުގެ 110 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މެޑިކަލް ބޯޑުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި އަދީބުގެ މި ދަތުރާއި ގުޅިގެން ބަލަހައްޓަން ޖެހޭ ސަލާމަތީ ހުރިހާ ކަމެއް މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން މި ދަތުރގައި އަދީބާއި އެކު ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިޝަލުން ދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނެފައިވަނީ މެޑިކަލް ބޯޑުގެ މި ނިންމުމަކީ ސިއްހީ ހާލަތާއި ގުޅގްނެ ކަށަވަރުކޯށްދޭންޖެހޭ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އަދި މި ނިންމުމާއި ގުޅިގެން އަދުލުއިންސާފަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ. އިންސާފުގެ ކުރިމައްޗަށް އަދީބު ހާޒިރު ކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށް ސަރުކާރުން ހުރިހާ ފިޔަވަޅެއްވެސް އަޅާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދީބަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަދީފައިވަނީ އެކި މައްސަލަތަކުގައި އަދީބުގެ މައްޗަށް އިއްވާފައިވާ ދިގު މުއްދަތުގެ ޖަލު ހުކުމްތައް ބާތިލްކޮށްފައިވަނިކޮށެވެ.
އެގޮތުން އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލްކޮށްފައެވެ.
އަދި މީގެ އިތުރަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައިގަޔާއި، ނޫސްވެރިޔާ އަހުމަދު ރިޟުވާން އަބުދުﷲ ވަގަށް ނަގައި ގެއްލުވާލި މައްސަލަގައި އަދީބަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާ ކޮމިޝަނަށް ހާޟިރުކޮށް ބަޔާނެއް ނަގާފައެވެ.

